މަސްވެރިންގެ ޕާކްގައި ޒަމާނީ އަށް ޕޭ ޓޮއިލެޓް ހަދައި ހުޅުވަން ތައްޔާރުވެއްޖެ

މަސްވެރިންގެ ޕާކްގައި ތަރައްގީކުރި ޕޭ ޓޮއިލެޓް-- ސަން ފޮޓޯ: އަހުމަދު އަވުޝަން އިލްޔާސް

މަސްވެރިންގެ ޕާކްގައި މާލޭ ސިޓީ ކައުންސިލްއިން އަށް ޕޭ ޓޮއިލެޓް ތަރައްގީކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެތަން އަންނަ އަންގާރަ ދުވަހު ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް އެތަނުގައި ހުންނަ ޕޭ ޓޮއިލެޓްތަކުން ނަގާނެ އަގު އަދި ނުނިންމާ ކަަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެ ޕޭ ޓޮއިލެޓްތައް ހާއްސަކޮށްފައިވަނީ ޓޫރިސްޓުންނާއި ކްރޫޒްލައިނާތަކުން އަންނަ މީހުންނަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެގޮތުން އަންހެނުންނަށާއި ފިރިހެނުންނަށާއި އަދި ނުކުޅުދުންތެރިކަން ހުންނަ މީހުންނަށް އެތަން ހާއްސަކޮށްފައިވާއިރު އެތަނުގައި ރެސްޓްރޫމްއެއްވެސް ހުންނާނެކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލްއިން ދާދި ފަހުން ވަނީ ސީއެސްއާރު ޕްރޮޖެކްޓެއްގެ ދަށުން ވިސްޓާ ކެޕިޓަލް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން އިތުރު، 12 ޕަބްލިކް ޓޮއިލެޓްވެސް ތަަރައްގީކޮށްފަ އެވެ. އެތަންތަން މިހާރު ވަނީ މާލޭ ސިޓީ ކައުންސިލްއާ ހަވާލުވެސްކޮށްފަ އެވެ. މާލޭ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފާހާނާތަކަށް ވަދެވޭނީ ފައިސާ ދައްކައިގެންތޯ އަދި ނުނިންމާ ކަމަށެވެ.

ލޮނުޒިޔާރަތްކޮޅުގައި ތަރައްގީކުރި ފާހާނާތަކުގެ ތެރެއިން ހަތަރު ފާހާނާ ހާއްސަކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށެވެ.

comment ކޮމެންޓް