ޑރ. އިޔާޒާއި އަލީ ޒައިދުގެ ބަހުގެ ހޫނު ހަމަލާތަކެއް މަކްތަބާ ސަލަފިއްޔާއަށް!

ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފާއި ޝެއިހް އަލީ ޒައިދު -- ފައިލް

މަކްތަބާ ސަލަފިއްޔާއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި ވާހަކަތަކާ ގުޅިގެން ދީނީ އިލްމުވެރިން ކަމަށްވާ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފާއި ޝެއިޚް އަލީ ޒައިދު އެ ޖަމާއަތަށް ބަހުގެ ހޫނު ހަމަލާތަކެއް ރައްދު ކުރައްވައިފިއެވެ.

އިއްޔެ ހޮޓެލް ޖެންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަކްތަބާ ސަލަފިއްޔާ އިން ވަނީ، އެ ޖަމާއަތަކީ ހަރުކަށި ހައްދު ފަހަނަ އެޅި ބައެއް ނޫން ކަމަށާއި އެކަން ފަތުރާ، އެކަމަށް ހިތްވަރުދޭ ގޮތަށް ވާހަކަ ދައްކަވަނީ އެހެން ބައެއް ކަމަށް ބުނެފައެވެ. އަދި އެފަދަ ދީނީ އިލްމުވެރިން ހަރުކަށި ފިކުރަށް ހިތްވަރު ލިބޭ ގޮތަށް މީގެ ކުރިން ކޮށްފައިވާ ޕޯސްޓުތަކާއި ލިޔުންތައް ނޫސްވެރިންނަށް ވަނީ ދައްކާލާފައެވެ. އޭގެ ތެރޭގައި ޑރ. އިޔާޒުވެސް ހިމެނެއެވެ.

ޓްވިޓާގައި މަކްތަބާ ސަލަފިއްޔާއަށް ރައްދު ދެއްވަމުން ޑރ. އިޔާޒް ވިދާޅުވީ، އެ ޖަމާއަތަކީ މީސްތަކުން ކެޓަގަރައިޒްކޮށް، އެމީހުންގެ ފިކުރާ ދިމާ ނުވާ މީހުންނާ "ހަތަރު ކަޅި" ހަމަ ނުކުރާ ބައެއް ކަމަށެވެ. އަދި އެ ޖަމާއަތުގެ އަމަލުތަކަކީ، އިސްލާމީ އުސޫލަށް ފެތޭ އަމަލުތަކެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"ސަލާމް ގޮވިޔަސް ބަލައި ނުގަނެ މޫނު އަނބުރާފައި ދާ ސަލަފި [ޖަމާއަތުގެ] ބޭފުޅުންގެ އަމަލުތަކަކީ އެއްވެސް ގޮތަކުން އިސްލާމީ އުސޫލަށް ފެތޭނެ ކަންތައްތަކެއް ނޫން،" އިޔާޒު ވިދާޅުވިއެވެ.

"ތިމާމެންގެ މަންހަޖަށް ފެތޭ ބަޔަކަށް ނޫނީ ދަރުސް ދެވޭ ކަމަކަށް ނުވޭ. ބޮޑެތި ކާފަރުންނާއި ހެވިފައި ވާހަކަ ދެއްކޭ. ނަމަވެސް މުސްލިމް އަޚަކީ ތިމާގެ މަންހަޖަށް ނުފެތޭ މީހަކަށް ވާތީ ކުޑަ މިނުން ސަލާމް ގޮވާ ނުލެވޭ. މިއީތޯ ރަސޫލާގެ މަންހަޖަކީ،"

https://sun.mv/129169

އިޔާޒު ވިދާޅުވީ، އެއް މުސްލިމަކު އަނެއް މުސްލިމަކާ ބައްދަލުވާ ހިނދު ސަލާމް ކޮށްލުމުން އެކަމުގެ މަތިވެރި ދަރުމަ ލިބޭނެ ކަމަށެވެ. އަދި އެ އަޚާގެ މޫނު މަތީގައި ހިނިތުންވުމަކީވެސް ސަދަގާތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހެން މިކަން އޮތް އިރު، ކުނި މޫނު ދައްކައިގެން މީސްތަކުން މަންހަޖުން ބޭރުކޮށް، ދީނީ ދައުވަތު ފުނޑާލަން ފުރުސަތު ދެވިގެން ނުވާނެ" އިޔާޒު ވިދާޅުވިއެވެ.

އިޔާޒު ތުހުމަތު ކުރެއްވި ގޮތުގައި، އެ ޖަމާއަތުން މަސައްކަތް ކުރަނީ ފިތުނަ ފަސާދަ އުފައްދާށެވެ. އަދި އިސްލާހުގެ މަގު އިހްތިޔާރު ކުރުމަށް އެ ޖަމާއަތަށް ނަސޭހަތްތެރިވާ ކަމަށް އިޔާޒު ވިދާޅުވިއެވެ.

އިޔާޒު ކުރެއްވި ޓްވީޓްތަކަށް ޖަވާބު ދެއްވާ ޝެއިހް އަލީ ޒައިދުވެސް ވަނީ މަކްތަބާ ސަލަފިއްޔާއަށް ރައްދުދެއްވާފައެވެ. އަލީ ޒައިދު ސިފަ ކުރެއްވި ގޮތުގައި އެ ޖަމާއަތަކީ "އެސްއެސް"[ސުޕާ ސަލަފް] މީހުންނެވެ. އަދި އެ ޖަމާއަތުން އަބަދުވެސް އެހެން ހުރިހާ ޝެއިޚުން "ބިދުވެއަވެރިންނަށް" ހަދާ ކަމަށް އަލީ ޒައިދު ތުހުމަތު ކުރެއްވިއެވެ.

"އެމީހުންނަށް [މަކްތަބާ ސަލަފިއްޔާއަށް] ޕާޓޭންވެސް ރަނގަޅުވޭ ދެންތިބި މީހުންނަށް ވުރެ، އެމީހުންނަށް ހެޔޮ މަގާމަށް އެނބުރި ރުޖޫއަ ވުމަށް ގޮވާލަން،" އަލީ ޒައިދު ޓްވީޓްގައި ވިދާޅުވިއެވެ.

ހަރުކަށި ފިކުރު ފަތުރާ ކަމަށް ބުނެ މިދިޔަ ބުދަ ދުވަހު އިސްލާމިކް މިނިސްޓްރީން ވަނީ މަކްތަބާ ސަލަފިއްޔާގެ ވެރިޔާ މުހައްމަދު ހަސަން އާއި އިތުރު ދެ ދީނީ އިލްމުވެރިއެއްގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ބާތިލުކޮށްފައެވެ. ނަމަވެސް އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވަނީ އެކަން ދޮގު ކުރައްވާފައެވެ.

މުހައްމަދު ހަސަން ހުށަހަޅައި ދެއްވި ޕްރެސެންޓޭޝަންގައި ވަނީ އުސާމާ ބިއްލާދީނަށް ތާއީދުކޮށް ޑރ. އިޔާޒް ލިޔެފައިވާ ލިޔުމެއް ދައްކަވާފައެވެ.

އިޔާޒު މިއަދު ކުރެއްވި އިތުރު ޓްވީޓެގައި ވިދާޅުވީ، އޭނާއަކީ އެއްވެސް އިރެއްގައި އެއްވެސް ބަޔަކު ހިންގާ ޓެރަރިސްޓް އަމަލުތަކަށް ހިތްވަރުދޭ އަދި އެފަދަ ކަންތަތައްތަކަށް ތާއީދު ކުރާ މީހެއް ނޫން ކަމަށެވެ. މުސްތަގުބަލުގައި ވެސް އެފަދަ ކަމެއް ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މުހައްމަދު ހަސަން މަސައްކަތް ކުރައްވަނީ ހަގީގަތް އޮޅުވާލަން ކަމަށް އިޔާޒު ތުހުމަތު ކުރެއްވި އެވެ. އޭނާ ވިދާޅުވިގޮތުގައި މުހައްމަދު ހަސަންގެ ހުއްދަ ބާތިލު ކުރީ ނަފްރަތު އުފެދޭ ގޮތަށް ވާހަކަ ދައްކާތީއެވެ.

"އޭނާގެ [މުހައްމަދު ހަސަންގެ] ހުއްދަ ބާތިލު ކުރީ މީސްތަކުން ހަނގުރާމައަށް ފޮނުވާތީއެއް ނޫން. މީސްތަކުންނާއި އިލްމެރިން މަންހަޖުން ބޭރު ކުރާތީ. ނަފްރަތާއި ފިތުނަ ފަސާދަ އުފައްދަމުން ދާތީ،" އިޔާޒު ވިދާޅުވިއެވެ.

މަކްތަބާ ސަަލަފިއްޔާއިން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ، އެ ޖަމާއަތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކީ މުހައްމަދު ހަސަންގެ ހުއްދަ ބާތިލުކުރުމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް ނޫން ކަމަށާއި އެއީ، ހުއްދަ ބާތިލުކުރުމުގެ ކުރިން އަދި މިހާރުވެސް މުހައްމަދު ހަސަން އާއި ހަރުކަށި ފިކުރާ ގުޅުވައި ދައްކަމުންދާ ވަހާކަތަކުގެ ހަގީގަތް އޮޅުންފިލުވުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ. އަދި މުހައްމަދު ހަސަން އާއެކު ހުއްދަ ބާތިލު ކުރި އަނެއް ދެ އިލްމުވެރިންނަކީ މަކްތަބާ ސަލަފިއްޔާއާ ގުޅުމެއް ނެތް އިލްމުވެރިންކަންވެސް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

comment ކޮމެންޓް