ކޮކާކޯލާގެ ފުރަތަމަ ޔޫރޯ ނަސީބުވެރިޔާ އިއުލާން ކޮށްފި

ކޮކާ ކޯލާގެ ނަސީބުވެރިން ހޮވުމަށް ބޭއްވި ގުރުއަތު ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ// ކޮކާ ކޯލާ

ކޯކު ފުޅީގެ މަތިގަޑުގައިވާ ހާއްސަ ނަންބަރު އެސްއެމްއެސް ކޮށްގެން މިއަހަރުގެ ޖޫން މަހު ފަށާ ޔޫރޯ މުބާރާތުގެ މެޗެއް ލައިވްކޮށް ބަލާލަން ދިޔުމުގެ ފުރުސަތާއެކު ކޮކާ ކޯލާ އިން ފެށި ޕްރޮމޯޝަނުގެ ފުރަތަމަ ދެ ނަސީބުވެރިން ހޮވައިފި އެވެ.

ކޮކާ ކޯލާއިން ފަށާފައިވާ ޕްރޮމޯޝަނާ އެކު ޔޫރަފު ގައުމުތަކުގެ މެދުގައި ހަތަރު އަހަރުން އެއް އަހަރު ކުޅެވޭ ޔޫރޯގެ މެޗެއް ބަލާލުމުގެ ފުރުސަތު 10 ފަރާތަކަށް ލިބިގެންދާ އިރު މި ޕްރޮމޯޝަންގެ ތެރޭގައި ނަސީބްވެރި ފަރާތްތަކަށް އައިފޯން 11 އާއި އެލްއީޑީ އެޗްޑީ ޓީވީގެ އިތުރުން ޔޫރޯގެ އޮފިޝަލް ބޯޅަ ވެސް ލިބުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ކޮކާ ކޯލާއިން ވަނީ ބުނެފަ އެވެ.

"ރަން ކުލައިގެ މަތިގަނޑެއް ޖަހައިފައި ހުރި 300، 500 އަދި 1.5 ލީޓަރު ކޮންމެ ފުޅިއެއްގެ މަތިގަނޑު ދަށުގައިވާ ހާއްސަ ކޯޑު 2626 އަށް މެސެޖް ކޮށްގެން ގުރުއަތުން ހޮވޭ 10 ފަރާތަކަށް އިތުރު ބައިވެރިއަކާ އެކު ޔޫރޯގެ މެޗެއް ބަލާލަން ދިއުމުގެ ފުރުސަތު ލިބޭނެ،" ކޮކާ ކޯލާގެ ސަރަހައްދީ މެނޭޖަރު މިލިންޑް ބުނެފައިވެ އެވެ.

އޭނާ ބުނީ، ނަސީބުވެރި 10 ފަރާތަކަށް ބައިވެރިއެއް ގޮވައިގެން ބަލާލަން ދާން ފުރުސަތު ދޭނީ ޔޫރޯގެ ދެވަނަ ބުރުގެ މެޗެއް ކަމަށާއި އެ މެޗު ކުޅޭނީ އަޔަލެންޑުގެ ޑަބްލިންގައި ކަމަށެވެ.

މި ޕްރޮމޯޝަންގެ ދަށުން ފުރަތަމަ ދެ ނަސީބުވެރިން ކޮކާ ކޯލާއިން މި މަހުގެ އަށްވަނަ ދުވަހު ވަނީ ހޮވައިފަ އެވެ. ކޮކާކޯލާ އިން ނަސީބުވެރިއަކު ހޮވުމަށް ނެގި ގުރު ނަގާފައިވަނީ ގައުމީ ޓީމުގެ އެސިސްޓެންޓް މެނޭޖަރުގެ މަގާމަށް ދާދި ފަހުން ހަމަޖެއްސި ދިވެހި ރާއްޖޭގައި މިވަގުތު ހުރި އެންމެ ތަޖުރިބާކާރު އެއް ކޯޗު ކަމަށްވާ އަލީ ސުޒޭން އެވެ.

ފުރަތަމަ ނަސީބުވެރިޔާ (7639183) އަށް ލިބިފައި ވަނީ އައިފޯން 11 ފޯން އެކެވެ. އަދި ދެވަނަ ނަސީބުވެރިޔާ (9538508) އަށް ވަނީ އިތުރު ބައިވެރިޔަކާ އެކު ޔޫރޯ މެޗު ބަލާލަން ދިއުމުގެ ފުރުސަތު ލިބިފަ އެވެ.

ކޮކާ ކޯލާއިން ވަނީ މީގެ ކުރިން ޔޫރޯ މުބާރާތަކާއި ވޯލްޑް ކަޕު މުބާރާތުގެ އިތުރުން އިނގިރޭސި ޕްރިމިއާ ލީގުގެ މެޗެއް ބަލާލަން ދިއުމުގެ ފުރުސަތު ވެސް ނަސީބުވެރި ފަރާތްތަކަކަށް ދީފަ އެވެ. އަދި އެ ކުންފުނިން ވަނީ 2018 ވަނަ އަހަރު ވޯލްޑް ކަޕުގެ އޮފިޝަލް ޓްރޮފީ ވެސް ރާއްޖެ ގެނެސް ފުޓުބޯޅައިގެ ސަޕޯޓަރުންނަށް ހަނދާނުން ފިލައިގެން ނުދާނެ ފަދަ ތަޖުރިބާތަކެއް ކުރުމުގެ ފުރުސަތު ހޯދައިދީފަ އެވެ.

comment ކޮމެންޓް