ކޯޕަރޭޓް ގަވަަނަންސް އެވޯޑު އެސްޓީއޯ، އެލައިޑް އަދި ސްޓެލްކޯ އިން ހޯދައިފި

ސީއެމްޑީއޭގެ އެކްޓިން ސީއީއޯ ފާތިމަތު އަބްދުﷲ ކަމާލުއްދީން-- ސަން ފޮޓޯ/ އަހްމަދު ސައީދު

ކޯޕަރޭޓް ގަވަނަންސް އިން އެންމެ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރި ކުންފުނިތަކަށް ދޭ "ސީޖީ އެފަޓްސް އެވޯޑް" އެސްޓީއޯ، އެލައިޑް އަދި ސްޓެލްކޯއަށް ލިބިއްޖެ އެވެ.

ކޯޕަރޭޓް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)އިން ދޭ މި އެވޯޑު އެކުންފުނިތަކަށް ހަވާލުކުރީ ރޭ ބޭއްވި ގޯލްޑް 100 ގާލާގެ ތެރެއިންނެވެ.

އެވޯޑު ކާމިޔާބުކުރި ކުންފުނިތަކަށް އެވޯޑު ހަވާލުކޮށްދެއްވީ ސީއެމްޑީއޭގެ އެކްޓިން ސީއީއޯ ފާތިމަތު އަބްދުﷲ ކަމާލުއްދީން އެވެ.

"މި އެވޯޑުގެ މަގްސަދަކީ ރާއްޖޭގެ ކުންފުނިތައް ކޯޕަރޭޓް ގަވަނަންސްގެ ހަރުދަނާ އުސޫލުތައް އެޑޮޕްޓް ކުރަން ހިތްވަރު ދިނުން." ފާތިމަތު ވިދާޅުވި އެވެ.

ސީޖީ އެފަޓްސް އެވޯޑު މީގެ ކުރިން ދެމުން އައިސްފައި ވަނީ ދެ ގިންތިއަކުންނެވެ. ނަމަވެސް މި އަހަރުގެ އެވޯޑުގައި ސްޓޭޓް އޯންޑް އެންޓަޕްރައިސަސްގެ ނަމުގައި އާ ގިންތިއެއް ވެސް ވަނީ ތައާރަފުކޮށްފަ އެވެ.

އެސްޓީއޯއަށް އެވޯޑު ލިބިފައި ވަނީ ލިސްޓަޑް ކުންފުނިތަކުގެ ބައިންނެވެ. ނޮން ލިސްޓަޑް ކުންފުނިތަކުގެ ބައިން އެލައިޑަށް އެވޯޑު ލިބުނުއިރު، ސްޓެލްކޯއަށް އެވޯޑު ލިބުނީ އަލަށް ތައާރަފުކުރި ސްޓޭޓް އޯންޑް އެންޓަޕްރައިސަސްގެ ބައިންނެވެ.

މި އެވޯޑާ ހަވާލުވެވަޑައިގަތުމަށް ފަހު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ މިއީ ނަމޫނާ ކުންފުންޏެއްގެ ގޮތުގައި ސްޓެލްކޯ ބާއްވަން އެކުންފުނީގެ މުވައްޒަފުން ކުރާ ބުރަ މަސައްކަތުގެ ސަބަބުން ލިބުނު އެވޯޑެއް ކަމަށެވެ.

ސީޖީ އެފަޓްސް އެވޯޑަކީ 2018 ވަނަ އަހަރު ސީއެމްޑީއޭ އިން ތައާރަފުކުރި އެވޯޑެކެވެ.

comment ކޮމެންޓް