ސޫރިޔަވަންޝީ އެޅުވުން ފަހެއް ނުކުރާނެ

ސޫރިޔަވަންޝީގެ ޕޯސްޓަރެއް---

އަކްޝޭ ކުމާރު ލީޑު ރޯލުން ފެނިގެންދާ ރޯހިތު ޝެޓީގެ ފިލްމު 'ސޫރިޔަވަންޝީ' ސިނަމާތަކުގައި އަޅުވާ ތާރީޚު ފަހެއް ނުކުރާނެ ކަމަށް ޚަބަރުތައް ބުނެފި އެވެ.

މި މަހު 27 ވަނަ ދުވަހު ސިނަމާތަކުގައި އެޅުވުމަށް ހަމަޖެހިފައިވާ ސޫރިޔަވަންޝީ އެޅުވުން ފަސްކުރާކަމަށް ދެކެވެމުން އަންނަ ވާހަކަތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ފިލްމު ގެނެސްދޭ ކުންފުނި ރިލައެންސް އެންޓަޓެއިންމަންޓުން ވަނީ ބުނެފަ އެވެ.

ދީފައިވާ ތާރީހާ އެއްގޮތަށް ފިލްމު އަޅުވަން މަސައްކަތްކުރަމުން އަންނަ ކަމަށް ރިލައެންސުން ބުނެ އެވެ.

ބޮލީވުޑްގެ އޭ ލިސްޓްގެ ތަރިން ކަމަށްވާ ރަންވީރު ސިންހް އާއި އަޖޭ ދޭވްގަންވެސް މި ފިލްމުން ފެނިގެންދާއިރު މި ފިލްމުގެ ބަތަލާގެ ރޯލު ކުޅޭނީ ބަތަލާ ކެޓްރީނާ ކެއިފް އެވެ. 'ސޫރިޔަވަންޝީ' އަކީ 'ސިންގަމް' އަދި 'ސިމްބާ'ގެ ސްޕިން-އޯފް އެކެވެ. އަދި އެއީ ވެސް 'ސިންގަމް' ސީރީޒްގެ ފިލްމެއް ކަމަށް ރޯހިތު ވަނީ ބުނެފަ އެވެ. އެ ފިލްމުގައި އަކްޝޭ ފެނިގެންދާނީ "އޭޓީއެސް އޮފިސަރު ވީރް ސޫރިވަންޝީ" ކިޔާ ފުލުހެއްގެ ރޯލުންނެވެ.

އެކްޝަން ގިނަ މަންޒަރުތަކެއް ފެނިގެންދާ އެ ފިލްމުގައި ޓައިގާ ޝްރޮފްގެ ބައްޕަ ޖެކީ ޝްރޮފް ވެސް ފެނިގެންދާނެ އެވެ.

comment ކޮމެންޓް