ކުށްވެރިން ފައިގައި ޓެގް އެޅުވިގޮތް ތަހުގީގު ކުރަން އޮޑިޓް ރިޕޯޓްގައި ލަފާދީފި

މީހެއްގެ ފައިގަ ޓެގް އަޅުވާފަ-- އެނިޒާމުގެ ސަބަބުން ކުށްވެރިން ކޮންޓުރޯލް ކުރެވޭ-- ފޮޓޯ: ފުލުހުން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކުށްވެރިން އުޅޭ ނޫޅޭގޮތް މޮނީޓާ ކުރުމަށް އެމީހުންގެ ފައިގައި ޓެގު އެޅުވުމުގެ މަސައްކަތް ކުންފުންޏަކާ ހަވާލުކުރީ މާލިއްޔަތު ގާނޫނާ ހިލާފަށް ކަމަށް ބެލެވޭތީވެ އެކަން ބެލުމަށް ކަމާބެހޭ ތަހުގީގީ އިދާރާތަކަށް ހުށަހެޅުމަށް އޮޑިޓު ރިޕޯޓުގައި ލަފާ ދީފި އެވެ.

އޮޑިޓު އޮފީހުން އާންމުކޮށްފައިވާ ހޯމް މިނިސްޓްރީގެ 2016 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނީ ފުލުހުންނާއި ހޯމް މިނިސްޓްރީ ކަރެކްޝަންސް ސާވިސް ގުޅިގެން ކުށްވެރިންގެ ފައިގައި ޓެގު އެޅުވުމުގެ މަސައްކަތް ސްޓަލްވާޓް މޯލްޑިވްސް ކިޔާ ކުންފުންޏަކާ ހަވާލުކުރީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހު ކަމަށެވެ.

އެއީ އުމަރު ނަސީރުގެ ހޯމް މިނިސްޓަރު ކަމުގަ އެވެ.

މި އެއްބަސް ވުމަކީ 10 އަހަރުގެ މުއްދަތަށް އެކުލަވާލި އެއްބަސްވުމެއް ކަމަށާއި އެއްބަސްވުމުގައިވާ ގޮތުން އެއްބަސްވުމުގައި ސޮއިކޮށް އެޑްވާންސް ފައިސާ ދައްކާތާ 100 ދުވަހުގެ ތެރޭގައި އެއްފަހަރާ 300 މީހުންގެ ފައިގައި ޓެގު އަޅުވައި ބެލެހެއްޓުމުގެ ހިދުމަތް ގާއިމް ކުރަންވާނެކަމަށް ބުނެފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.

އެ ރިޕޯޓުގައި ބުނީ ޓެގު އެޅުވުމުގެ އެއްބުސްވުމުގައި ވާގޮތުން އެއްބަސްވުން ގާއިމްކުރާތާ ދެ މަސްތެރޭ 3000 މީހުންގެ ފައިގައި ޓެގު އެޅުވުމުގެ ގާބިލްކަން ހުންނަންޖެހޭނެ ކަމަށެވެ. އެއްބަސްވުމުގައި އޮތްގޮތުން އަހަރަކަށް 1000 މީހުންގެ ފައިގައި ޓެގު އަޅުވައި ބެލެހެއްޓުމަށް ދުވާލަކަށް 50 ރުފިޔާގެ ރޭޓުން ޖުމްލަ 18 މިލިއަން ރުފިޔާ ހޭދަވާނެ އެވެ.

އޮޑިޓް ރިޕޯޓުގައި ބުނީ ޓެގު އެޅުވުމަށް ހޯމް މިނިސްޓްރީ އާއި ސްޓަލްވާޓް ކުންފުންޏާ ދެމެދު އެއްބަސްވުން އެކުލަވާލި ދުވަހުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް 1.3 މިލިއަން ރުފިޔާ ޓެގު އެޅުވުމުގެ މަސައްކަތަށް ހަރަދުކޮށްފައިވާ ކަމަށެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުން ޓެގު އެޅުވުމުގެ މަސައްކަތަށް ކޮށްފައިވާ މި ހަރަދަކީ ދައުލަތުގެ މާލިއްޔަތު ގަވައިދާ ހިލާފަށް، ކޮށްފައިވާ ހަރަދެކެވެ. މި ހަރަދަކީ ހާމަކަން ބޮޑު، ހަމަހަމަ އުސޫލުން ކޮށްފައިވާ ކަމެއްކަމަށް ނުބެލެވޭތީވެ، އެކަން އިތުރަށް ބެލުމަށް ކަމާބެހޭ ތަހުގީގީ އިދާރާތަކަށް ފޮނުވުމަށް އޮޑިޓު ރިޕޯޓުގައި ވަނީ ލަފާ ދީފަ އެވެ.

އިއްޔެ އޭސީސީއިން ހާމަކޮށްފައިވާ ގޮތުން 2017 ވަނަ އަހަރުން ފެށިގެން އެ މައްސަލަ ދަނީ ބަލަމުން އެވެ. އަދި އެ މައްސަލައިގެ ތަހުގީގު ނިމިފައެއް ނުވެ އެވެ. އެކަމާ ގުޅިގެން އޭރުގެ ހޯމް މިނިސްޓަރު އުމަރު ވިދާޅުވި ގޮތުގައި، ޓެގް އެޅުވުމަށް ހަވާލުކުރީ އެންމެ ކުޑަ އަގު ހުށަހެޅި ކުންފުންޏަށެވެ. އަދި އެ ކުންފުނީގައި އޭނާގެ މަސްލަހަތެއް އަދި އާއިލާގެ މަސްލަހަތެއް ނޯންނާނެ އެވެ.

comment ކޮމެންޓް