2019، އެމްއައިބީއަށް މާލީ ގޮތުން ކުރިއެރުން

މޯލްޑިވްސް އިސްލާމިކް ބޭންކުގެ އާ ހެޑްއޮފީސް--- ސަން ފޮޓޯ

މިދިޔަ އަަހަރު ފަހު ކުއާޓާގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އިން 25.6 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބިފައިވާ ކަމަށް އެ ބޭންކުން ބުނެފި އެެވެ.

އެމްއައިބީން ބުނީ މިއީ ލަފާކުރި ވަރަށް ވުރެ ރަނގަޅު ފައިދާއެއް ކަމަށާއި އެ ފައިދާއާއެކު ރަނގަޅު އަދި އުއްމީދީ ނަތީޖާތަކެއްވެސް ނެރެވުނު ކަމަށެވެ.

އެގޮތުން ހިންގުމުގެ ފައިދާ 11.4 ޕަސެންޓް އިތުރުވެ 68.7 މިލިއަން ރުފިޔާއަށް އަރައިފައިވާ ކަމަށާއި އަދި ހިއްސާއަކާއި އަޅާ ބަލާއިރު ނެޓް އެސެޓްގެ އަގު 23.56 އަކުން 24.7 ރުފިޔާއަށް ޖެހި ހިއްސާއަކަށް ޖެހޭ ފައިދާގެ އަގު 14 ޕަސެންޓް އިތުރުވެފައިވާ ކަމަށް އެ ބޭންކްއިން ބުންޏެވެ.

އިސްލާމިކް ބޭންކު (އެމްއައިބީ) އިން މިދިޔަ އަހަރު ވަނީ އާންމުންނަށް 24 ޖުލައި 2019 އިން 22 ސެޕްޓެމްބަރ 2019 ގެ ނިޔަލަށް ހިއްސާ ވިއްކައި ޕަބްލިކް ކުންފުންޏަކަށް ވެފަ އެވެ. އެ އައިޕީއޯ އަކީ ރާއްޖޭގައި ބޭއްވުން އެންމެ ކާމިޔާބު އައިޕީއޯކަމަށް އެމްއައިބީން ބުންޏެވެ. އެގޮތުން ވިއްކަން ހުށަހެޅި ހިއްސާގެ އަދަދަށް ވުރެން 46 ޕަސެންޓް އިތުރަށް ހިއްސާ ގަންނަން ހުށަހެޅި އެވެ.

އެމްއައިބީން މިދިޔަ އަހަރު ވަނީ 16،000 ހިއްސާދާރުންނާއިއެކު 17 ނޮވެމްބަރ 2019 ގައި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ރަޖިސްޓްރީ ވެފަ އެވެ.

އެމްއައިބީން 2019 ފަހު ކުއާޓަރުގެ އުސްއަލިތައް:

- އެމްއައިބީގެ ފައިސާ މޮބައިލް އެޕްލިކޭޝަންއަށް އިސްލާމިކް ފައިނޭންސް ފޯރަމްގައި އަހަރުގެ އެންމެ މޮޅު ޕްރޮޑަކްޓުގެ ދާއިރާއިން ސިލްވަރ އެވޯޑު ލިބުން

- ކަސްޓަމަރުންނަށް ދެވޭ ހިދުމަތް ރަނގަޅުކުރުމުގެ ގޮތުން ބާޒާރު ކަސްޓަމަރ ސާވިސް ސެންޓަރ ހުޅުވައި އޮންލައިން ކިޔު ސިސްޓަމެއް އޭންޓް ކިޔު އާއި ގުޅިގެން ތައާރަފްކުރުން

- ކާމިޔާބު ކިޑްސް ގެ ނަމުގައި އާ ސޭވިންގް އެކައުންޓެއް އެމް އައި ބީ ގައި ތައާރަފްކުރުން އެ އެކައުންޓަކީ ކުދިންގެ ނަމުގައި މަހަކު ކަނޑައެޅޭ ވަކި އަދަދެއް ރައްކާކޮށް ރަނގަޅު ފައިދާއަކާއި އެކު ކުއްޖާއަށް 18 އަހަރު ފުރުމުން ނެގޭގޮތަށް ހުޅުވޭ އެކައުންޓެކެވެ. ޑޮލަރު އަދި ރުފިޔާއިންވެސް މި އެކައުންޓު ހުޅުވެއެވެ.

އެމްއައިބީން ބުނީ މިއަަހަރުވެސް ބޭންކުގެ ހިދުމަތް ފުޅާކުރުމުގެ ގޮތުން އިތުރު ބްރާންޗް ހުޅުވައި އޭޓީއެމް އަދި ޕޮސް ޓާމިނަލް އިތުރުކުރުމުގެ އިތުރުން މޮބައިލް އަދި އޮންލައިން ބޭންކިންގް އިތުރަށް ފުޅާކޮށް އާ ޕްރޮޑަކްޓު ތަކާއިއެކު އިސްލާމިކް ފައިނޭނެސް ރާއްޖޭގައި ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށެެވެ.

comment ކޮމެންޓް