އެންމެން މާސްކްއަޅާކަށް ނުޖެހޭ، މިކަންކަން މާ މުހިންމު!

އަންހެން ކުއްޖަކު ފޭސް މާސްކް އަޅައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮރޯނާ ވައިރަސް އިން ދިފާއުވުމަށް ހުރިހާ އެންމެން މާސްކުއަޅަން ނުޖެހޭ ކަމަށާއި އެ ރޯގާއިން ސަލާމަތްވުމަށް ކުރަން ޖެހޭ މާ މުހިންމު ކަންކަން އެބަހުރި ކަމަށް ޑޮކްޓަރުން އިރުޝާދު ދީފި އެވެ.

ކޮރޯނާ ވައިރަސްގެ ބިރާ އެކު، ރާއްޖޭގައި ވެސް މީހުން ވަނީ މާސްކް ހޯދުމަށް ފާމަސީތަކުގައި ކިޔޫ ހަދައިފަ އެވެ. އަދި މާސްކްގެ ޑިމާންޑް ބޮޑުވެ، މާސްކް ލިބުން ދަތިވެ އަގުވެސް ވަނީ ބޮޑުވެފަ އެވެ.

ހެލްތު މިނިސްޓްރީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. އަލީ ލަތީފް ވިދާޅުވީ ގިނަ ބަޔަކު މިހާރުވެސް މާސްކު ގަންނަތަން ފެންނަމުންދާ ކަމަށެެވެ. އެހެން ނަމަވެސް އެއްވެސް ކަހަލަ ރޯގާގެ އަލަމާތެއް ނުފެންނަނަމަ މާސްކު އަޅަން ނުޖެހޭނެކަމަށް އޭނާ ވިދާޅުވި އެެވެ.

"އަޅުގަނޑުމެން ހޮސްޕިޓަލް ތެރޭގައިވެސް މާސްކްއަަޅަން ނިންމާފައި ހުރި ތަންތަނަކީ އީއާރާއި ހާއްސަކޮށް ވަރަށް ގިނައިން ޕޭޝަންޓުން އަންނަ ކޮންޓެކްޓްވާ ހިސާބުގައި ތިބޭ ޑޮކްޓަރުން މާސްކްއަޅަން މިއިންނަނީ. އެހެން ނަަމަވެސް އާންމު އުސޫލަކުން އެންމެން މާސްކު އަޅައިގެން އެއީ ޕްރޮޓެކްޝަންއަށް ބަލައިގެން އަޅުގަނޑުމެން ރެކަމޮންޑެއް ނުކުރަން." ތަޖުރިބާކާރު ޑޮކްޓަރު، އަލީ ލަތީފް ވިދާޅުވި އެވެ.

އޭޑީކޭގެ ކުޑަކުދިންގެ ޑޮކްޓަރު ޑރ. އަބްދުﷲ ނިޔާފް ވަނީ ބަލިފެތުރުން ކޮންޓްރޯލް ކުރުމަށް ގިނަ ކަންތައްތަކަަކަށް ސަމާލުވުމަށް އިލްތިމާސް ކުރައްވައިފަ އެވެ. އަރިދަފުސް ރޯގާގެ އަލާމާތެއް ނެތް ނަމަ މާސްކް އެޅުމަކީ ކުރަން ޖެހޭ ކަމެއް ނޫން ކަމަށް އޭނާ ވެސް ދެކެވަޑައިގަންނަވަ އެވެ. އަދި އެންމެން މާސްކް އަޅައިގެން އުޅުމަކީ އެބަލި ކޮންޓްރޯލް ކުރަން އޮތް ގޮތެއް ނޫން ކަމަށް ވެސް އޭނާ ފާހަގަ ކުރައްވާފައިވެ އެވެ.

މާސްކް އެޅުމަށް ވުރެ ކޮރޯނާއިން ސަލާމްވުމަށް އަޅަން ޖެހޭ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އޭނާ ފާހަގަކުރެއްވި އެވެ. އެއީ؛

  • އާންމުން އެއްވެ އުޅޭތަންތަނަަށް ކުޅުނުޖެހުން. އަދި ބޭނުންކޮށްފައިވާ ޓިޝޫ ޑަސްބިނަށް ނޫނީ ނޭޅުން.
  • ކެއްސާ ކިނބިހިއަޅާއިރު އަނގަމަތީގައި އަތް އެޅުން. އަދި ހަމަވަގުތުން ހޭންޑް ސެނިޓައިޒާ ބޭނުންކޮށް އަތް ސާފުކުރުން.
  • ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުން.
  • ހޮސްޕިިޓަލްތަކަށް ކޮންމެހެން ދާން ޖެހިގެން ނޫނީ ނުދިއުން.

"ބަލި ނުޖެހޭ މީހުން މިވަގުތު ކޮންމެހެން މާސްކުއެޅުން މުހިންމެއް ނޫން،" ޑރ. ނިޔާފު ވިދާޅުވި އެވެ.

މީގެ އިތުރުން ޑރ. ނިޔާފު ވިދާޅުވެފައި ވަނީ، އަރިދަފުސް ރޯގާގެ އަލާމާތެއް އުޅޭ ނަމަ، ބޭރަށް ނުނިކުމެ ގޭގައި މަޑުކުރަން އިރުޝާދު ދޭ ކަމަށެވެ. އަދި ލޮލާއި، ނޭފަތާއި އަގައިގައި އަތްލުމުން ދުރުހެލިވާން ވެސް އޭނާ އެދިވަޑައިގަންނަވަ އެވެ. މީގެ އިތުރުން، ކެއްސާ ކިބިހި އަޅާއިރު، ޓިޝޫ ފަދަ ތަކެތި ބޭނުން ކުރުމަށް ވެސް އެދިވަޑައިގަންނަވަ އެވެ.

އަރިދަފުސް ރޯގާ ޖެހިގެން މާސްކް އަޅާ ފަރާތްތަކުން ވެސް، މާސްކް އެއްފަހަރު ބޭނުން ކުރުމަށް ފަހު އަވަހަށް ޑަސްޕިނަށް އެއްލައިލުމަށް ވެސް ޑޮކްޓަރުން ވަނީ އެދިފަ އެވެ. އެއްފަހަރަށް ވުރެ ގިަނ ފަހަރު އެއް މާސްކް ބޭނުން ނުކުރުމަށް ވެސް ވަނީ އިރުޝާދު ދީފަ އެވެ. މީގެ އިތުރުން، ރޯގާ ޖެހިފައިވާ ފަރާތްތަކުން މާސްކް އަޅާއިރު ރަނގަޅަށް ނޭފަތާއި އަގަމަތި ފޮރުވޭނެހެން މާސްކް ބޭނުން ކުރުމަށް ވެސް ވަނީ އެދިފަ އެވެ.

comment ކޮމެންޓް