ޔަމަނުގައި ހުރި އަލްގައިދާގެ ލީޑަރު މަރާލައިފި: ޓްރަމްޕް

ޔަމަނުގައި ހަރަކާތްތެރިވާ އަލްގައިދާ ގުރޫޕުގެ ލީޑަރު ގާސިމް އަލް ރީމީ ވަނީ މަރާލާފަ -- ފޮޓޯ: އޭއެފްޕީ

ވޮޝިންޓަން (ފެބްރުއަރީ 7): އަލްގައިދާ ޖަމާއަތުގެ ޔަމަން ގުރޫޕުގައި އިސްކޮށް ހުރި ލީޑަރު އެމެރިކާއިން ދިން ހަމަލާއެއްގައި މަރާލައިފި ކަމަށް އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އަލްގައިދާއިން އެރެބިއަން ޕެނިންސުލާ (އޭކިއުއޭޕީ)ގެ ލީޑަރު ގާސިމް އަލް ރީމީ މަރާލާފައި ވަނީ އެމެރިކާއިން ޔަމަނުގައި ކުރިއަށްގެންދިޔަ އަސްކަރީ އޮޕަރޭޝަނެއްގައި ކަމަށް ވައިޓްހައުސްއިން ނެރުނު ބަޔާނެއްގައިވެ އެވެ. ނަމަވެސް އޭނާ މަރާލީ ކޮން އިރަކު ކަމެއް އެބަޔާނުގައި ބުނެފައި ނުވެއެވެ.

"އޭނާގެ މަރުގެ ސަބަބުން އޭކިއުއޭޕީ އާއި މުޅި އަލްގައިދާވެސް އިތުރަށް ބަލިކަށިވޭ އަދި އެ ޖަމާއަތްތަކުގެ ސަބަބުން އަޅުގަނޑުމެންގެ ގައުމީ ސަލާމަތަށް އޮތް ނުރައްކާ ނައްތާލުމަށް މަގުފަހިވޭ،" އެބަޔާނުގައި ވެއެވެ.

އޭކިއުއޭޕީއަކީ ޔަމަނާއި ސައުދީ އަރަބިއާގައި ހަރަކާތްތެރިވާ އަލް ގައިދާގެ ގުރޫޕުތަކުން 2009ގައި އުފެއްދި ޖަމާއަތެކެވެ. އެ ޖަމާއަތުގެ މަގުސަދަކީ އެމެރިކާގެ ތާއިދު ލިބޭ ސަރުކާރުތައް ވައްޓާލުމާއި އެ ސަރަހައްދުން ހުޅަނގުގެ ނުފޫޒު ނައްތާލުމެވެ.

އެ ޖަމާއަތުގެ ލީޑަރު އަލް ރީމީ މަރުވިކަމަށް މިދިޔަ މަހުގެ ފަހުކޮޅުވެސް އަޑު ފެތުރުނެވެ. ނަމަވެސް އޭނާ ދިރި ހުރި ކަމަށް ބުނެ އޭކިއުއޭޕީން ވަނީ އޭނާގެ އަޑުން ރެކޯޑުކޮށްފައިވާ މެސެޖެއް މިދިޔަ އާދިއްތަ ދުވަހު އާންމުކޮށްފައެވެ. އެ ރެކޯޑިންގައި އަލް ރީމީ ވަނީ އެމެރިކާގެ ފްލޮރިޑާގައި ހުންނަ އަސްކަރީ މަރުކަޒަކަށް މިދިޔަ ޑިސެމްބަރު މަހު ސައުދީ ދަރިވަރަކު ދިން ހަމަލާއަކީ އޭކިއުއޭޕީން ރާވައިގެން ދިން ހަމަލާއެއް ކަމަށް ބުނެފައެވެ. އެ ހަމަލާގައި ހަތަރު މީހަކު މަރުވިއެވެ. އޭގެ ތެރޭގައި ހަމަލާ ދިން ދަރިވަރުވެސް ހިމެނުނެވެ.

comment ކޮމެންޓް