ކަލިނަރީ އޮލިމްޕިކްސްގައި ފުރަތަމަ ފަހަރަށް ބައިވެރިވެ، ރާއްޖެއަށް ރަނާއި ރިހީގެ މެޑަލް!

އިކާ ކަލިނަރީ އޮލިމްޕިކްސްގައި ބައިވެރިވި ދެ ދިވެހި ޝެފުން -- ފޮޓޯ/ ޝެފްސް ގިލްޑް އޮފް މޯލްޑިވްސް

ޖަރުމަނުގެ ސްޓުޓްގާޓްގައި ކުރިއަށްދާ 25 ވަނަ އިކާ ކަލިނަރީ އޮލިމްޕިކްސްގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ބައިިވެރިވެ، ފަޚުރުވެރި ދެ މެޑަލް ހޯދައިފިއެވެ.

ކެއްކުމުގެ އެކި މުބާރާތްތަކުން ގޯލްޑް މެޑަލް ހޯދާ ޝެފުންނަށް އެކަނި ވާދަކުރެވޭ، ދުނިޔޭގެ ކެއްކުމުގެ އެންމެ ބޮޑު މުބާރާތުގެ ގޮތުގައި ސިފަކުރާ ކަލިނަރީ އޮލިމްޕިކްސްގައި މި އަހަރު ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ދެ މެމްބަރުން ޖޫދީ ޚާލިދު އަދި އަބްދުލްރަޝީދު އަމިއްލަ ގޮތުން ބައިވެރިވިއެވެ. ކޭކު އެޅުމުގެ ތަޖުރިބާކާރު ދެ ޝެފުންވެސް ވާދަކުރީ ވެޑިންގް ކޭކު ކެޓަގަރީންނެވެ.

އެ ކެޓަގަރީގައި ވާދަކޮށް، ޝެފް ޖޫދީ ޚާލިދު ވަނީ ފަޚުރުވެރި ރަން މެޑަލް ހޯއްދެވި އިރު، ޝެފް އަބްދުލްރަޝީދު ވަނީ ރިހި މެޑަލް ހޯއްދަވާފައެވެ.

މި ކާމިޔާބީ ފާހަގަކުރައްވައި، ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ރައީސާ މަރިޔަމް ނުރައްދީން (މަރީ)ވިދާޅުވީ މިއީ ރާއްޖެއަށް ލިބުނު ވަރަށް ފަޚުރުވެރި މަގާމެއް ކަމަށެވެ. އަދި މި ކާމިޔާބީން ދައްކުވައިދެނީ ދިވެހި ޝެފުންގެ ހުނަރުވެރިކަމާއި ގާބިލިއްޔަތުކަމަށް މަރީ ވިދާޅުވިއެވެ.

އިކާ ކަލިނަރީ އޮލިމްޕިކްސްގައި ބައިވެރިވި ދެ ދިވެހި ޝެފުން -- ފޮޓޯ/ ޝެފްސް ގިލްޑް އޮފް މޯލްޑިވްސް

"ވަރަށް ފަޚުރުވެރި ކާމިޔާބެއް މިއީ. އަދި ޚާއްސަކޮށް މިއީ މި ދާއިރާގެ މަސައްކަތަކީ މީހުން އިތުރަށް ބަލައިގަންނާނެ މަސައްކަތަކަށް ހެދުމަށް ކުރިއަށް އެޅުނު ބޮޑު ފިޔަވަޅެއް،" މަރިޔަމް ނޫރައްދީން ވިދާޅުވިއެވެ.

ދިވެހި ޝެފުންތަކެއް އިކާ ކަލިނަރީ އޮލިމްޕިކްސްގައި ފުރަތަމަ ފަހަރަށް ބައިވެރިވި އިރު، އެ ދެ ޝެފުންވެސް ޖަރުމަނަށް ދިޔައީ އަމިއްލަ ޚަރަދުގައެވެ.

-- ފޮޓޯ/ ޝެފްސް ގިލްޑް އޮފް މޯލްޑިވްސް

ޝެފްސް ގިލްޑް އޮފް މޯލްޑިވްސްއިން ބުނި ގޮތުގައި ދެން އެންމެ އަވަހަށް އޮންނަ 2024 ވަނަ އަހަރުގެ ކަލިނަރީ އޮލިމްޕިކްސްއަށް ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ފަރާތުން ރާއްޖޭގެ ގައުމީ ޝެފުންގެ ޓީމެއް ބައިވެރިކުރުމަށް އެ ޖަމިއްޔާއިން އަންނަނީ މަސައްކަތްކުރަމުންނެވެ.

comment ކޮމެންޓް