ސެމީ ފައިނަލްގައި ނޭޕާލް އަތުން ރާއްޖެ ބަލިވެއްޖެ

ސައުތު އޭޝިއަން ގޭމްސް: ރާއްޖެއާ ނޭޕާލް ބައްދަލު ކުރި ސެމީ ފައިނަލު މެޗުގެ ތެރެއިން --- ފޮޓޯ// އެމްއޯސީ

(ކަތަމަންޑޫ، ނޭޕާލް): ނޭޕާލްގައި މިހާރު ކުރިއަށްދާ ސަރަހައްދީ އެންމެ ބޮޑު ކުޅިވަރު މުބާރާތް، ސައުތު އޭޝިއަން ގޭމްސްގެ އަންހެން ބާސްކެޓު ބޯޅަ އިވެންޓުގެ ސެމީ ފައިނަލުގައި ނޭޕާލް އަތުން ރާއްޖެ ބަލިވެއްޖެއެވެ.

ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގެ ތިރިޕުރެސްވޯ ހޯލުގައި މިއަދު ކުޅުނު ސެމީ ފައިނަލުގައި ވާދަވެރި ކުޅުމަކަށްފަހު ނޭޕާލް އަތުން ރާއްޖެ ބަލިވީ 55-68 ޕޮއިންޓްގެ ތަފާތުންނެވެ. މިއަދުގެ މެޗުން ބަލިވެ ފައިނަލުގެ ފުރުސަތު ރާއްޖެއަށް ގެއްލުނު ނަމަވެސް މާދަމާ ކުޅޭ ތިންވަނަ ހޮވާ މެޗުން މޮޅުވެ ބްރޯންޒް މެޑަލް ހޯދުމުގެ ފުރުސަތު އަދި އެބައޮތެވެ. މިފަހަރުގެ މި މުބާރާތަކީ ރާއްޖޭގެ އަންހެން ބާސްކެޓު ޓީމުން ބައިވެރިވި ފުރަތަމަ ބައިނަލްއަގުވާމީ މުބާރާތެވެ.

ސައުތު އޭޝިއަން ގޭމްސް: ރާއްޖެއާ ނޭޕާލް ބައްދަލު ކުރި ސެމީ ފައިނަލު މެޗުގެ ތެރެއިން --- ފޮޓޯ// އެމްއޯސީ

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިއަދުގެ މެޗުގެ ފުރަތަމަ ކުއާޓާގައި ދެ ޓީމުގެ ފަރާތުންވެސް ފެނުނީ ވާދަވެރި ކުޅުމެކެވެ. އެ ކުއާޓާގައި ދެ ޓީމުން ވެސް ގާތް ގާތުން ޕޮއިންޓްތައް ހޯދަމުން ދިޔައިރު ކުއާޓާ ނިންމާލި އިރު ރާއްޖެއިން ވަނީ 13 ޕޮއިންޓް ހޯދައިފައެވެ. ނޭޕާލުން އެ ކުއާޓާގައި ހޯދީ 19 ޕޮއިންޓެވެ.

ދެވަނަ ކުއާޓާ ފެށިގެންވެސް ވާދަވެރި ކުޅުމަކާއެކު ދެ ޓީމުންވެސް ހަމަހަމައަށް ޕޮއިންޓްތައް ހޯދަމުން ގޮސް ކުއާޓާ ނިމެން ދިޔަ އިރު ނޭޕާލުން ލީޑު ފުޅާ ކޮށްލީއެވެ. އެ ސެޓު ދިޔައީ 27-35 ގެ ތަފާތުންނެވެ.

ވާދަވެރި ދެ ކުއާރޓާއަށްފަހު ދެން ކުޅުނު ކުއާޓާގައި ނޭޕާލުން ވަނީ ބޮޑު ލީޑެއް ނަގައިފައެވެ. ނޭޕާލްގެ ހަލުވި ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގައި ރާއްޖެއަށް އެންމެ ބޮޑު އުނދަގޫތަކެއް ދިމާވީ އިދިކޮޅު ކުޅުންތެރިންގެ ބުންވަރެވެ. އެއާއެކު ތިންވަނަ ކުއާޓާގައި ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ވަރުބަލިކަން ފެނުނެވެ. އެހެންކަމުން ބައެއް ފަހަރު ޑިފެންސް ކުރުމުގައި މައްސަލަތައް ކުރިމަތިވެ އެކަމުގެ ފައިދާ ނޭޕާލުން ނެގިއެވެ. އެ ކުއާޓާ ނިމުނުއިރު ރާއްޖެއަށް ހޯދުނީ 38 ޕޮއިންޓެވެ. އިދިކޮޅު ނޭޕާލުން އެ ކުއާޓާ ނިމުނު އިރު 55 ޕޮއިންޓް ހޯދިއެވެ.

މިއަދުގެ މެޗުގެ ފައިނަލް ކުއާޓާގައި ރާއްޖެއިން ކުޅުން ރަނގަޅުކޮށް ފަރަގު ކުޑަކުރުމަށް މަސައްކަތްކުރިއެވެ. އެހެން ނަމަވެސް އެ ކުއާޓާގައިވެސް ހެދުނު ގޯސްތަކާއެކު ރާއްޖެއަށް މެޗު ގެއްލުނީއެވެ. ފަހު ކުއާޓާ ނިމުނު އިރު ނޭޕާލުން 68 ޕޮއިންޓު ހޯދިއެވެ. ރާއްޖެއަށް ހޯދުނީ 55 ޕޮއިންޓެވެ.

ރާއްޖެއިން މި މުބާރާތުގެ ސެމީއަށް ދަތުރުކުރީ މޮޅު ކުޅުމަކަށްފަހު އަވަށްޓެރި ސްރީލަންކާ ބަލިކުރުމަށްފަހުއެވެ. އެ މެޗުގައި ލަންކާއިން 64 ޕޮއިންޓު ހޯދި އިރު ރާއްޖެ ވަނީ 69 ޕޮއިންޓް ހޯދައިފައެވެ.

މާދަމާ ކުޅޭ ތިންވަނަ ހޮވާ މެޗުގައި ރާއްޖެއާ ވާދަކުރާނީ މިއަދު ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އިންޑިއާއާ ވާދަކޮށް ބަލިވި ބޫޓާނާއެވެ.

comment ކޮމެންޓް