ހުއްދަ ހިފެހެއްޓި އިލްމުވެރިންގެ ހުއްދަ އަލުން ދީފާނެކަމުގެ އިޝާރާތެއް

އިސްލާމިކް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--- ސަން ފޮޓޯ: ފަޔާޒު މޫސާ

ރާއްޖޭގައި ދީނީ ގޮތުން ހައްދު ފަހަނައަޅެމަށް ހިތްވަރު ލިބޭ ގޮތަށް ދީނީ ނަސޭހަތް ދިނުމާއި، ދީނީ ގޮތުން ހިޔާލު ތަފާތުވާ މައްސަލަތަކުގައި ވަކި ގޮތަކަށް ކަން ކުރަން ބާރު އަޅާ ކަމަށް ބުނެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ހިފެހެއްޓި އިލްމުވެރިންގެ ހުއްދަ އަލުން ދީފާނެކަމުގެ އިޝާރާތެއް އިސްލާމިކް މިނިސްޓްރީން ދީފި އެވެ.

ވަކި މުއްދަތެއް ނެތި އިސްލާމިކް މިނިސްޓްރީއިން ސަސްޕެންޑް ކުރީ ދީނީ ތިން އިލްމުވެރި އެކެވެ. އެ ބޭފުޅުންގެ ތެރޭގައި އަބްދުއްރަހީމް މުހައްމަދު، މަނަދޫގެ، ނ. ޅޮހި އާއި ޖައުފަރު ފާއިޒް، ދެކުނުގެ، ސ. މީދޫގެ އިތުރުން މުހައްމަދު ހަސަން، ރެޑްސީ، ގދ. ތިނަދޫ ހިމެނެ އެވެ.

ރާއްޖޭގެ ދީނީ އިލްމުވެރިން ދަރުސްތައް ދިނުމުގައި ހަރުކަށި ފިކުރަށް ހިތްވަރު ލިބޭ ގޮތަށް އެކަން ނުކުރުމަށާއި އޭގެ ބަދަލުގައި ހަރުކަށިފިކުރާ ދެކޮޅަށް ތެދުވުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އިލްމުވެރިންނަށް އިލްތިމާސްކޮށްފަ އެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ހަރުކަށި ފިކުރާއި ދީނީ ހިޔާލުތަފާތުވުންތަކުގެ މައްސަލާގައި އިލްމުވެރިންނާ އެކު މަޝަވަރާތައް ބޭއްވުމަށް މިހާރު ތައްޔާރުވަމުން އަންނަ ކަމަށެވެ. ނަމަވެސް އެ މަޝްވަރާތައް ބާއްވާނީ ކޮންއިރަކު އަދި ކިތައް އިލްމުވެރިންގެ ބައިވެރިވުމާ އެކު ކަމެއް އެ މިނިސްޓްރީ އަކުން ނުބުނެ އެވެ.

އަދި ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ހިފެހެއްޓި މީހުންނާ ވެސް ވާހަކަ ދައްކައި އިސްލާހީ ބަދަލުތަކެއް ފެނިއްޖެ ނަމަ އަލުން ހުއްދަތައް މުރާޖާކުރާނެ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީން މަޝްވަރާއަށް ތައްޔާރުވަމުން އަންނަ އިރު ރާއްޖޭގެ ސަލަފު ޖަމިއްޔާ އާއި މަކްތަބުއް ސަލަފިއްޔާ ޖަމިއްޔާ އާއި ދެމެދު ބޮޑެތި ހިޔާލު ތަފާތުވުންތަކެއް ވަނީ އުފެދިފަ އެވެ.

comment ކޮމެންޓް