އަބްދުﷲ ވިޝާމްގެ ވާހަކައަކަށް މަހުދީ އަހުމަދު ސްކްރީން ޕްލޭ ލިޔެފައިވާ ފިލްމް "ވިޝްކާ" އަލުން ސްކްރީނަށް އަންނަން އެބައުޅެ އެވެ.
ނިމިގެން ދިޔަ ނުވަ ވަނަ ދިވެހި ފިލްމު އެވޯޑްސްގެ އެންމެ މޮޅު ފީޗާ ފިލްމަކަށް ވިޝްކާ ހޮވުނު އިރު އެ ފިލްމަށް ވަނީ ގިނަ އެވޯޑްތަކެއް ލިބިފަ އެވެ. އެ ފިލްމުން ރިޝްމީ އަށް ވަނީ އެންމެ މޮޅު ބަތަލާގެ އެވޯޑްވެސް ލިބިފަ އެވެ.
ރިޝްމީގެ އިންސްޓަގްރާމް ސްޓޯރީއަށް ފޭނަކު ކުރި ސުވާލަކަށް ޖަވާބު ދެމުން އޭނާ ބުނީ ފިލްމު ވިޝްކާ ވަރަށް އަވަހަށް އަންނާނެ ކަމަށެވެ. ވިޝްކާ ސްކްރީނަށް ގެންނާނެ ކަމުގެ އުފާވެރި ހަބަރު ރިޝްމީ ދިން ނަމަވެސް އެ ފިލްމު ދައްކާނެ ތާރީހެއް ހާމަކޮށްފައެއް ނުވެ އެވެ.
"ވިޝްކާ" ދިވެހި މުޖުތަމައުގައި ހިނގާ މާރާމާރީ އާއި ސިޔާސީ ކަންތައްތަކުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. އެ ފިލްމަކީ ލޯތްބާއި ނަފްރަތާއި ދަހިވެތިކަމާއި އަނިޔާވެރިކަން ފަދަ ކަންތައްތައް އެކުލަވައިލައިގެން އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމަކީ ރާއްޖޭގެ ކުށުގެ ވެށި ވަރަށް ފުރިހަމައަށް ދައްކުވައިދީފައިވާ ފިލްމެއް ވެސްމެ އެވެ.
ރަވީ ފާރޫގް ޑައިރެކްޓްކޮށް ރިޝްމީ ޕްރޮޑިއުސްކުރި ކްރައިމް ތްރިލާ އެ ފިލްމުގެ ލީޑް ރޯލް ކުޅެފައި ވަނީ ރަވީގެ އިތުރުން ރިޝްމީ އާއި އަހްމަދު ސައީދެވެ.
ފިލްމްގައި ދައްކުވައިދެނީ އަމިއްލަ އެދުމުން ފޯވެފައިވާ ދެ ފިރިހެނެއްގެ މެދުގައި ތާށިވާ ޒުވާން އަންހެނެއްގެ ވާހަކަ އެވެ.
ދެ ގަޑިއިރާއި 17 މިނެޓްގެ އެ ފިލްމުން ރިޝްމީއަށް ވަނީ ސާކް ފެންވަރުގެ އެންމެ މޮޅު ބަތަލާގެ އެވޯޑް ލިބިފަ އެވެ. މިއީ 18 އަހަރުން މަތީގެ މީހުންނަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ.