މާމިގިލީ ކައުންސިލްގެ ހަތް ގޮނޑި ވެސް ޖޭޕީއަށް ދިނުމަށް ގާސިމް އެދިވަޑައިގެންފި

ޖުމްހޫރީ ޕާޓީގެ އަންހެނުންގެ ގޮފި "ރަތްފިޔަ" ރަސްމީކޮށް އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އދ. މާމިގިލީ ކައުންސިލްގެ ހަތް ގިނޑިއަށް ވެސް ޖުމްހޫރީ ޕާޓީގެ މެންބަރުން އިންތިހާބު ކުރުމަށް މާމިގިލީ ދާއިރާގެ މެންބަރު އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އިލްތިމާސް ކުރައްވައިފި އެވެ.

ޖޭޕީ އިން ރޭ މާމިގިލީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ރަށުގެ ރައްޔިތުން އެކުގައި ނިކުމެ މާމިގިލީ ކައުންސިލަށް ޖޭޕީ މެންބަރުން ހޮވަން ޖެހޭ ކަމަށެވެ.

"ކުރިއަށް އޮތް ދުވަސްތަކުގައި އަޅުގަނޑުމެން ފޫގަޅާފައި ނިކުންނަންވީ އިރާދަކުރެއްވިއްޔާ ޖޭޕީ އަށް ހަތް ކައުންސިލަރުން ވެސް ނަގަން. ހަމަޖެހުމާއި އޮމާންކަމާ އެކީގައި ގަވައިދާ ހިލާފު ނުވެ، އިސްލާމްދިނަށް ހުރުމަތްތެރިކޮށް ހިތައިގެން އަޅުގަނޑުމެން މިކަންކުރާނީ،" ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ކައުންސިލެއް އޮވެގެން މާމިގިލީގައި ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދެއްވާނެ ކަމަށާއި ކައުންސިލުން ކުރާ ގޯސް ކަންތައް ރަނގަޅު ކޮށްދެއްވާނެ ކަމަށެވެ.

"މިރަށުގައި ރައްޔިތުންނަށް ފައިދާ ހުރި މަންފާހުރި ގޮތަކަށް މެނުވީ އެއްވެސް ކަމެއް ކުރިއަށް ނުގެންދެވޭނެ ކަމުގެ ޔަގީންކަންދެން،" ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖޭޕީ އިން އަންނަ އަހަރުގެ ކައުންސިލް އިންތިހާބަށް ނިކުންނަނީ "ފުއްދުންތެރި ދިރިއުޅުން" މި ޝިއާރުގެ ދަށުން ކަމަށެވެ.

ކައުންސިލްތަކުގެ ތިންބައިކުޅަ އެއްބައި އަންހެނުންނަށް ހާއްސަކޮށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހަށް ރޭ ވެސް ގާސިމް ވަނީ ފާޑު ވިދާޅުވެފަ އެވެ. އެއީ ގާނޫނު އަސާސީއާ ހިލާފު އެއްބަސްވުމެއް ކަމަށް ވިދާޅުވި ނަމަވެސް ގާސިމް އިތުރަށް ވިދާޅުވީ ރާއްޖޭގެ މުޖުތަމައުން އަންހެން ލިޑަރުން ފެންނަން އެމަނިކުފަނު ވެސް ބޭނުންފުޅުވާ ކަމަށެވެ.

ގާސިމް ވަނީ ސިޔާސީ ދާއިރާގެ އިތުރުން އިޖުތިމާއީ ދާއިރާގައި ވެސް އަންހެނުން މަސައްކަތްކުރާ މިންވަރު އިތުރުކޮށް ބާރުވެރި ބަޔަކަށް އަންހެނުން ވުމަށް އިލްތިމާސް ކުރައްވައިފަ އެވެ.

comment ކޮމެންޓް