މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބައެއް އަސާސީ ހައްގުތަކުން މަހްރޫމްކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަ ހޯމް މިނިސްޓްރީން ދޮގުކޮށްފި އެވެ.
ރައީސް ޔާމީން މިހާރު ހުންނެވީ ވަރަށް ހާލުގައި ކަމަށާއި، ބައެއް އަސާސީ ހައްގުތަކުން އެމަނިކުފާނު މަހްރޫމްކޮށް ނުހައްގުން އަނިޔާ ދެމުން ދާ ކަމަށް ވިދާޅުވީ އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެވެ.
ރޭ އިދިކޮޅު ކޯލިޝަނުން ހއ. ބާރަށުގައި ބޭއްވި ޖަލްސާގައި އަދުރޭ ވިދާޅުވީ ރައީސް ޔާމީން މުޅިން ހިކި އަނަރޫފަވެ، މިހާރު ހުންނެވީ "ޖަލު މީހެއްގެ ހާލުގައި" ކަމަށެވެ.
މިވާހަކަތަކާ ގުޅިގެން ހޯމް މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ރައީސް ޔާމީންގެ ހާލަތާ ގުޅޭ ގޮތުން މީޑިއާގައި ހަބަރު ފެތުރެމުން އަންނަނީ ކަމުގެ ހަގީގަތް އޮޅޭ ގޮތަށް ކަމަށެވެ.
އަދި ރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތަކާއި ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުގެ ދަށުން ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ގައިދީންނަށް ކަށަވަރުކޮށްދޭން ޖެހޭ އިނާޔަތްތައް ރައީސް ޔާމީނާ މެދު ވެސް އެއްވެސް ތަފާތުކުރުމެއް ނެތި ފުރިހަމައަށް ފޯރުކޮށްދެމުން ދާކަމަށް ބަޔާނުގައިވެ އެވެ.
ހޯމް މިނިސްޓްރީން ބުނީ މީޑިއާގައި ފެތުރެމުންދާ އެއްވެސް ކަމަކާ ގުޅޭ ޝަކުވާއެއް މިހާތަނަށް، ރައީސް ޔާމީންގެ ފަރާތުން ވިޔަސް، އޭނާގެ ވަކީލުންގެ ފަރާތުން ވިޔަސް އަދި އޭނާގެ އާއިލާގެ ފަރާތުން ވިޔަސް އުފުލާފައި ނުވާ ކަމަށެވެ.
އަދި 30 ޑިސެމްބަރު 2019 ވަނަ ދުވަހު ހޯމް މިނިސްޓަރުގެ އިރުޝާދުގެ ދަށުން އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް މާފުށީ ޖަލަށް ވަޑައިގެން ރައީސް ޔާމީންއާ ބައްދަލުކުރައްވައި އެމަނިކުފާނުގެ ހާލު ބައްލަވާ، ކަންބޮޑުވުންތަކާ ޝަކުވާތައް އޮޅުންފިލުވާފައިވާނެ ކަމަށެވެ.
ނަމަވެސް ބައްދަލުވުމުގައި ވެސް މީޑިއާގައި ދައުރުވަމުންދާ ފަދަ އެއްވެސް ކަމެއް ފާހަގަކޮށްފައި ނުވާ ކަމަށް ވެސް ހޯމް މިނިސްޓްރީން ބުންޏެވެ.
މިކަމާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ރައީސް ޔާމީން ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ އެމަނިކުފާނުގެ ސަރުކާރުން، ކުރީގެ ދެ ރައީސުން ކަމުގައިވާ މައުމޫން އަބްދުލްގައްޔޫމާއި މުހައްމަދު ނަޝީދު ވެސް ބަންދުކޮށްފައި ބެހެއްޓި ޔުނިޓު އިތުރަށް ފެންވަރު ރަނގަޅުކުރުމަށް ފަހު އެތަނުގައި ކަމަށެވެ.
ސަރުކާރުގެ ސިޔާސަތަކީ ޖަލުގެ ހާލަތު ރަނގަޅުކޮށް ގައިދީންނާއި ބަންދު މީހުންގެ ހައްގުތައް ކަށަވަރުކޮށްދީ އެކިއެކި ކުށްކުށުގައި ޖަލުގައި ބަންދުކުރެވޭ މީހުން އިސްލާހުކޮށް ބޭނުންތެރި ބައެއްގެ ގޮތުގައި އަނބުރާ މުޖުތަމައުއަށް ނެރުން ކަމަށެވެ.