ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން އިތުރުވާތީ ޔުނިސެފުން ކަންބޮޑުވުން ފާޅުކުރަނީ

ޖެނުއަރީ 24، 2020: ރޭޕް ކުރުމާއި ޖިންސީ އަނިޔާއާއި ދެކޮޅައް މި ހުކުރު ދުވަހު މާލޭގައި ކުރިއަށް ގެންދިޔަ ހިގާލުމުގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ފަހަކަށް އައިސް ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތައް އިތުރުވަމުންދާތީ ޔުނިސެފުގެ ރާއްޖެ ގޮފިން އެކަމާ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މިފަހުން އުމުރުން ދެ އަހަރު ނުފުރޭ ކުޑަކުއްޖަކަށް އާއިލާ މެމްބަރުން ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން ޔުނިސެފްގެ ރާއްޖެ އޮފީހުން ބުނީ ކުދިންނަށް ރައްކާތެރިކަން ދޭން ތިބޭ ފަރާތްތަކުން އެކުދިންނަށް ޖިންސީ ގޯނާ ކުރުމަށް ވުރެ ބިރުވެރި ކަމެއް ނޯންނާނެ ކަމަށެވެ.

އެ މައްސަލަ ފެންމަތިވި ފަހުން އެފަދަ ބައިވަރު މައްސަލަތަކެއް ފެންމަތިވެފައިވާ ކަމަށް ޔުނިސެފުން ބުނެ އެވެ.

މިދިޔަ އަހަރުގެ ފުލުހުންގެ ތަފާސްހިސާބުތަކާ ހަވާލާދީ ޔުނިސެފުން ބުނީ މިދިޔަ އަހަރު އެކަނި ވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި އަނިޔާކުރުމުގެ 1،200 އަށްވުރެ ގިނަ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަަމަށެވެ.

ނަމަވެސް އާއިލާއަށް ކުރިމަތިވެދާނެ ލަދަކާ ހުރެ ނުވަތަ ކުދިންނަށް ކުރިމަތިވާ އެފަދަ ކަންކަމަކީ ގޯސްކަމެއް ކަން ނޭނގުން ފަދަ އެކި ސަބަބުތަކާހުރެ މިފަދަ ގިނަ މައްސަލަތައް ރިޕޯޓު ނުކުރާ ކަމަށް ޔުނިސެފުން ބުންޏެވެ.

"ކުޑަކުދިންނަށް ދިމާވާ ޖިންސީ ގޯނާގެ މައްސަލަތަކާ ބެހޭގޮތުން ވާހަކަ ދެއްކުމަށް މަގުފަހިކޮށްދިނުމުގެ އިތުރުން ޖިންސީ ގޯނާގެ ޝިކާރައަށް ވެފައިތިބި ކުދިންނަށް އިންސާފު ހޯދައިދިނުމަށްޓަކައި ރަނގަޅު ޕަބްލިކް ސަޕޯޓްގެ ހިދުމަތެއް ފޯރުކޮށްދޭން ޖެހޭ." ޔުނިސެފްގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

މި މަސައްކަތުގައި ކަމާބެހޭ ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރުމަށާއި އެފަރާތްތަކަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ޔުނިސެފުން ވަނީ ދީފަ އެވެ.

comment ކޮމެންޓް