60 އަށް ވުރެ ގިނަ ބައިވެރިންނާއެކު ބިޒްނަސް އެކްސްޕޯ ފަށައިފި

ރާއްޖޭގެ ވިޔަފާރީގެ ހުރިހާ ދާއިރާތަކެއްގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ ކޯޕަރޭޓް މޯލްޑިވްސް ބިޒްނަސް އެކްސްޕޯ ފަށައިފިއެވެ.

މިއަދާއި މާދަމާ ދަރުބާރުގޭގައި ކުރިއަށްދާ މި އެކްސްޕޯގައި 60 އަށް ވުރެ ގިނަ ވިޔަފާރިތައް ބައިވެރިވެއެވެ.

ބިޒްނަސް އެކްސްޕޯއަކީ ބޮޑެތި ވިޔަފާރި ތަކާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވިޔަފާރި ކުރިއެރުވުމަށްޓަކައި އާ ފުރުސަތުތައް ހޯދައިދިނުމަށްޓަކައި ބާއްވާ އެކްސްޕޯއެއްކަމަށްް އެކްސްޕޯ އިންތިޒާމު ކުރާ އޯރކާ މީޑިއާ ގްރޫޕުން ބުންޏެވެ.

ވިޔަފާރިތަކުން ފޯރުކޮށްދޭ ހިދުމަތްތަކާއި އުފެއްދުންތައް އާންމުންނަށް ދައްކައިލުމުގެ ފުރުސަތު ހޯދައިދިނުމަކީވެސް އެކްސްޕޯގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އެކްސްޕޯގެ ތެރެއިން ވިޔަފާރިއާ ގުޅުންހުރި ހަތަރު ސަމިޓެއް ބާއްވައިރު އެކްސްޕޯ ފަށާފައިވަނީ އަންހެނުންނަށް ހާއްސަ ސަމިޓަކުންނެވެ. މީގެ އިތުރުން ވިޔަފާރިވެރިންނަށް ހާއްސަ ސަމިޓަކާއި މޯލްޑިވްސް ޓޫރިޒަމް ޕްރޮފެޝަނަލް ސަމިޓާއި މޯލްޑިވްސް ފައިނޭންސް ޕްރޮފެޝަނަލް ސަމިޓެއް ބާއްވާނެއެވެ.

ސަމިޓްތަކުގެ ވާހަކަދައްކަވާ ބޭފުޅުންގެ ތެރޭގައި ހިމެނެނީ އެކިއެކި ފަންނުތަކުގެ ފާހަގަކޮއްލެވޭ ބޭފުޅުނެވެ. އެ ބޭފުޅުން، ސަމިޓުތަކުގެ ލިބިފައިވާ ކާމިޔާބީއާއި ތަޖުރިބާ، އެހެން ވިޔަފާރިވެރިންނާއި ވިޔަފާރިއަށް ޝައުގުވެރިވާ ފަރާތްތަކާއި ހިއްސާ ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ވިޔަފާރިވެރިންނަށް ބޭނުންވާ ކަންކަމާއި އެފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމާ މެދު ބައިވެރިންގެ މެދުގައި ހިޔާލު ބަދަލު ކުރުމުގެ ފުރުސަތު ވެސް ސަމިޓުތަކުގެ ބައިވެރިންނަށް ލިބިގެންދާނެއެވެ.

އޯރކާ މީޑިއާ ގްރޫޕުން ބުނެފައިވަނީ މިއަހަރުގެ ބިޒްނަސް އެކްސްޕޯއަށް 3،000 އަށްވުރެ ގިނަ މީހުން ޒިޔާރާތްކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

comment ކޮމެންޓް