ކޮރޯނާވައިރަސްއާ ހެދި 2،000 ބުކިންސް ކެންސަލްކޮށްފި: މިނިސްޓަރު

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޗައިނާގައި ފެތުރި ދުނިޔޭގެ އެކި ހިސާބުތަކަށް ވެސް މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސްގެ ސަބަބުން ރާްއްޖެ އަންނަން ހަދާފައިވާ 2،000 އަށް ވުރެ ގިނަ ޓޫރިސްޓް ބުކިންސް ކެންސަލްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ކޮރޯނާވައިރަސްއާ ގުޅިގެން، ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ކޮރޯނާވައިރަސްއާ ހެދި ރާއްޖެއަށް އެންމެ ބޮޑު އަސަރެއް ކުރަމުން ދަނީ، ރާއްޖޭގެ މުޅި އިގްތިސާދު ބިނާވެފައިވާ ޓޫރިޒަމްގެ ސިނާއަތަށް ކަމަށެވެ.

އެގޮތުން އެ ވަައިރަސް ފެތުރެން ފެށިފަހުން 2،083 ބުކިންސް މިރެއާ ހަމަޔަށް ކެންސަލްކޮށްފައިވާ އިރު، އޭގެ ތެރެއިން ބޮޑު ބަޔަކީ ޗައިނާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން 1466 ކެންސަލޭޝަން ޗައިނާ މާކެޓުން އައިސްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެހެން ކަމުން ކެންސަލޭޝަންގެ 73.3 ޕަސެންޓް ހިއްސާކުރަނީ ޗައިނާއިންނެވެ. ޗައިނާއަކީ އެއް ގައުމަކުން އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އަންނަ ގައުމަށްވާއިރު، މިދިޔަ އަހަރުވެސް ޗައިނާއިން ވަނީ 248،029 މީހުން ރާއްޖެ އައިސްފަ އެވެ. އެހެންކަމުން ދުވާލެއްގެ މައްޗަށް ޗައިނާއިން ރާއްޖެއަށް އެވްރެޖްކޮށް، 670 އެއްހާ ފަތުރުވެރިން ޒިޔާރަތް ކުރެ އެވެ. އަދި މިއީ ޗައިނީޒް ނިއު އިޔާ ކަމަށްވާއިރު، މިދުވަސްވަރު އެ ގައުމުން ރާއްޖެ އަންނަ ފަތުރުވެރިން ވަރަށް ބޮޑަށް އިތުރުވެ އެވެ.

މިނިސްޓަރު އަލީ ވިދާޅުވީ، ކޮރޯނާ ވައިރަސްގެ މައްސަލަ ފެންމަތިވި ހިސާބުން ޓޫރިޒަމް މިނިސްޓްރީގައި ވަކިން ޓާސްކް ފޯހެއް އެކުލަވާލައި ވަގުތުން ވަގުތަށް ހާލަތު ބަލައި ރިޕޯޓްތައް އެކުލަވާލަމުން އަންނަ ކަމަށެވެ. އެގޮތުން، އެ ވައިރަސްގެ ކަންތައްތަކާ ހުރެ ރާއްޖޭގެ އިގްތިސާދަށް ކޮށްފާނެ އަސަރުތައް ދެނެގަނެ، ރިޕޯޓެއް ތައްޔާރުކޮށް ވަނީ ރައީސް އޮފީހާ ވެސް ހިއްސާކޮށްފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދޭން ބޭނުންވާ ޔަގީން ކަމަކީ، ރައީސްގެ ހާއްސަ ބެލުމުގެ ދަށުން އެމަނިކުފާނުގެ އިރުޝާދާ އެކު ކޮރޯނާ ވައިރަސްގެ ކަންކަމުގައި އެންމެ ވޯސްޓް ކޭސްއެއްގައި ވެސް އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމަށް ސަރުކާރުން މިވަނީ ތައްޔާރަށޭ. މި ސިޗުއޭޝަން ބަދަލުވާ ގޮތް ބަލައި އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދެން،" މިނިސްޓަރު އަލީ ވިދާޅުވި އެވެ.

ކޮރޯނާވައިރަސްގެ ކަންކަމާ ގުޅިގެން އާންމުންގެ މެދުގައި ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރަމުން މިނިސްޓަރު އަލީ ވިދާޅުވީ، ރާއްޖެއިން ފިޔަވަޅުތައް އަޅަމުން އަންނަނީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިއުއެޗްއޯގެ އިރުޝާދާ އެކުގައި ކަމަށެވެ. އެގޮތުން އެ ޖަމްއިއްޔާއިން ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް، ރާއްޖެ އަންނަ ފަތުރުވެރިންވެސް އެއާޕޯޓްގައި ބައްޔަށް ސްކްރީން ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ، ރިސޯޓްތަކާއި ޓޫރިސްޓުންނަށް ހިދުމަތްދޭ ތަންތަނުން ވެސް އެފަދަ ބަލި މީހަކު ފެނިއްޖެ ނަމަ، އަމަލު ކުރާނެ އުސޫލުތަކެއް މިހާރު އެކުލަވާލައި އަންގާފައިވާ ކަމަށެވެ.

ދުނިޔޭގެ ބައެއް ގައުމުތަކުން ޗައިނާގެ ރައްޔިތުންނަށް އޮންއެރައިވަލް ވިސާ ދިނުން މަޑު ޖައްސާލާފައިވާ އިރު، ޗައިނާއަށް ފަތުރުވެރިން ރާއްޖެ އައުން ނުހުއްޓުވާ މައްސަލައިގައި ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.

އެކަމާ ގުޅިގެން ނޫސްވެރިން އަމާޒުކުރި ސުވާލުތަކާ ގުޅިގެން، މިނިސްޓަރު ވިދާޅުވީ މިވަގުތުގެ ހާލަތާ އެއްގޮތަށް ސިއްހީ މާހިރުންގެ ލަފާގެ މަތިން މިވަގުތަށް އަޅަން ޖެހޭ ފިޔަވަޅުތައް ރާއްޖެއިން އަޅާފައިވާ ކަމަށާއި އެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދޭ ކަމަށެވެ. އަދި ރައްޔިތުންގެ ސަލާމަތަށް އަޅަން ފިޔަވަޅެއް ނާޅާ ދޫކޮށްނުލާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އެއްވެސް ކަމެއް ސިއްރެއް ނުކުރާނަން. މިކަމުގައި ޓޫރިސްޓުންގެ ރައްކާތެރިކަމަށް ވެސް އަޅަން ޖެހޭ ފިޔަވަޅުތައް މި ވަނީ އަޅާފައި. އެކަންކަން މި ވަނީ އެތަންތަނަށް ބްރީފްކޮށްދީފައި. މިވަގުތުގެ ހާލަތަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތައް ވަނީ އެޅިފައި،" މިނިސްޓަރު އަލީ ވިދާޅުވި އެވެ.

މީގެ އިތުރުން، މިނިސްޓަރު ވިދާޅުވީ، ކޮރޯނާގެ ސަބަބުން ޓޫރިޒަމަށް ކޮށްފާނެ އަސަރުތަކާ މެދު މާދަމާގެ ވަގުތެއްގައި ޓޫރިޒަމް ދާއިރާގެ ބޭފުޅުންނާ ރައީސް ބައްދަލު ކުރައްވާ މަޝްވަރާ ކުރައްވަން ހަމަޖެހިފައިވާ ކަމަށެވެ. އަދި ޓޫރިޒަމަށް ކުރިމަތިވެދާނެ އަސަރުތައް ވީހާވެސް ކުޑަކުރަން ސަރުކާރުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ވެސް މިނިސްޓަރު އަލީ ވިދާޅުވި އެވެ.

އެކަން ކުރުމުގައި ރައްޔިތުންގެ ސަމާމަތްތެރިކަން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ބާއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ. އަދި ރައްޔިތުންގެ ސަލާމަތްތެރިކަން ގުރުބާންކޮށްފައި މި ސަރުކާރުން އެއްވެސް ކަމެއް ނުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ޑަބްލިއުއެޗްއޯގެ މިންގަނޑާ އެއްގޮތަށް އަޅުގަނޑުމެން މި އަންނަނީ އެ އިރުޝާދުތަކާ އެއްގޮތަށް ފަންނީ ބޭފުޅުންގެ ލަފަޔާ އެއްގޮތަށް މިހާރުވެސް މި ވަނީ ފިޔަވަޅު އަޅާފައި. މިވަގުތަށް އަޅަން ޖެހޭ ފިޔަވަޅެއް ނާޅައި ދޫކޮށްލާފައެއް ނުވާނެ،" މިނިސްޓަރު ވިދާޅުވި އެވެ. "މި ސިޗުއޭޝަންގައި ސަރުކާރަށް އެންމެ މުހިންމީ ރައްޔިތުންގެ ރައްކާތެރިކަން. އެއަށް ފަހު އިގްތިސާދުވެސް އަންނާނީ. ބަދަލުވަމުންދާ ހާލަތާ އެއްގޮތަށް އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް ސަރުކާރުން އަޅަމުން ދާނެ."

comment ކޮމެންޓް