ޖަމާލުއްދީން ސްކޫލަށް 35 އަހަރު ފުރުން ފާހަގަކޮށްފި

ޖަމާލުއްދީން ސްކޫލަށް 35 އަހަރު ފުރުން ފާހަގަކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ޖަމާލުއްދީން ސްކޫލް

މާލޭގައި މިހާރު އެންމެ ފާހަގަކޮށްލެވޭ އެއް ސްކޫލް ޖަމާލުއްދީން ސްކޫލްއަށް 35 އަހަރު ފުރުން ފާހަގަކޮށްފި އެވެ.

ޖަމާލުއްދީން ސްކޫލް ވުޖޫދަށް އައީ 16 ފެބްރުއަރީ 1985 ވަނަ އަހަރު އެވެ.

އެ ސްކޫލްގެ ނަން ނިސްބަތް ވަނީ ވާދޫ ދަންނަ ކަލޭފާނަށެވެ. ވާދޫ ދަންނަ ކަލޭފާނަކީ ރާއްޖޭގައި އަމިއްލަ ގޮތުން ތައުލީމް ފެތުރުއްވުމަށް އެންމެ ފުރަތަމަ މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ.

އަހަރީ ދުވަސް ފާހަގަކުރުމަށް މިއަދު ޖަމާލުއްދީން ސްކޫލްގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވައިފަ އެވެެ.

ނާއިބު ރައީސް ފައިސަލް ނަސީމް ވެސް ވަޑައިގެންނެވި އެ ރަސްމިއްޔާތުގައި ސްކޫލްގެ އިސް މަގާމުތަކަށް ހޮވުނު ދަރިވަރުންނަށް ވަނީ ބެޖު ހަވާލުކޮށްދެއްވައިފަ އެވެ. އޭގެ އިތުރުން ސްކޫލްގައި ބޭއްވި ކޭކު ފެޅުމުގެ ހަރަކާތުގައި ވެސް އެމަނިކުފާނު ބައިވެރިވެލެއްވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ފައިސަލް ނަސީމް ވިދާޅުވީ ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ތެރެއަށް ޖަމާލުއްދީން ސްކޫލުން ދައްކުވައިދީފައިވާ ނަމޫނާތަކަކީ މުޅި ޤައުމު ވެސް ފަޚުރުވެރިވާ ފަދަ ކަންތައްތަކެއްކަމަށެވެ.

ޖަމާލުއްދީން ސްކޫލަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދޭން ފެށި ސްކޫލް ވެސް މެއެވެ. ލޯފަން ކުދިންނާއި އަޑުއިވުމުން މަރުހޫމް ކުދިންނަށް ކިޔަވައިދެނީ ވެސް ޖަމާލުއްދީންގައި އެކަންޏެވެ.

ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރުމުގެ އަގުވަޒަންކޮށް އޭރު ރައީސް މައުމޫން އަބްދުލް ގައްޔޫމް ދެއްމުން ދިޔަ ތިމާވެށީގެ ފެހިފަތް އެންމެ ފުރަތަމަ ހާސިލްކުރި ސްކޫލަކީ ވެސް ޖަމާލުއްދީން ސްކޫލެވެ.

އެ ސްކޫލްގެ ދިގު ތާރީހުގައި ތައުލީމީ ގޮތުން ވެސް ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދައިފަ އެވެ. އެގޮތުން ފާއިތުވި ތިން އަހަރު އެ ސްކޫލްގެ ދަރިވަރުން ވަނީ އޯލެވެލް އިމްތިހާންގައި އަށް އޭ ސްޓާ ހޯދައިފަ އެވެ.

އޭގެ އިތުރުން ގުރުއާން މުބާރާތާއި ލަވަ މުބާރާތާއި ވާހަކަ ދެއްކުމުގެ މުބާރާތުގެ ތަށި އެ ސްކޫލުން ވަނީ މިލްކުވެސްކޮށްފަ އެވެ.

ކުރިން ޕްރައިމަރީއަށް ކިޔަވައިދިންނަމަވެސް މިހާރު ޖަމާލުއްދީންގައި ގްރޭޑް 10 އަކާ ހަމައަށް ކިޔަވައިދެ އެވެ.

ތިރީސް ފަސް އަހަރީ ދުވަހާ ގުޅިގެން މިއަދު ވަނީ ހާއްސަ ތީމްއެއްވެސް ކަނޑައަޅާފަ އެވެ.

އެތީމަކީ "ޑްރީމިން އެބައުޓް ފިޔުޗާ ނުވަތަ މުސްތުގަބަލުގައި ވާން ބޭނުން ވަނީ ކޮނަކަހަލަ މީހަކަށް" އެވެ.

"ތީމާ ގުޅުވައިގެން ބައެއް ދަރިވަރުން މިއަދު ސްކޫލަށް އައީ ވެސް އެ ދަރިވަރުން މުސްތަގުބަލުގައި ވާން ބޭނުންވާ މީހާއާ ގުޅޭ ގޮތަށް. އެގޮތުން ބައެއްް ކުދިން ޑޮކްޓަރުގެ ހެދުމުގައި. އަނެއްބައި ކުދިން އައީ ޕައިލެޓް ހެދުމުގައި." ޖަމާލުއްދީން ސްކޫލްގެ ޕްރިންސިޕަލް ހަސަން މުހައްމަދު ވިދާޅުވި އެވެ.

comment ކޮމެންޓް