ރާއްޖޭގެ ލައިސެންސް މެލޭޝިއާގައި އަދި ބޭނުމެއް ނުކުރެވޭނެ

މާލޭގެ މަގެއްގައި ގިނަ އަދަދެއްގެ ސައިކަލުތަކުގައި އާންމުން --- ސަން ފޮޓޯ : ފަޔާޒު މޫސާ

ރާއްޖޭގެ ޑްރައިވިން ލައިސަންސް ބޭނުންކޮށްގެން މެލޭޝިއާގައި އުޅަނދުތައް ދުއްވުމުގެ ހުއްދަ ދޫ ނުކުރާ ކަމަށް ރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވިސާމް އަލީ ވިދާޅުވެއްޖެ އެވެ.

މެލޭޝިއާގައި ރާއްޖޭގެ ލައިސަންސް ގަބޫލުކުރަން ފަށާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވަނީ ވާހަކަތަކެއް ދާދި ފަހުން ދައުރުވެފައެވެ.

މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީއާ ހަވާލާދީ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ލައިސަންސު ވެލިޑޭޓުކުރުމަށް ހާއްސަ ސިޓީއެއް އެމްބަސީއިން ދޭނެ ކަމަށެވެ. ނަމަވެސް ވިސާމް ވަނީ އެވާހަކަތައް އެއީ ތެދު ވާހަކަތަކެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

ވިސާމް ވިދާޅުވީ މިހާރުވެސް ދަނީ ރާއްޖޭގެ ލައިސަންސް މެލޭޝިއާއިން ބަލައިގަންނާނެ ގޮތަށް ހެދުމަށް މަސައްކަތް ކުރައްވަމުން ކަމަށެވެ.

ރާއްޖޭގައި ބޭނުންކުރާ ޑްރައިވިން ލައިސަންސް ކުރީން މެލޭޝިއާއިން ބަލައިގަނެއެވެ. އެހެންނަމަވެސް ބޭރު ގައުމުތަކުގެ ލައިސަންސް އަށް ހުއްދަ ދިނުމުގެ އުސޫލަށް ގެނައި ބަދަލާ ގުޅިގެން މިދިޔަ އަހަރުން ފެށިގެން ވަނީ ރާއްޖޭގެ ލައިސަންސް ބަލައިގަތުން ހުއްޓާލާފަ އެވެ.

އެއާއެކު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައި ވަނީ ރާއްޖޭގެ ޑްރައިވިން ލައިސަންސް އަލުން ބަލައިގަންނާނެ ގޮތްތައް ހޯދުމަށް ދެގައުމުގެ ދެމެދުގައި މަޝްވަރާތައް ފަށާފައެވެ.

މެލޭޝިއާގެ ސަރުކާރުން ވަނީ އެގައުމުގެ ލައިސަންސް އެއް ނުވަތަ ބައިނަލްއަގުވާމީ ލައިސަންސް އެއް ބޭނުންކުރުމަށް އަންގާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް