އެމެރިކާގެ ބޯޓު ވައްޓާލި ސަރަހައްދަށް ދިޔުމަށް ތާލިބާނުން ހުރަސް އަޅައިފި

ވައްޓާލި އެމެެރިކާގެ ބޯޓުގެ ކައިރީގައި ތާލިބާނުން ހަރަކާތްތެރި ވަނީ

ކާބުލް (28 ޖަނަވަރީ 2020) : އަފްޣާނިސްތާނުގައި އެމެރިކާގެ އަސްކަރީ ބޯޓު ވެއްޓިފައިވާ ސަރަހައްދަށް އަފްޣާން ސިފައިން ދާން މަސައްކަތް ކުރުމުން ތާލިބާނުން އެކަމަށް ހުރަސްއަޅައިފި އެވެ. މިއާއެކު ދެފަރާތުގެ ދެމެދުގައި ވަނީ ހަމަލާތަކެއް ބަދަލުކޮށްފަ އެވެ.

އަފްޣާން މަސްއޫލުވެރިން ވިދާޅުވީ އެގައުމުގެ މެދުތެރޭގެ ޣުޒްނީ ޕްރޮވިންސްގައި އެމެރިކާގެ ބޯޓު ވެއްޓުނު ސަރަހައްދަށް ދާން މަސައްކަތްކުރި އަފްޣާން ސިފައިންނަށް ތާލިބާނުން ހަމަލާދިނުމުގެ ސަބަބުން ދެފަރާތުގެ ދެމެދުގައި ޙަމަލާތަކެއް ބަދަލުކޮށްފައިވާ ކަމަށާއި އެ ޙަމަލާތަކުގައި ދެފަރާތުން ވެސް މީހުން ޒަޚަމްވިކަމުގަ އެވެ.

ތާލިބާނުން އާދީއްތަ ދުވަހު ވަނީ އެމެރިކާގެ އޭ 11 އައި މަރުކާގެ އަސްކަރީ ޓްރާންސްޕޯޓް މަތިންދާބޯޓެއް ޣުޒްނީ ޕްރޮވިންސަށް ވައްޓާލި ކަމަށާއި އެ ޙާދިސާގައި އޭގައިތިބި އެންމެން މަރުވިކަން އިއްލާންކޮށްފަ އެވެ. ތާލިބާނުންގެ ވާހަކަތަކަށް ރައްދު ނުދީ އޮތުމަށް ފަހު ހޯމަ ދުވަހު އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިން ވަނީ އެ ގައުމުގެ އަސްކަރީ ޓްރާންސްޕޯޓް މަތިންދާބޯޓެއް އަފްޣާނިސްތާނަށް ވެއްޓުނު ކަމަށް އެއްބަސްވެފަ އެވެ. އެމެރިކާ ބުނެފައި ވަނީ އެ ބޯޓު ވެއްޓުނީ ތާލިބާނުންގެ ޙަމަލާއެއްގައި ނޫންކަމުގަ އެވެ. ނަމަވެސް އެ ޙާދިސާއާ ބެހޭ އެއްވެސް ތަފްސީލެއް ޕެންޓަގަން އިން ދީފައެއް ނުވެ އެވެ.

އެމެރިކާއަކީ މީގެ ކުރިން ވެސް ތާލިބާނުން އެގައުމުގެ ބޯޓުތައް ވައްޓާލުމުން އެކަމަށް އިއްތިރާފްވުމަށް ދެކޮޅު ހެދުމުގެ ރެކޯޑް އޮންނަ ގައުމެކެވެ. ޣުޒްނީ ސަރަހައްދަކީ ތާލިބާނުންގެ އަސްކަރީ ކޮންޓްރޯލް އޮންނަ ސަރަހައްދެކެވެ. އެހެންކަމުން ޣުޒްނީގައި އެމެރިކާގެ ބޯޓު ވެއްޓިފައިވާ ސަރަހައްދަށް ވާސިލްވުމަށް އެމެރިކާ ވެސް އަދި އެމެރިކާގެ މަދަދު ލިބޭ އަފްޣާން ސިފައިންނަށް ވަނީ ނުކުޅެދިފަ އެވެ. ވެއްޓުނު އެމެރިކާގެ ބޯޓާބެހޭ މައުލޫމާތު އެމެރިކާއިން ނުދިން ނަމަވެސް އަމްނާބެހޭ އަފްޣާން މަސްއޫލުވެރިއެއްކަމަށްވާ ޚާލިދް ވުރްދަކް ވިދާޅުވީ އެމެރިކާގެ ބޯޓު ވެއްޓުމުގެ ޙާދިސާގައި ހަތަރު މީހުން މަރުވެ ދެ މީހުން ޒަޚަމްވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ޒަޚަމްވި މީހުންނާ މެދު ތާލިބާނުން އަމަލުކުރިގޮތް އެނގިފައިނުވާކަމުގަ އެވެ.

ޒަޚަމްވި ދެ މީހުން ނާއި މަރުވި ހަތަރު މީހުންގެ ހަށިތައް ވެއްޓިފައިވާ ބޯޓުގެ ބައިތަކުގެ ތެރޭގައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ތާލިބާނުންގެ ތަރްޖަމާން ޒަބީހުﷲ މުޖާހިދު ރޮއިޓާސް އަށް ދިން ބަޔާނެއްގައި ބުނެފައިވަނީ އެމެރިކާގެ ބޯޓު ވެއްޓުމުގެ ޙާދިސާގައި އެބޯޓުން ދަތުކުރި އެންމެން މަރުވެފައިވާކަމަށާއި މިހާތަނަށް ފެނިފައި ވަނީ ހަ މީހުންގެ ހަށިތައް ކަމުގަ އެވެ. އެހަށިތައް ވެސް ވަނީ ކާކުކަން ނޭނގޭ ވަރަށް އަނދައި ދެއްޔަށް ވެފައިކަމަށް އޭނާ ބުންޏެވެ. އެމެރިކާ ސިފައިންގެ އަނދާފައިވާ ހަށިތައް ހަވާލުކުރުމުގެ މަސައްކަތް ތާލިބާނުން ކުރާނެކަމުގެ އިޝާރާތެއް އޭނާ ދިނެވެ.

ނަން ހާމަކުރަން ނޭދޭ އެމެރިކާގެ މަސްއޫލުވެރިއަކު ވަނީ އެމެރިކާގެ ބޯޓު ވެއްޓުނު ހާދިސާގައި ބައެއް މީހުން މަރުވުމުގެ އިތުރުން ފަސް މީހުން ޒަޚަމްވެފައިވާ ކަމަށާއި ޒަޚަމްވީ މީހުންނާ މެދު ތާލިބާނުން އަމަލުކުރި ގޮތް ނޭނގޭ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ޒަޚަމްވި ފަސް މީހުންގެ ތެރެއިން ދެމީހުން އެ ބޯޓުގެ އަޅިތަކުގެ ތެރޭގައި އަދި ވެސް ވާކަމުގެ މައުލޫމާތު ލިބިފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ. އެމެރިކާ އިން ތާލިބާނުންނާ ސުލްހަވުމަށް ޓަކައި ގަތަރުގައި ސުލްޙައިގެ ވާހަކަތައް ކުރިޔަށް ގެންދާއިރު ވެސް ތާލިބާނުން ވަނީ އަފްޣާނިސްތާނުގައި ތިބި އެމެރިކާ ސިފައިންނަށް ހަމަލާދިނުން ހުއްޓާލުމަށް ދެކޮޅު ހަދައިފަ އެވެ.

އެމެރިކާ ސިފައިންނަށް އޮތީ އަފްޣާނިސްތާން ދޫކޮށް ދިޔުންއެކަނި ކަމަށާ އަފްޣާން ބިމުގައި އެމެރިކާއަށް ކުޑަވެސް ދުލެއް ނުދެވޭނެ ކަމަށް ތާލިބާނުން ބުނެ އެވެ. އެމެރިކާ ވަނީ 19 އަހަރު އަފްޣާނިސްތާނުގައި ހަނގުރާމަކޮށްގެން ވެސް އަސްކަރީ ގޮތުން ތާލިބާން ބަލުކުރުމަށް ނުކުޅެދިފަ އެވެ. (ރޮއިޓާސް + ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު