ރޭވުންތެރިކަމާއެކު ވަރުގަދަ ރޫހެއްގައި ކޮރޯނާ ވައިރަސްއާ ދެކޮޅަށް ޗައިނާ ތެދުވެއްޖެ

ޗައިނާގެ ވޫހާން ސިޓީގައި ކޮރޯނާ ކޮންޓްރޯލް ކުރުމަށް ހިންގާ ހަރަކާތްތަކުގެ ތެރެއިން

ބެއިޖިންގް (1 ފެބްރުއަރީ 2020) : ކޮރޯނާ ވައިރަސްގެ އައު ރޯގާ ޖެހިގެން މަރުވި މީހުންގެ އަދަދު 259 އަށް އަރައިފި އެވެ.

ޗައިނާގެ ރަސްމީ މިޑީއާ ބުނާ ގޮތުން މިއަދު ހެނދުނާ ހަމައަށް ކޮރޯނާ ވައިރަސް ރޯގާ ޖެހިގެން އެގައުމުން މަރުވި މީހުންގެ އަދަދު 259 އަށް އަރާފައިވާ ކަމަށާއި 11987 މީހުންނަށް އެ ރޯގާ ޖެހިފައިވާ ކަމުގަ އެވެ.

ޗައިނާގައި ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ ތެރެއިން ބައެއް މީހުންނަށް ޝިފާ ލިބިގެން ހޮސްޕިޓަލުން ދޫކޮށްލާފައިވާ އިރު އޭގެ ތެރޭގައި ގިނައީ ސިއްހަތު ރަނގަނޅު އަދި އެހެން ބަލިތަކުގެ ޝިކާރައަކަށް ނުވާމީހުންކަން ޗައިނާގެ މަސްއޫލުވެރިން ފާހަގަ ކުރައްވާފައިވެ އެވެ. ތައިލެންޑުން ވެސް ވަނީ އެގައުމުން ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ ތެރެއިން ހަތްމީހުން ރަނގަނޅުވެފައިވާކަން ކަށަވަރުކޮށްދީފަ އެވެ.

ކޮރޯނާ ވައިރަސް

އަނެއްކޮޅުން ޗައިނާގެ މަސްއޫލުވެރިން ވިދާޅުވިގޮތުގައި އެގައުމުން ވަނީ މި އައު ރޯގާ ކޮންޓްރޯލްކުރުމަށް ޓަކައި ތާރީޚުގައި ވެސް ކޮށްފައިނުވާ ވަރުގެ ބޮޑެތި މަސައްކަތްތަކެއް ކުރަންފަށައިފަ އެވެ. ޗައިނާ ސަރުކާރާއި އެ ގައުމުގެ ބިޔަ އަދި ބޮޑެތި ކުންފުނިތައް ގުޅިގެން ކުރަން ފަށާފައިވާ މަސައްކަތްތަކުގެ ތެރޭގައި ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމަށް ޑޮކްޓަރުންނާއި ނަރުހުން ފަދަ މީހުން ބޭނުންކުރާ ބާވަތުގެ ހެދުންތަކާއި ވައިރަސްގެ ޓެސްޓްކޮށް ނަތީޖާ އަމިއްލައަށް ދެނެގަތުމަށް ފަރުދީގޮތުން ބޭނުންކުރާ ކިޓްތައް ކުރު މުއްދަތެއްގައި ގިނައިން އުފެއްދުން ހިމެނެ އެވެ.

މިއާއެކު ކޮރޯނާ ވައިރަސްއާ ދެކޮޅަށް ބޭނުންކުރާ ބޭސްތައް އުފައްދާ މިންވަރު ވެސް އެތަށް ގުނައެއް އިތުރުކޮށް މިހުރިހާ އެއްޗެއް ގައުމުގެ ހުރިހާ ސަރަހައްދަކަށް މެދުކެނޑުމެއްނެތި ބަހަމުންގެންދާ ކަމަށް ވެސް ޗައިނާގެ މަސްއޫލުވެރިން ވިދާޅުވި އެވެ.

އަނެއްކޮޅުން ޗައިނާ ރައްޔިތުންގެ ހަށިތަކުގައި ވައިރަސް އާ ދެކޮޅަށް ތަބީއީ ދިފާއީ ބާރު ވަރުގަދަ ކުރުމަށް ޓަކައި ދުވަހަށް ބޭނުންވާ ތަރުކާރީ އާއި މޭވާފަދަ ގުދްރަތީ ކާނާ އެގައުމުގެ ހުރިހާ ސަރަހައްދަކުން ހުސްނުވެ ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި އެ ރޯގާއިން ސަލާމަތްވުމުގެ މައުލޫމާތާއި އިރުޝާދުފޯނާއި އެނޫން ވަސީލަތްތައް މެދުވެރިކޮށް 24 ގަޑި އިރު ރައްޔިތުންނަށް ދިނުމުގެ ކަންތައް ވެސް ވަރަށް ބާރަށް ކުރިޔަށް ގެންދެ އެވެ.

ޗައިނާ ވަނީ ކޮރޯނާ ވައިރަސްގެ ޝިކާރައަކަށް ވެފައިވާ މީހުން ފަރުވާދިނުމަށް ޚާއްސަކޮށްގެން ވަރަށް ބޮޑު އައު ހޮސްޕިޓަލެއް ވެސް ވަނީ ހަފްތާއެއްގެ ތެރޭގައި އަޅައިފަ އެވެ. އެހޮސްޕިޓަލުގެ އިމާރާތް ހަފްތާއެއްގެ ތެޜޭގައި ނިންމާފައިވާއިރު އެތަނަށް ބޭނުންވާ ފަރުނީޗަރާއި ސިއްޙަތާ ބެހޭ ސާމާނު ވެސް މިދިޔަ ހަފްތާގައި ޖަމާކޮށް އެ ހޮސްޕިޓަލުން ޚިދްމަތްދިނުމުގެ ކަންތައް ވެސް ވަނީ ފަށާފަ އެވެ.

ޗައިނާގެ ބޭސް އުފައްދާ ލެބޯޓްރީއެއްގައި ބަޔަކު މަސައްކަތްކުރަނީ

މީގެއިތުރުން ކޮރޯނާ ވައިރަސްއަށް ވެކްސިންއެއް އީޖާދު ކުރުމުގެ މަސައްކަތް ވެސް ޗައިނާގެ ސައެންސްވެރިންނާއި ފަންނީ ފަރާތްތަކުން ގެންދަނީ ހުއްޓުމެއްނެތި 24 ގަޑީއިރު ކުރަމުންނެވެ.

ޗައިނާގައި ބޭސް އުފައްދާ އެތަށް ލެބޯޓްރީއެއްގައި އެތައް ސަތޭކަ ސައެންސްވެރިންނާއި އެތައް ހާސް ފަންނީ މީހުން މިމަސައްކަތްތައް ކުރަމުން ގެންދަނީ ދަންފަޅި ބަހައިގެން ކަމަށްވެއެވެ. މިކަމާބެހޭ ރީސާޗްގެ ގިނަ މަސައްކަތްތަކެއް ފުޅާދާއިރާއެއްގއި ފަށާފައިވާއިރު ޗައިނާގެ މެޑިކަލް ޔުނިވާސިޓީތަކާއި ނަންމަޝްހޫރު ބައެއް ހޮސްޕިޓަލްތައް ވެސް މި މަސައްކަތުގައި ބައިވެރިވެ އެވެ.

ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާ ޑަބްލިޔޫއެޗްއޯ އިން ވަނީ ޗައިނާއިން މާގިނަ ދުވަސްތަކެއް ނުވަނީސް ކޮރޯނާ ވައިރަސް ކޮންޓްރޯލް ކުރާނެކަމަށް ލަފާކޮށްފަ އެވެ. އަދި ކޮރޯނާ ވައިރަސް މިވަގުތު ޗައިނާގައި ބޮޑަށް ފެތުރިފައިވީ ނަމަވެސް ޗައިނާގެ ސިއްހަތާ ބެހޭ ނިޒާމު ވަރުގަދަވެފައި ވަސީލަތްތައް ގިނަވެފައި އާންމު އިންފްރާސްޓްރަކްޗާ ވަރުގަދަކަމުން ޗައިނާއާ މެދު ކަންބޮޑު ނުޥާކަމަށާއި ކަންބޮޑުވަނީ ސިއްހީ ނިޒާމުތައް ދޯހަޅި ފަގީރުގައުމުތަކުގައި މި ވައިރަސް ފެތުރިގެން ހިނގައިދާނެތީކަމަށް ވެސް ޑަބްލިޔޫއެޗްއޯ އިން ބުނެފައިވެ އެވެ. (ޗައިނާގެ މީޑިއާ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު