ރަން މެޑަލްއާއެކީ ސާއިދު މާދަމާ މާލެ އަންނަނީ

ސައުތް އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުން އެއްވަނަ ހޯދުމަށްފަހު ސާއިދު ދިވެހި ދިދައާ އެކު --- ފޮޓޯ// އެމްއޯސީ

ނޭޕާލުގައި ކުރިއަށް ދިޔަ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހާސިލުކުރި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު އަދި އިތުރު މެޑަލިސްޓުން މާދަމާ ހެނދުނު މާލެ އަންނާތީ، އެ އެތުލީޓުންނަށް ހޫނު މަރުހަބާއެއް ކިޔުމަށް ނިންމައިފިއެވެ.

ޔޫތު މިނިސްޓްރީން މިއަދު ކުރި އިއުލާންއެއްގައި ބުނީ ސާއިދާއި އަދި އެހެން މެޑަލިސްޓުންނަށް މަރުހަބާ ދެންނެވުމަށްޓަކައި މާދަމާ ހެނދުނު 9:45 އަށް ރަސްމީ ފާލަމުގައި ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"10 ޑިސެމްބަރ 2019 ވަނަ ދުވަހު ކުޅުންތެރިން މާލެ އައުމަށް ހަމަޖެހިފައިވަނީ ކަނޑުމަގުން ކަމަށްވެފައި ކުޅުންތެރިން މާލެއަށް ފައިބާގޮތަށް ހަމަޖެހިފައިވަނީ ޢިއްޒުއްދީން (1 ނަންބަރު) ފާލަމުންނެވެ." ޔޫތު މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.

ސާއިދުއާއި އެހެން މެޑަލިސްޓުން މަރުހަބާ ދެންނެވުމަށް ވީހާވެސް ގިނަ މީހުން ރަސްމީ ފާލަން ސަރަހައްދަށް ދިއުމަށް މިނިސްޓްރީން އިލްތިމާސްކުރިއެވެ.

ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގެ ދަސަރަތު ސްޓޭޑިއަމުގައި ކުރިއަށް ދިޔަ 100 މީޓަރު ދުވުމުން ސާއިދު އެއްވަނަ ހޯދީ 10.49 ސިކުންތުން ރޭސް ނިންމައިގެންނެވެ. މިއީ މިފަހަރުގެ ގޭމްސްގައި ރާއްޖެއަށް ލިބުނު ފުރަތަމަ ރަން މެޑައްޔެވެ.

ސައުތު އޭޝިއަން ގޭމްސްގެ 200 މީޓަރު ދުވުމުން ސާއިދު ވަނީ ރިހިމެޑަލްވެސް ހާސިލްކޮށްފައެވެ. ދުއިސައްތް މީޓަރު ދުވުމުން ސާއިދު ލޯ މެޑަލް ހޯދީ 21.22 އިން ރޭސް ނިންމައިގެންނެވެ.

ސާއިދުގެ ކާމިޔާބީއާ ގުޅިގެން ސަރުކާރުގެ އިސް ފަރާތްތަކާއި އަދި ކުންފުނިތަކުންވެސް ވަނީ އޭނާއަށް މަރުހަބާ ކިޔައިފައެވެ. އޭގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ހިމެނިލައްވައެވެ.

comment ކޮމެންޓް