މާފަންނު މެދު ދާއިރާގެ މަގުތައް ޑިސްއިންފެކްޓްކުރަން ފަށައިފި

މާފަންނު ޑިސްއިންފެކްޓްކުރަނީ---

މިހާރު މުޅި ދުނިޔެއާއި ރާއްޖޭގައި ފެތުރެމުންދާ ކޮރޯނާވައިރަހާ ގުޅިގެން މާފަންނު މެދު ދާއިރާއިން އިސްނަގައިގެން އެ ދާއިރާގެ މަގުތައް ޑިސްއިންފެކްޓުކުރަން ފަށައިފިއެވެ.

އެގޮތުން ރޭ ވަނީ ދާއިރާގެ ބައެއް މަގުތައް ޑިސްއިންފެކްޓުކުރުމުގެ މަސައްކަތް ފަށާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) "ސަން"އަށް ވިދާޅުވީ މިއީ ދާއިރާގެ ރައްޔިތުން އިސްނަގައިގެން ކުރިއަށްގެންދާ ހަރަކާތެއް ކަމަށާއި އެ ހަރަކާތް ކޮންމެ ދުވަހަކުވެސް ކުރިއަށް ގެންދާނެ ކަމަށެވެ.

" އަޅުގަނޑުމެން މިހާރު ވާނީ ދާއިރާގެ ބައެއް ގޭގެއަށް އަތް ދޮންނަ އެއްޗެތިވެސް ބަހާފައި" އޭނާ ވިދާޅުވިއެވެ.

ކޮރޯނާވައިރަސް ފެތުރޭތީ މާލޭގެ މިސްކިތްތަކުގެ ކާޕެޓްވެސް މިހާރު ވަނީ ނަގައި އެތަންތަން ޑިސްއިންފެކްޓް ކުރަން ފަށައިފައެވެ.

އޭގެ އިތުރުން މާލޭގައި ދުއްވާ ބަސްތައްވެސް މިހާރު ދަނީ ޑިސްއިންފެކްޓްކުރަމުންނެވެ.

މިހާތަނަށް ބައްޔަށް ޕޮޒިޓިވް ވެފައިވާ ނުވަ މީހަކު ރާއްޖެއިން ފެނިފައިވާއިރު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިޓަލީ، އީރާން، ޗައިނާ، ކޮރެއާގެ އިތުރުން ބަންގްލަދޭޝް އިން ރާއްޖެ އަންނަ މީހުންނަށް ވަގުތީގޮތުން ރާއްޖެ އެތެރެ ނުވެވޭނެ ގޮތް ވަނީ ހަދައިފައެވެ.

ކޮރޯނާވައިރަހުގެ ކޭސްތައް ފެނި، އަދި ޝައްކުކުރެވޭ ކޭސްތަކެއް ފެނިފައިވާ ބައެއް ރިސޯޓުތައް ވަނީ މީހުން އަރައި ފޭބުން ވަގުތީގޮތުން މެދުކަނޑާލައި، މޮނިޓަރިން ހާލަތަށް ގެނެސްފައެވެ.

ރިސޯޓުތަކަށާއި ސަފާރީތަކަށް އަންނަ ފަތުރުވެރިންވެސް ރަށްރަށަށް އެކްސްކާޝަންއަށް ގެންދިޔުން މަނާކޮށްފައިވާއިރު ރާއްޖޭގައި 30 ދުވަހުގެ މުއްދަތަށް އާންމު ސިއްހަތުގެ ކުއްލި ނުރައްކާ ވަނީ އިއުލާނު ކޮށްފައެވެ.

comment ކޮމެންޓް