ސްޕޯޓްސް ކޯޕަރޭޝަނާއި ކައުންސިލް ގުޅިގެން އުނގޫފާރު ފުޓްބޯޅަދަނޑު ތަރައްގީކުރަނީ

އުނގޫފާރު ފުޓްބޯޅަދަނޑު ސްޕޯޓްސް ކޯޕަރޭޝަނާއި އުނގޫފާރު ކައުންސިލް ގުޅިގެން ތަރައްގީކުރަން ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ސްޕޯޓްސް ކޯޕަރޭޝަން

ރަށު ފެންވަރުގައި ކުޅިވަރު އިންފްރާސްޓްރަކްޗަރ ގާއިމްކުރުމުގެގޮތުން އުނގޫފާރު ފުޓްބޯޅަދަނޑު، ސްޕޯޓްސް ކޯޕަރޭޝަނާއި އުނގޫފާރު ކައުންސިލް ގުޅިގެން ރ. އުނގޫފާރު ފޮޓްބޯޅަ ދަނޑުތަރައްގީކުރަން ނިންމައިފިއެވެ.

މިއަދު މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، އެކަމާ ގުޅޭ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.

އެ އެއްބަސްވުމުގައި ސްޕޯޓްސް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިންގ ޑިރެކްޓަރ، މައުރޫފު އަޙްމަދެވެ. އަދި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ނައިބު ރައީސް، މުހައްމަދު އަފްލާހެވެ.

މިއީ އުނގޫފާރުގައި ކުޅިވަރު ކުރިއަރުވައި ތަރައްގީކުރުމަށް އުނގޫފާރު ކައުންސިލާއި މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ލިމިޓެޑާ ގުޅިގެން ދެފަރާތުން ކުރެވެންހުރި މަސައްކަތްތައް ކުރުމަށާއި، ރަށު ފެންވަރުގައި ކުޅިވަރު އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމަށާއި، ރައްޔިތުން ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ބޭނުންވާނެ ކަސްރަތު، ކުޅިވަރުގެ ތެރެއިން ފަހިކޮށްދިނުމުގެ ގޮތުން ވެވުނު އެއްބަސްވުމެއްކަމަށް ސްޕޯޓްސް ކޯޕަރޭޝަނުން ބުންޏެވެ.

އޭގެ އިތުރުން ކުޅިވަރުކުޅުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ލިމިޓެޑާއި އުނގޫފާރު ކައުންސިލާއި ގުޅިގެން ރާވައި ހިންގުމަށް ހަމަޖެހިފައިވާ އެކި ޕްރޮގްރާމްތައް ހިންގުމަށްޓަކައި އުނގޫފާރު ކައުންސިލާއި ސްޕޯޓްސް ކޯޕަރޭޝަން ލިމިޓެޑާ ގުޅިގެން ދެފަރާތުން ކުރެވެންހުރި މަސައްކަތްތައް ކުރުމަށާއި ކާމިޔާބު ޕްރޮގްރާމްތަކެއް ހިންގުމަށް ދެވެންއޮތް އެންމެހައި އެއްބާރުލުމެއް ދިނުމަށް ދެފަރާތް ގުޅިގެން މަސައްކަތް ކުރާނެ ދާއިރާތަކާއި، ގޮތްތައް ކަނޑައެޅުން ހިމެނެއެވެ.

comment ކޮމެންޓް