ހުޅުމާލޭގައި މިރޭ ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލައިފިއެވެ.
ހުޅުމާލެ ހޮސްޕިޓަލު ހިންގާ އާސަންދަ ކުންފުނީގެ ތަރުޖަމާނު އާޝިޔާ ސޯލިހު "ސަން" އަށް ވިދާޅުވީ މިރޭ 21:22 ހާއިރު ޒަހަމްތަކަކާއެކު އުމުރުން 59 އަހަރުގެ ދިވެހި ފިރިހެނަކު އެ ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި، މި މީހާއަކީ ޓެކްސީ ޑްރައިވަރަކަށް މަސައްކަތްކުރާ، އދ. މާމިގިއްޔަށް އުފަން ގާސިމް ހަސަނެވެ.
އާޝިޔާ ވިދާޅުވީ އޭނާގެ ކަރާއި އަތުގައި ފުން ޒަހަމްތަކެއް ހުރި ކަމަށެވެ. އެމީހާ މަރުވެފައިވާކަން، ޑޮކްޓަރުންނާ ހަވާލާދީ އޮފިޝަލް ވަނީ ޔަގީންކޮށްދީފައެވެ.
"ގެނައީ 21:22 ގައި. 21:50 ހާއިރު ޑޮކްޓަރުން ވަނީ އޭނާ މަރު ކޮންފާމް ކޮށްދީފަ،" އޮފިޝަލް ވިދާޅުވިއެވެ.
ފުލުހުން ބުނީ ހުޅުމާލެ ހިތިގަސްމަގުގައި ޒަހަމްތަކަކާއެކު މީހަކު ވެއްޓިފައި އޮތް ކަމުގެ ރިޕޯޓެއް މިރޭ 21:07 ގައި ލިބިފައިވާ ކަމަށެވެ.
އަދި ސީންއަށް އެޓެންޑްވެ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި، އެމީހާ މަރުވެފައިވާ ކަމަށް 21:50 ގައި ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވަނީ ފުލުހުންގެ ސީރިއަސް ކްރައިމް ޑިޕާޓްމަންޓާއި ފޮރެންސިކް ޑިޕާޓްމަންޓް ގުޅިގެން ދަނީ މި މަރު ތަހުގީގުކުރަމުން ކަމަށާއި، ހާދިސާއާ ގުޅޭ މައުލޫމާތު އެނގޭ އާންމުން ފުލުހުންނާ މައުލޫމާތު ހިއްސާކުރުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.