ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އުވާލަން ނިންމައިފި

އައްޑޫ ސިޓީ، ހިތަދޫ ރީޖަނަލް ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އުވާލަން ރައީސް އޮފީހުން މިއަދު ނިންމައިފިއެވެ.

އެކަން އަންގައި ރައީސް އޮފީހުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީނަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ހިތަދޫގައި އަލަށް އިމާރާތްކޮށްފައިވާ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަކީ ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ހަމަޖައްސަވައި، ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ކުރަމުންދާ މަސައްކަތްތައް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ބަދަލުކޮށް، ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އުވާލަން ނިންމާފައިވާ ކަމަށެވެ.

މިގޮތަށް ހަމަޖެއްސުމާ ގުޅިގެން، ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ މުވައްޒަފުންނާއި އެ ހޮސްޕިޓަލުގެ މުދަލާއި އެހެނިހެން ވަސީލަތްތައް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ބަދަލުކުރުމުގެ އެންމެހައި ކަންކަން ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާކޮށްގެން ކުރިއަށް ގެންދިއުމަށް، ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އާމިނަތު ޝައުނާ ސޮއިކުރައްވައި މިނިސްޓަރު އަމީނަށް ފޮނުއްވި ސިޓީގައި ވަނީ އަންގައިފައެވެ.

ލެބޯޓްރީއާއި ރޭޑިއޮލޮޖީއާއި ސީޓީ ސްކޭންއާއި އެކްސްރޭއާއި މެމޮގްރާމްއި ބޯން ޑެންސިޓީ މެޓްރިކްގެ ހިދުމަތްތަކާއެކު 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލުގެ ހިދުމަތްތައް ފަށަން ހަމަޖެހިފައި އޮތީ މި މަހުގެ 15 ވަނަ ދުވަހު އެވެ.

ނަމަވެސް އެކަށީގެންވާ ވަރަށް ތައްޔާރުނުވެވުމުގެ ސަބަބުން، އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ހިދުމަތްތައް ފެށުން ވަނީ ފަސްކޮށްފައެވެ. ހެލްތު މިނިސްޓްރީން ބުނީ ތައްޔާރީތައް މުޅިން ނިމި، އެ ހޮސްޕިޓަލުގެ ހިދުމަތްތައް ފެށޭނެ ދުވަހެއް އަދި ބުންނަ ނޭނގޭ ކަމަށެވެ.

އައްޑޫ ކޮންވެންޝަން ސެންޓަރު އިމާރާތުގައި ގާއިމުކުރި އާ ހޮސްޕިޓަލްގެ މަސައްކަތް ނިންމައި، އެ މަޝްރޫއުގެ ކޮންޓްރެކްޓަރު ކަމަށްވާ އެލިއާ ކޮންސްޓްރަކްޝަނުން ހޮސްޕިޓަލް ސަރުކާރާ ހަވާލުކުރީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ. އެ މަސައްކަތް އެލިއާ އާ ހަވާލުކުރީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ.

އައްޑޫ ކޮންވެންޝަން ސެންޓަރު 100 އެނދުގެ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތުގެ ބޮޑުބައި ނިންމާފައި ވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެ.

އާ ހޮސްޕިޓަލް ހުޅުވިނަމަވެސް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި މީހުން އެޑްމިޓްކުރުމާއި އިމަޖެންސީއާއި ބައެއް އޮޕަރޭޝަންތަކާއި އަދި ވިއްސުން ފަދަ ހިދުމަތްތައް ދެމުންގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން ވަނީ މީގެކުރިން ބުނެފައެވެ.

އިކުއިޓޯރިއަލް ހޮސްޕިޓަލުގައި މިވަގުތު 25 ސްޕެޝަލިސްޓް ޑޮކްޓަރުންނާއި 11 މެޑިކަލް އޮފިސަރުންނާއި 73 ނަރުހުން ތިބިކަމަށް ހެލްތު މިނިސްޓްރީން ކުރިން ވަނީ ބުނެފައެވެ.

އަދި މި މަހުގެ ތެރޭގައި އެ ހޮސްޕިޓަލަށް 10 ނަރުހުންނާއި ދެ ދާއިމީ ފާމަސިސްޓުންނާއި އަދި ދެ ވަގުތީ ފާމަސިސްޓުން ހޯދަން އިއުލާންކޮށްފައިވެއެވެ.

comment ކޮމެންޓް