ޕެނަލްޓީގައި އެތުލެޓިކޯ ބަލިކޮށް ރެއާލް ސުޕަ ކަޕުގެ ތަށި އުފުލާލައިފި

ރެެއާލް މެޑްރިޑުން ސުޕަ ކަޕުގެ ތަށި އުފުލާލަނީ --- ފޮޓޯ// އޭޕީ

ޕެނަލްޓީގައި ވާދަވެރި އެތުލެޓިކޯ މެޑްރިޑް ބަލިކޮށް ރެއާލް މެޑްރިޑުން ސްޕެނިޝް ސުޕަ ކަޕުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ސައުދީ އަރަބިއާގެ ޖިއްދާގެ ކިންގް އަބްދުﷲ ސްޕޯޓްސް ސިޓީ ސްޓޭޑިއަމުގައި ރޭ ކުޅުނު އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު ދެ ޓީމުން ކުރެން އެއް ޓީމަކަށް ވެސް ގޯލެއް ނުޖެހެއެވެ. އަދި އެއަށްފަހު 15 މިނަޓުގެ ދެ ހާފު ކުޅުނު އިރު ވެސް ސްކޯ ޝީޓަށް ބަދަލެއް އައިސްފައި ނުވުމުން ދެން ޖެހި ޕެނަލްޓީގައި ރެއާލް ކުރި ހޯދީ 1-4 އިންނެވެ.

ރޭގެ މެޗު ފެށިގެން ރެއާލުން އެޓޭކިންގް ކުޅުމެއް ކުޅުނު އިރު އެތުލެޓިކޯއިން ވަނީ މޮޅަށް ޑިފެންސްކޮށްގެން ކުޅެފަ އެވެ. ދެ ޓީމަށް ވެސް މެޗުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނު އިރު

މެޗުގެ ތެރޭގައި ރެއާލުގެ ގޯލްކީޕަރު ތިބައޫ ކޯޓުއާ އާއި އެތުލެޓިކޯގެ ގޯލްކީޕަރު ޔެން އޮބްލަޗް ވަނީ މުހިއްމު ސޭވްތަކެއްކޮށްފަ އެވެ.

މެޗުގެ އިތުރު ވަގުތުގައި ދެ ޓީމުން ވެސް ވަނީ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލައި ގޯލެއް ޖެހުމާ ގާތް ކޮށްފަ އެވެ. އެގޮތުން އެތުލެޓިކޯގެ އަލްވާރޯ މޮރާޓާ ފޮނުވާލި ބައިސިކަލް ކިކް ރޮނގު މަތިން ކޯޓުއާ ސަލާމަތް ކުރި އިރު ރެއާލްގެ ލޫކާ މޮޑްރިޗްއާއި ރޮޑްރީގޯ ފުލުފުލުގައި ގޯލު ކުރިމަތިން ފޮނުވާލި ބޯޅަތަކެއް އޮބްލަކް ވަނީ އުނދަގުލުން ސޭވް ކޮށްފަ އެވެ.

ޕެނަލްޓީގައޮ އެތުލެޓިކޯގެ ފުރަތަމަ ޕެނަލްޓީ ސައުލް ނިގުއޭޒް އަތުން ނާކާމިޔާބުވިއިރު ތޯމަސް ޕާޓޭގެ ޕެނަލްޓީ ރެއާލުގެ ގޯލްކީޕަރު ތިބައޫ ކޯޓުއާ މަތަކުރީ އެވެ. ކާމިޔާބުކުރެވުނީ އިނގިރޭސި ޑިފެންޑަރު ކިއެރަން ޖޯން ޓްރިޕިއާގެ ޕެނަލްޓީ އެވެ. ރެއާލުގެ ހަތަރު ޕެނަލްޓީ ވެސް، ޑެނީ ކަރްވަހާލް އާއި ރޮޑްރީގޯ އާއި މޮޑްރިޗް އަދި ސާޖިއޯ ރާމޯސް ކާމިޔާބުކުރި އެވެ.

ރޭގެ ތަށްޓާ އެކު ޒިދާންއަށް ވަނީ ހާއްސަ ޝަރަފެއް ލިބިފަ އެވެ. އޭނާގެ ކޯޗު ކަމުގައި ރެއާލުން މިހާތަނަށް ކުޅުނު ނުވަ ފައިނަލުގައި ވެސް މޮޅުވެފައިވާ އިރު އޭނާ ވަނީ މީގެ ކުރިން ޗެމްޕިއަންސް ލީގު ވިދި ވިދިގެން ތިން ފަހަރަކު ރެއާލަށް ހޯދައިދީފަ އެވެ.

އެހެން ފަހަރުތަކާ ޙިލާފަށް މިފަހަރުގެ ސުޕަކަޕް ސައުދީ އަރަބިއްޔާގައި ކުޅުނު އިރު ރެއާލް ފައިނަލަށް ދަތުރު ކުރީ 1-3 އިން ވެލެންސިއާ ބަލިކޮށްގެންނެވެ. އެތުލެޓިކޯ ފައިނަލަށް ދިޔައީ ވާދަވެރި މެޗުގައި ބާސެލޯނާ ކަޓުވާލުމަށްފަހު އެވެ.

comment ކޮމެންޓް