ސްޕޯޓްސް ކޯޕަރޭޝަން ސްޕޮންސާޝިޕް ވޯކްޝޮޕުގެ މެއިން ސްޕޮންސަރަކަށް ދިރާގު

ޖެނުއަރީ 26، 2020: ސްޕޯޓްސް ކޯޕަރޭޝަނާއި ދިރާގާއި ދެމެދު ވެވުނު އެއްބަސްވުމުގައި ސޮއިކުރުން --ސަން ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުން އިސްނަގައިގެން މާދަމާ ފަށާ ކުޅިވަރުގެ މާކެޓިންގް އާއި ސްޕޮންސާޝިޕްގެ ހާއްސަ ވޯކްޝޮޕުގެ މެއިން ސްޕޮންސަރެއްގެ ގޮތުގައި ދިރާގު ހަމަޖައްސައި، އެއްބަސްވުމުގެއްގައި ސޮއި ކޮށްފި އެވެ.

"ސްޕޯޓްސް މާކެޓިންގް އެންޑް ސްޕޮންސަރޝިޕް ވޯކްޝޮޕް" ގެ ނަމުގައި ކުރިއަށް ގެންދާ މި ވޯކްޝޮޕް ކުރިއަށް ދާނީ މި މަހުގެ 27-28 ގެ ނިޔަލަށެވެ. އަދި ވޯކްޝޮޕް އިންތިޒާމު ކުރާ ސްޕޯޓްސް ކޯޕަރޭޝަނާ އެކު ޕާޓްނާޝިޕް އެއްބަސްވުމުގައި ދިރާގާ އެކު މިއަދު ސޮއިކޮށްފައިވާ އިރު ސްޕޯޓްސް ކޯޕަރޭޝަނުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ވީ އެ ކުންފުނީގެ އެމްޑީ މައުރޫފް އަހްމަދު (މާއްޓޭ) އެވެ. ދިރާގުގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ ޗީފް މާކެޓިންގް އޮފިސަރ މަހްމޫދް ދަސަރްއެވެ.

ސްޕޯޓްސް ކޯޕަރޭޝަނުގެ މި ވޯކްޝޮޕްގެ މީޑިއާ ޕާޓްނަރަކީ ސަން އޮންލައިން އެވެ. އަދި އެއާ އެކު ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަދި ޔޫތު ސްޕޯޓްސް އެންޑް އެންޕަވަޔަމެންޓް މިނިސްޓްރީގެ ޕާޓްނާޝިޕެއްވެސް ވަނީ ވޯކްޝޮޕާއެކު އެ ކުންފުނިން ހަދައިފައެވެ.

ރާއްޖޭގައި ކުޅިވަރުގެ ދާއިރާއިން ފުންނާބު އުސް ކޯޗުންނާއި މެނޭޖަރުން އުފެދެމުން އަންނަ އިރު މި ވޯކްޝޮޕުގެ ސަބަބުން އަލަށް މި ދާއިރާއަށް ވަންނަން ބޭނުންފުޅުވާ ފަރާތްތަކަށް ރަނގަޅު ތަޖުރިބާއެއް ލިބޭނެއެވެ. އަދި އެހެންމެ މި ވޯކްޝޮޕުގައި ކިޔަވައިދޭނީ ކުޅިވަރުގެ ދާއިރާއިން ސްޕޮންސަރޝިޕާއި މާކެޓިންގް ދާއިރާގައި 12 އަހަރެއްވުރެން ގިނަ ދުވަސް ވަންދެން މަސައްކަތް ކޮށްފައިވާ ތަޖުރިބާކާރެއް ކަމަށްވާ ސިންޓޯ އަޖްރަމްއެވެ.

ސިންޓޯއަކީ ބައިނަލްއަގުވާމީ ބޮޑެތި ބައެއް އޮގަނައިޒޭޝަންތައް ކަމަށްވާ ސްޕެއިންގެ ބާސެލޯނާއާއި ސްވިޒަލެންޑްގެ ޒޫރިކް އިންޝުއަރެންސްގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކޮށްފައިވާ ފަރާތެކެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިރާގަކީ ޓެކް އަދި ކުޅިވަރުގެ ބްރޭންޑެއް. ހާއްސަކޮށް ދިރާގުން ވަނީ ވަރަށް ޒަމާނުއްސުރެން ރާއްޖޭގެ ފުޓުބޯޅައަށް އަދި އެހެނިހެން ކުޅިވަރުތައް ކުރިއެރުވުމަށްވެސް ވަރަށް ބޮޑެތި ކޮންޓްރިބިއުޝަންތަކެއް ވެފައި. އެހެން އަޅުގަނޑުމެން ނިންމީ މި މުހިންމު ވޯކްޝޮޕުގައި ދިރާގާއެކު ކުރިއަށް ދާން،" ދިރާގުގެ ހެޑް އޮފީހުގައި މިއަދު އޮތް ބައްދަލުވުމަށްފަހު ވާހަކަ ދައްކަވަމުން މާއްޓޭ ވިދާޅުވިއެވެ.

ޖެނުއަރީ 26، 2020: ސްޕޯޓްސް ކޮމިޝަނާއި ދިރާގުން ދެމެދު ވެވުން އެއްބަސްވުމުގައި ސޮއިކުރުނ --ސަން ފޮޓޯ/ ފަޔާޒު މޫސާ

މާއްޓޭ ވިދާޅުވީ، ކުޅިވަރު ކުޅޭ ފަރާތްތަކާއި އިންސްޓިޓިއުޝަންތަކަށް އެންމެ ބޭނުންވަނީ މާލީ ފުދުންތެރިކަން ކަމަށެވެ. އެހެންކަމުން ދިރާގު ކަހަލަ "ޓޮޕް ފްލައިޓް" ބްރޭންޑަކާއެކު މިކަހަލަ ވޯކްޝޮޕެއް ހިންގުމުން ރާއްޖޭގައި އަޑި އަޅާލާފައިވާ ކުލަބުތަކަށްވެސް ވޯކްޝޮޕުން ރަނގަޅު ތަމްރީންތަކަކާއި ތަޖުރިބާތަކެއް ލިބިގެންދާނެކަން މާއްޓޭ ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން މި ވޯކްޝޮޕަށް ފަހުވެސް ދިރާގާއެކު ލޯންގް ޓާމް އެއްބަސްވުމެއް ހެދުމަށް ދެފަރާތުގެ ދެމެދުގައި މިހާރު ވާހަކަ ދެކެވެމުންދާ ކަމަށް މާއްޓޭ ވަނީ ވިދާޅުވެފައެވެ.

ދިރާގަކީވެސް އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން ޒުވާނުންނަށާއި ކުޅިވަރާ ގުޅުން ހުރި ކަން ކަމަށް ހާއްސަ އިސްކަމެއް ދީގެން ރާއްޖޭގައި ކުޅިވަރުތައް ކުރިއަރުވަން މަސައްކަތް ކުރާ ކުންފުންޏެއް ކަމަށް ދިރާގުގެ ސީނިއާ މެނޭޖަރ، ބްރޭންޑް މާކެޓިންގް ކޮމިއުނިކޭޝަން މުހައްމަދު މިރްޝާން ހަސަން ވަނީ މިއަދުގެ އެ ބައްދަލުވުމަށްފަހު ވިދާޅުވެފައެވެ.

"ސްޕޯޓްސް ކޯޕަރޭޝަނުން މި ހުށައެޅުއްވީ މިފަދަ ކަމެއްގައި [ކުޅިވަރާ ގުޅުންހުރި ކަމަކަށް] އެއްބާރުލުން ދެއްވުމަށް. އެހެންވެ މިކަމުގެ މުހިއްމުކަން އަޅުގަނޑުމެންނަށް ފާހަގަވާތީ ނިންމީ ސްޕޯޓްސް ކޯޕަރޭޝަނަށް އެއްބާރުލުން ދީގެން މި ވޯކްޝޮޕް ކާމިޔާބު ވޯކްޝަޕަކަށް ހެދުމަށް،" މިރްޝާން ވިދާޅުވިއެވެ.

މިރްޝާން އިތުރަށް ވިދާޅުވީ، މި ވޯކްޝޮޕުގެ ސަބަބުން ކުޅިވަރު މެނޭޖް ކުރާ ފަރާތްތަކަށް ރަނގަޅު ތަމްރީންތަކެއް ލިބި އަދި ވިޔަފާރިތައް ހިންގާ ފަރާތްތަކަށް ވެސް ކުޅިވަރާ ގުޅުން ހުރި ކަންކަން އިނގި އިތުބާރު ލިބޭނެ ކަމަށެވެ.

comment ކޮމެންޓް