ރެއާލްއަށް ފައިނަލުގައި ކުލެސިކޯއެއް ނުވަތަ ޑާބީއެއް

ރެއާލް މެޑްރިޑާއި ވެލެންސިއާ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ// ޖޯ ރައިޓް

ސްޕެނިޝް ސުޕަ ކަޕްގެ ފުރަތަމަ ސެމީ ފައިނަލުގައި ރޭ ވެލެންސިއާ އަތުން 3-1 އިން ރެއާލް މެޑްރިޑް މޮޅުވުމާ އެކު ފައިނަލުގައި އެލް ކުލެސިކޯއެއް ނުވަތަ ޑާބީއެއް ކުޅެން ޖެހިއްޖެ އެވެ.

ސައުދީ އަރަބިއްޔާގެ ޖިއްދާގައި ރޭ ކުޅުނު މެޗުގައި ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ އިރު ރެއާލް މެޗުން ހޯދި މޮޅާ އެކު ފައިނަލުގެ ވާދަވެރިކަން ވަނީ އިތުރު ވެފަ އެވެ. މިރޭ ބާސެލޯނާއާއި އެތުލެޓިކޯ މެޑްރިޑް ކުޅޭ މެޗުން މޮޅުވާ ޓީމެއް ފައިނަލަށް ދަތުރު ކުރާ އިރު ކޮންމެ ޓީމެއް ދިޔަ ނަމަވެސް ރެއާލްއަށް އެ މެޗުގައި އޮންނާނެ ވާދަވެރިކަން ކުޑައެއް ނުވާނެ އެވެ.

ސަބަބަނީ ބާސެލޯނާއަކީ އެންމެ ކުރީއްސުރެން ވެސް ރެއާލާއި އެންމެ ވާދަވެރި ޓީމެވެ. އަދި ހާއްސަކޮށް ފަހުގެ ތާރީހުތަކުގައި ބާސެލޯނާއާއި ރެއާކް ކުޅުނު ގިނަ މެޗުތަކުން ރެއާލް ބަލިވެފައި އޮތުމުން އެ ޓީމުން އަބަދުވެސް ތިބެނީ ބާސެލޯނާ ބަލިކުރުމުގެ އުންމީގައި ކަމަށްވާތީ އާއި ދެ ޓީމު ވެސް ޖުމުލަކޮށް މޮޅު ހޯދާފައި ވަނީ ވަރަށް ހަމަހަމައަށް ކަމަށް ވާތީ އެވެ.

އަނެއް ކޮޅުން އެތުލެޓިކޯ މެޑްރިޑަކީ ރެއާލް ނިސްބަތްވާ މެޑްރިޑް ސިޓީގައި އެ ކުލަބާއި އެންމެ ވާދަވެރި ކުލަބެވެ. އެހެން ކަމުން މިފަހަރުގެ ސުޕަ ކަޕަކީ ކޮންމެ ޓީމެއް މިރޭގެ މެޗުން މޮޅުވި ނަމަވެސް އިންތިހާއަށް ފޯރިގަދަވާނެ މެޗެކެވެ.

ރޭގެ މެޗުގައި ރެއާލަށް ގޯލު ހުޅުވައިދިނީ މެޗުގެ 15 ވަނަ މިނަޓުގައި އެ ޓީމުގެ މިޑްފީލްޑަރު ޓޯނީ ކްރޫސް އެވެ. ކްރޫސް އެ ގޯލު ޖެހީ ނެގި ކޯނަރު ގޯލަށް އަމާޒުކޮށްލައިގެންނެވެ. ވެލެންސިއާގެ ކީޕަރު ޔޯމޭ ޑޮމެނެކް ކުރިއަށް ޖެހިލި ވަގުތު ބަލައި ކްރޫސް ކޯނަރު ފޮނުވާލީ ސީދާ ގޯލަށެވެ.

އެއަށްފަހު ވެލެންސިއާއިން ކުޅުން ރަނގަޅުކޮށް ގޯލެއް ޖެހުމަށް މަސައްކަތް ކުރި އެވެ. އެގޮތުން އެ ޓީމަށް އެއްވަރު ކުރަން ލިބުނު ފުރުސަތުގައި ކެވިން ގަމޭރޯ ޖެހި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.

ވެލެންސިއާއިން ޓީމު ކުރިއަށް ޖައްސާ ގޯލެއް ޖެހުމަށް މަސައްކަތް ކުރަމުން ދަނިކޮށް ރެއާލުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލީޑު ފުޅާކޮށްފަ އެވެ. އެ ގޯލު އެ ޓީމަށް ޖަހައިދިނީ އިސްކޯ އަލާކޯން އެވެ.

ފުރަތަމަ ހާފުގައި ޖެހި ދެ ގޯލާ އެކު ދެވަނަ ހާފުގައި ރެއާލުން ކުޅުނީ ހަމަޖެހިލައިގެން ތިބެ އެވެ. އަދި ވެލެންސިއާ ޕްރެޝަރުގައި އޮތް އޮތުމުން ފައިދާ ނަގައި ރެއާލުން ވަނީ އެ ހާފުގައި ތިންވަނަ ގޯލެއް ޖަހައިފަ އެވެ. އެ ގޯލު ޖެހީ ފަހަކަށް އައިސް ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ ލޫކާ މޮޑްރިޗް އެވެ.

މެޗުގެ އިތުރުވަގުތުގައި ވެލެންސިއާއިން ޖެހި ހަމައެކަނި ގޯލު އެ ޓީމަށް ޖަހައިދިނީ ޑެނީ ޕަރޭހޯ އެވެ. މިއީ އޭރިއާތެރެއިން ރެއާލްގެ ޑިފެންޑަރު ސާޖިއޯ ރާމޯސް އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީ އެކެވެ. މި ޕެނަލްޓީ ދޭން ރެފްރީ ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު އެވެ.

comment ކޮމެންޓް