އޯޓިޒަމް ހުންނަ ކުދިންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފަށައިފި

އޯޓިޒަމް ހުންނަ ކުދިންނަށް ފަތަން ދަސްކޮށްދިނުމަށް މިއަދު ފެށި ޕްރޮގްރާމުގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ނިއު ލެގޫން ސްވިމިން ކްލަބުން އޯޓިޒަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ގުޅިގެން އޯޓިޒަމް ހުންނަ ކުދިންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ހިންގަން ފަށައިފި އެވެ.

މިއަދު ހަވީރު ރަސްފައްނުގައި އޮތް ރަސްމިއްޔާތެއްގައި ލެގޫން ސްވިމިން ކްލަބުގެ އެ ޕްރޮގްރާމު އިފްތިތާހުކޮށްދެއްވީ ޓްރާންސްޕޯޓު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަހުމަދު އާދިލް އެވެ.

ނިއު ލެގޫން ކްލަބުގެ އޮފިޝަލަކު މައުލޫމާތު ދިން ގޮތުގައި އެ ޕްރޮގްރާމުގެ ދަށުން ފަތަން ދަސްކޮށްދޭނީ އޯޓިޒަމް އެސޯސިއޭޝަންގައި ރަޖިސްޓްރީވެފައި ތިބި ކުދިންނަށެވެ.

އޯޓިޒަމް ހުންނަ ކުދިންނަށް ފަތަން ދަސްކޮށްދިނުމަށް މިއަދު ފެށި ޕްރޮގްރާމުގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އޮފިޝަލު ވިދާޅުވި ގޮތުގައި ފަތަން ދަސްކޮށްދިނުމުުގެ ކްލާސްތައް ބާއްވާނީ ކޮންމެ ހުކުރު ދުވަހުގެ ހެނދުނު 9:00އިން 10:00އަށެވެ. އަދި ކުލާސްތައް ކުރިއަށްދާނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށް ވިދާޅުވި އެވެ.

މިއަދު އެ ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމު ފެށީ އޮޓިޒަމް އެސޯސިއޭޝަންގެ 10 ކުދިންނާ އެކު އެވެ. ކޮންމެ ކުއްޖަކަށް ވަކިން ނިއު ލެގޫން ކްލަބުގެ ކޯޗަކު ހުރެއެވެ.

އޯޓިޒަމް ހުންނަ ކުދިންނަށް ފަތަން ދަސްކޮށްދިނުމަށް މިއަދު ފެށި ޕްރޮގްރާމުގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ނިއު ލެގޫންސް ކްލަބުން މައުލޫމާތު ދިން އޮފިޝަލު ވިދާޅުވީ، ޕްރޮގްރާމަށް ކުދިން ނެގީ ކޯޗުން ތިބި ވަރަށް ބަލާފައި ކަމަށެވެ. ކުރިއަށް އޮތްތަނުގައި ކުދިން އިތުރު ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކުރިއަށްދާ ވަރަކަށް ފަތަން ދަސްވާ ވަރަކުން ގްރޫޕުކޮށް ގެންގުޅެވޭ ވަރުގެ ކުދިން ތިބި ކަމަށް ވަންޏާ، އެއް ކޯޗަކަށް ދެތިން ކުދިން ގެންގުޅެވޭ ވަރު ވަންޏާ އިތުރު ކުރަން ވިސްނަނީ،" އޮފިޝަލު ވިދާޅުވިއެވެ.

comment ކޮމެންޓް