ބޯޑާ ސެކިއުރިޓީއާ ގުޅޭ ވޯކްޝޮޕް ނިންމާލައިފި

ބޯޑާ ސެކިއުރިޓީއާ ގުޅޭ ވޯކްޝޮޕް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގެ ތެެރެއިން--- ފޮޓޯ: އިމިގްރޭޝަން

"އެޑްރެސިން ބޯޑާ ސެކިއުރިޓީ އެންޑް ކައުންޓާ ޓެރަރިޒަމް ބައި ސްޓްރެންތެނިން އިންޓަ އެޖެންސީ ކޯޕަރޭޝަން އިން ބޯޑާ މެނޭޖްމަންޓު"ގެ ނަމުގައި ކުރިއަށް ދިޔަ ބޯޑާ ސެކިއުރިޓީއާ ގުޅޭ ވޯކްޝޮޕް ނިންމާލައިފިއެވެ.

ތިން ދުވަހުގެ މުއްދަތަކަށް ބަނޑޮސް ރިސޯޓްގައި ކުރިއަށް ދިޔަ އެ ވޯކްޝޮޕްގައި އަށް މުއައްސަސާއަކުން 22 ފަރާތަކުން ބައިވެރިވިއެވެ. މިއީ އިމިގްރޭޝަނާއި އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން އަދި އދ.ގެ ނޭޝަންސް އޮފީސް އޮފް ކައުންޓާ ޓެރަރިޒަމް ގުޅިގެން ބޭއްވި ވޯކްޝޮޕެކެވެ.

މި ވޯކްޝޮޕްގައި ކައުންޓާ ޓެރަރިޒަމްގެ ސަބަބުން ބޯޑަރުގެ ސަލާމަތާ ގުޅުން ހުރި މައްސަލަތައް ދެނެގަނެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރިއެވެ.

ހަމައެއާއެކު ބޯޑަރު ބެލެހެއްޓުމުގައި އަމަލުކުރާ ފުރިހަމަ އުސޫލުތަކާ ގުޅޭގޮތުން މައުލޫމާތުދީ، ޓެރަރިޒަމް އަދި ބޯޑަރު ހުރަސްކޮށް ހިންގާ މިފަދަ އަމަލުތައް ހުއްޓުވުމަށް ކަމާބެހޭ އިދާރާތަކުގެ ގާބިލްކަން ކުރިއެރުވުމަށް މަޝްވަރާ ކުރިއެވެ.

އެ ވޯކްޝޮޕް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއެންޑީއެފްގެ ވައިސް ޗީފް ބްރިގޭޑިއާ ޖެނެރަލް އަބްދުއް ރަހީމް އަބްދުއް ލަތީފް ވިދާޅުވީ ރާއްޖޭގެ ހުރިހާ ސެކިއުރިޓީ އޭޖެންސީތަކުގެވެސް އަމާޒަކީ ހުރިހާ ދިވެހިންގެ ސަލާމަތްތެރިކަން ކަށަވަރުކުރުން ކަމަށެވެ.

އެހެންކަމުން އިންޓްރާ އެޖެންސީތަކާއި އިންޓާ އެޖެންސީތައް އިތުރަށް ގުޅިގެން މަސައްކަތްކުރަން ޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.

އަދި އޭޖެންސީއެއް އެކަނި މަސައްކަތް ކޮށްގެން ކުރެވޭނެ މާބޮޑު މަސައްކަތެއް ނޯންނާނެކަމަށާއި، ނަމަވެސް ހުރިހާ އޭޖެންސީތައް ގުޅިގެން މަސައްކަތް ކޮށްފިނަމަ ބޮޑު ބާރަކަށް ވެގެން ދާނެކަމަށް ލަތީފް ވިދާޅުވިއެވެ.

comment ކޮމެންޓް