ކުވެއިތުގައި ބާއްވާ ގުރުއާން މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

މިސްކިތުގައި މީހަކު ގުރުއާން ކިޔަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުވެއިތުގައި ބާއްވާ ގުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން އިއްޔެ ކުރި އިއުލާންއެއްގައި ބުނީ އަންނަ އަހަރު އެޕްރީލް 07 އިން 15 އަށް ބާއްވާ ކުވައިތު އިންޓަރނޭޝަނަލް ކީރިތި ގުރްއާން ކިޔެވުމުގެ 12 ވަނަ މުބާރާތުގައި ބައިވެރިވުމަށް ރާއްޖެއަށް ދައުވަތުލިބިފަިއވާ ކަމަށެވެ.

އެގޮތުން ދެ ކެޓެގަރީއަކުން އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބިފައިވާ ކަމަށް ވެސް ގުރުއާނާ ބެހޭ މަރުކަޒުން ބުންޏެވެ.

އޭގެ ތެރޭގައި މުޅި ގުރުއާން ހިތުދަސްކުރުމުގެ ގޮއްޕާއި ކީރިތި ގުރުއާން ތިލާވަތުކުރުމާއި ތަރުތީލްކުރުން ނުވަތަ ދިގުރާގަށް ކިޔެވުމުގެ ގޮފި ހިމެނެ އެވެ.

މުޅި ގުރުއާން ހިތުދަސްކުރުމުގެ ގޮފީގައި ބައިވެރިވުމަކީ ލާޒިމުކަމެއް ކަމަށާއި އަދި އެ ގޮފީގައި އެއްވެސް ބައިވެރިޔަކު ބައިވެރި ނުވެއްޖެ ނަމަ ރާއްޖެ އިން އެ މުބާރާތުގައި ބައިވެރިނުވެވޭނެ ކަމަށް ވެސް ގުރުއާނާ ބެހޭ މަރުކަޒުން ބުންޏެވެ.

މުޅި ގުރްއާން ހިތުދަސްކުރުމުގެ ގޮފިި ހުޅުވާލައިފައި ވަނީ 13 އަހަރާއި 25 އަހަރާއި ދެމެދުގެ ފިރިހެނުންނަށެވެ. އަދި ކީރިތި ޤުރްއާން ތިލާވަތުކުރުމާއި ތަރުތީލް ކުރުން (ދިގުރާގަށް ކިޔެވު)މުގެ ގޮފި ހުޅުވާލައިފައި ވަނީ 18 އަހަރާއި 45 އަހަރާއި ދެމެދުގެ ފިރިހެނުންނަށެވެ.

"މި މުބާރާތުގައި ކޮންމެ ގޮތްޕެއްގައި ރާއްޖެ ތަމްސީލުކުރާނެ ބައިވެރިއަކު ހޮވުމަށް ބޭނުންވާތީ މިކަމަށް ޝަރުތުހަމަވާ ފަރާތްތަކުން 09 ޖަނަވަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 13.30ގެ ކުރިން މިކަމަށް އެދި ގުރުއާނާ ބެހޭ ގައުމީ މަރުކަޒަށް ސިޓީއާ އެކު ޕާސްޕޯޓް ކޮޕީ، 1 ޕާސްޕޯޓް ސައިޒް ފޮޓޯ އަދި ވަނަވަރު ހުށަހެޅުއްވުން އެދެމެވެ. މި މުބާރާތުގައި ބައިވެރިވާނީ މި މަރުކަޒުން ބައިވެރިން އިމްތިހާން ކުުރުމަށްފަހުގައެވެ." ގުރުއާނާ ބެހޭ މަރުކަޒުގެ ބަޔާނުގައިވެ އެވެ.

މީގެ ކުރިން ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ އެކި ގުރުއާން މުބާރާތުގައި ވަނީ ބައިވެރިވެފަ އެވެ. އޭގެ ތެރޭގައި ދުބާއީ ފަދަ ގައުމުތަކުގައި ބާއްވާ ބައިނަލްއަގުވާމީ ގުރުއާން މުބާރާތް ހިމެނެ އެވެ.

މިދިޔަ އަހަރު ރާއްޖޭގައި ފުރަތަމަ ފަހަރަށް "އައްނޫރުލް މުބީން"ގެ ނަމުގައި ރާއްޖެ އިން އިންތިޒާމްކޮށްގެން ވަނީ ގުރުއާން މުބާރާތެއް ވެސް ބާއްވައިފަ އެވެ.

comment ކޮމެންޓް