ލޯ މެޑަލް ހޯދި އަންހެން ފުޓުބޯޅަ އަދި ބާސްކެޓު ޓީމަށް ރައީސްގެ ސާބަސް

ސައުތު އޭޝިއަން ގޭމްސް 2019ގައި ރާއްޖެ ތަމްޞީލުކުރި ކުޅުންތެރިންނާ އޮފިޝަލުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވަނީ --- ފޮޓޯ// ރައީސް އޮފީސް

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ނޭޕާލުގައި ކުރިއަށް ދިޔަ ސައުތު އޭޝިއަން ގޭމްސްގައި ވާދަކޮށް، ލޯ މެޑަލް ހޯދި ރާއްޖޭގެ ގައުމީ އަންހެން ފުޓުބޯޅަ ޓީމާއި، އަންހެން ބާސްކެޓު ޓީމުގެ ކުޅުންތެރިން އަދި އޮފިޝަލުންނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލު ކުރައްވާ، ތައުރީފް ކުރައްވައިފި އެވެ.

ސައުތު އޭޝިއަން ގޭމްސްގެ ނިމުމުގެ ރަސްމިއްޔާތަށްފަހު ގައުމީ ޓީމުތަކުގެ ކުޅުންތެރިން ރާއްޖެ އައި އިރު ވަނީ މާލޭ އެއް ނަންބަރު ފާލަމުން ރަތްދޫލައާ އެކު ކުލަގަދަ މަރުހަބާއެއް ކިޔައިފަ އެވެ. އެކަމަކު މެޑަލް ހޯދި ބާސްކެޓު ޓީމާއިން ފުޓުބޯޅަ ޓީމު އޭރު ރާއްޖެ ނާދެވުމުން އެ ކުޅުންތެރިންގެ އަގުވަޒަން އޭރު އެންމެ އެދެވޭ ގޮތެއްގައި ކުރެވިފައި ނުވި ނަމަވެސް އިއްޔެ ވަނީ ރައީސް އޮފީހުގައި އެ ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނާ ރައީސް ބައްދަލު ކުރައްވާފަ އެވެ.

ސައުތު އޭޝިއަން ގޭމްސް 2019ގައި ރާއްޖެ ތަމްޞީލުކުރި ކުޅުންތެރިންނާ އޮފިޝަލުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވަނީ --- ފޮޓޯ// ރައީސް އޮފީސް

ކުޅިވަރަށް އަބަދުވެސް ލޯބި ކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ އެކު މިނިސްޓަރު މަހްލޫފް ވެސް ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުމުގައި ކުޅުންތެރިން ގައުމަށް ހޯދައިދެއްވި ރީތި ޝަރަފާއި ނަމަށްޓަކައި ވަނީ ހާއްސަ ޝުކުރެއް ދަންނަވައިފަ އެވެ. އަދި ކުޅިވަރުތައް ކުރިއެރުވުމަށް ގެންގުޅުއްވާ ހާއްސަ އަހައްމިޔަތުތަކުގެ މައްޗަށް ވެސް މި ބައްދަލުވުމުގައި ރައީސް ވަނީ އަލިއަޅުއްވާލައްވައިފަ އެވެ.

މީގެ އިތުރުން ވަކި ވަކި ކުޅިވަރުތަކަށް ގެންގުޅޭ ތަފާތު ކުރުން ނައްތާލާ އަންހެން އަދި ފިރިހެން ކުޅުންތެރިންނަށް ވެސް އެއް ހަމަޔަކުން ފުރުސަތުތައް ހޯދައިދޭނެ ކަމުގެ ޔަގީންކަން ރައީސް މި ބައްދަލުވުމުގައި ދެއްވި އިރު ކުޅިވަރުތަކުން ހޯދާ ކާމިޔާބީތަކުން ގައުމަށް ލިބިގެންދާ ރީތި ނަން ދެމެހެއްޓޭނީ އެކަމަަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްގެން ކަން ފާހަގަ ކުރެއްވި އެވެ.

އަދި މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފު ވަނީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާގެ ތަރައްޤީއަށް ސަރުކާރުން ކުރިޔަށްގެންދާ މަސައްކަތްތަކުގެ ބައެއް ތަފްޞީލުތައް ޙިއްޞާކުރައްވާފައެވެ.

ނިމިގެން ދިޔަ އަހަރުގެ ތެރޭގައި ބައިނަލް އަގުވާމީ އެކި އެކި މުބާރާތްތަކުން ރާއްޖެ ވަނީ 46 މެޑަލް ހޯދައިފަ އެވެ. އޭގެ ތެރޭގައި ސަރަހައްދީ އެންމެ ބޮޑު ދެ މުބާރާތް ކަމަށްވާ ސައުތު އޭޝިއަން ގޭމްސްއާއި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެއިން ވަނީ ޖުމުލަ 20 މެޑަލް ހޯދައިފަ އެވެ. އޭގެ ތެރޭގައި ފަސް ރަން މެޑަލް ވެސް ހިމެނެ އެވެ.

comment ކޮމެންޓް