ޔުނައިޓެޑް އެންމެ އުހަށް އެރުމަށް އަދި ދެތިން އަހަރު ނަގާނެ: ރޫނީ

މެންޗެސްޓާގެ ކުޅުންތެރިން ގޯލު ޖެހުމަށްފަހު އުފާފާޅު ކުރަނީ ---

އިނގިރޭސި ފުޓުބޯޅައިގެ އެންމެ އުހަށް އަލުން އަނބުރާ މެންޗެސްޓާ ޔުނައިޓެޑް އެރުމަށް އަދި ދެތިން އަހަރު ނަގާނެ ކަމަށް އެ ޓީމުގެ ކުރީގެ ފޯވާޑް ވޭން ރޫނީ ބުނެފި އެވެ.

މެންޗެސްޓާ ޔުނައިޓެޑުގެ ތާރީހުގައި ވެސް އެކުލަބަށް އެންމެ ގިނަ ގޯލު ޖަހައިދިން އެ ޓީމުގެ ކުރީގެ ފޯވާޑް ވޭން ރޫނީ 13 އަހަރަށް ވުރެން ގިނަ ދުވަހު އެކުލަބަށް ކުޅުމަށްފަހު ކުލަބު ދޫކޮށްލީ 2017 ވަނަ އަހަރު އެވެ. އެ ޓީމުގެ ކުރީގެ ކޯޗު ސާ އެލެކްސް ފާގަސަންގެ ކޯޗުކަމުގައި 2013 ވަނަ އަހަރު ޕްރިމިއާ ލީގު އުފުލާލި ފަހުން އެ ކުލަބަށް މިހާތަނަށް ލީގު ތަށީގައި އަތް ޖައްސާލަން ލިބިފައެއް ނުވެއެވެ.

މީގެ ކުރިން ފަސްފަހަރު ޕްރިމިއާ ލީގުގެ ތަށި ޔުނައިޓެޑާ އެކު އުފުލާލި އުމުރުން 34 އަހަރުގެ ރޫނީގެ ފުޓުބޯޅަ ހަޔާތް ނިމުމަކާއި ގާތްވެފައިވީ ނަމަވެސް އޭނާ އަންނަނީ ޑާބީ ކައުންޓީއާ އެކު މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އެފްއޭކަޕުގެ ފަސްވަނަ ރައުންޑަށް އެ ޓީމު ދަތުރުކޮށްފައިވާ އިރު ދެން މެޗެއްގައި އެ ޓީމު އިއްތިފާގަކުން ވާދަ ކުރަން ޖެހެނީ ޔުނައިޓެޑާ އެވެ.

އަހަރުތަކެއް ފަހުން ރޫނީގެ ކުރީގެ ކުލަބާ ދެކޮޅަށް އޭނާ ކުޅެން ނުކުންނަ އިރު މިހާރު އެކުލަބުގެ ހާލަތު ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑަށް ތަފާތުވެފައިވާ ކަމަށް ރޫނީ ވަނީ ބުނެފަ އެވެ.

"މެންޗެސްޓާ ޔުނައިޓެޑް އަލުން އަނބުރާ އެންމެ އުހަށް އެރުމަށް ވަގުތު ނަގާނެ. އަހަރެން ގަބޫލު ކުރާ ގޮތުގައި ކުރިއަށް އޮތް ދެތިން އަހަރެއްގެ ތެރޭގައި އެހިސާބަށް ވާސިލް ވެވިދާނެ. ބައެއް ކުޅުންތެރިން ދޫކޮށްލަން ޖެހޭ، އަދި އިތުރު ކުޅުންތެރިން ތަކެއް ގެންނަން ވެސް އެބަ ޖެހޭ،" ރޫނީ ބުންޏެވެ.

ރޫނީ ބުނީ މިވަގުތު އިނގިރޭސި ފުޓުބޯޅައިގެ އެންމެ އުހުގައި އޮތް ލިވަޕޫލާއި މެންޗެސްޓާ ސިޓީއިން ވަރުގަދަ ޓީމެއް ބިނާ ކުރީވެސް އެތައް އަހަރެއްގެ މަސައްކަތުން ކަމަށެވެ.

"ޔުނައިޓެޑުން ކެތްތެރިކަމާ އެކު ތިބުމަށް އެދެން. މިއީ ކުއްލިޔަކަށް ވާނެ ކަމެއް ނޫން."

މެންޗެސްޓާ ޔުނައިޓެޑް މިވަގުތު ލީގުގެ ފަސްވަނައިގައި އޮތީ 42 ޕޮއިންޓާ އެކު އެވެ. އެ ޓީމުން އަމާޒުހިފާފައިވާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް ހަތަރުވަނައިގައި އޮތް ޗެލްސީއާއި ދެމެދު ތިން ޕޮއިންޓްގެ ފަރަގެއް އޮތް އިރު ލީގުގައި ބާކީ 10 މެޗު އެބައޮތެވެ.

comment ކޮމެންޓް