ކޮމިޝަނުން ބުނަނީ އަފްރާޝީމްގެ ރިޕޯޓާ ގުޅިގެން މީހަކު ހައްޔަރު ކުރެވެން ނެތް ކަމަށް

ޑރ. އަފްރާޝީމް އަލީ

ޑރ. އަފްރާޝީމް އަލީގެ މަރު ތަހުގީގުކޮށް މަރު ކޮމިޝަނުން އެކުލަވާލި ރިޕޯޓާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކުރަން ނުވަތަ އެއްވެސް މީހެއްގެ މައްޗަށް ދައުވާއެއް އުފުލާނެ ޖާގައެއް ނެތް ކަމަށް މަރު ކޮމިޝަނާއި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން މިއަދު މަޖިލީހުގައި ވިދާޅުވީ ޑރ. އަފްރާޝީމްގެ ރިޕޯޓާ ގުޅިގެން މަރު ކޮމިޝަނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ ބޭފުޅުންނާ އަދި ފުލުހުންގެ އިސްވެރިންނާ އެކު ދެ ފަހަރެއްގެ މަތިން ބައްދަލު ކުރެއްވި ކަމަށެވެ.

އެ ރިޕޯޓުގެ މައްޗަށް ބިނާކޮށް ފިޔަވަޅެއް އެޅޭނެ ނުވަތަ ހައްޔަރު ކުރެވޭނެ އެއްވެސް މީހަކު ހުރިކަމަށް ފާހަގަވާނަމަ އެކަން އަންގައިދިނުމަށް އެދިވަޑައިގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ކޮމިޝަނުގެ ބޭފުޅުން ވިދާޅުވީ އެވަގުތުގައި އެކަން ދެންނެވެން ނެތް ކަމަށް،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ފުރަތަމަ ބައްދަލުވުމުގައި ކޮމިޝަންގެ ބޭފުޅުން އެހެން ވިދާޅުވުމުން، ޕީޖީގެ ބޭފުޅުންނާއި ކޮމިޝަންގެ ބޭފުޅުންނާ އަދި ފުލުހުންގެ ޓީމެއް އެކުލަވާލައި، ކޮމިޝަނަށް ލިބިފައިވާ ރިޕޯޓުތަކާ، ލިބިފައި ހުރި ބަޔާންތަކާއި ގުޅުންހުރި ހުރިހާ އެއްޗެއް ދިރާސާކުރުމަށް އިތުރު 24 ގަޑިއިރު ދެއްވި ކަމަށެވެ.

"އޭގެ 24 ގަޑިއިރު ފަހުން އަޅުގަނޑު އެބޭފުޅުންނާ ބައްދަލުކުރިން، އެބޭފުޅުން ވިދާޅުވި އެ ރިޕޯޓުގެ މައްޗަށް ބިނާކޮށް، އެއްވެސް މީހަކަށް ހައްޔަރު އަމުރެއް ނެރޭކަށް، އަދި މީހެއްގެ މައްޗަށް ދައުވާއެއް ކުރާކަށް ވެސް ޖާގައެއް ނެތް ކަމަށް،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ އޭގެ ފަހުން މިހާތަނަށް ވެސް މަރު ކޮމިޝަނުން ފުލުހުންގެ އެހީތެރިކަމަށް އެދިފައި ނުވާ ކަމަށާއި، ރިޕޯޓާ ގުޅިގެން ފުލުހުންގެ އެހީތެރިކަން ބޭނުންވެއްޖެ ނަމަ އެކަމަށް ފުލުހުން ތައްޔާރަށް ތިބި ކަމަށެވެ.

ކޮމިޝަންގެ ތަހުގީގު ރިޕޯޓްގައި ބުނެފައިވަނީ، ޑރ. އަފްރާޝީމްގެ މަރަކީ، ދީނީ ހިޔާލުތަފާތުވުންތަކުގައި ހައްދުފަހަނަ އެޅި ޖިހާދީ ގުރޫޕަކުން ފަންޑުކޮށްގެން ކުރި ކަމެއް ކަމަށެވެ. އެ ހަމަލާ ރޭވުމުގައި އެންމެ ބޮޑު މޭސްތިރިޔަކީ ހ. ހިލްޓަން، އަޒްލީފް ރައޫފް ކަމަށް އެ ރިޕޯޓުގައި ބުނެ އެވެ.

ޖިހާދީ ފިކުރުގެ އެ ޖަމާއަތުން ޑރ އަފްރާޝީމާ މެދު ހިތްހަމަނުޖެހުންތައް ހުރީ ކީއްވެގެންކަންވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މަރުވެފައި ތިބޭ މީހުންނަށް ނަދުރު ބުނުމާއި، އަންހެންމީހާގެ އައުރައަކީ ކޮބައިކަމާމެދު ޑރ. އަފްރާޝީމް ދެކެވަޑައިގެންނެވި ގޮތަކީ އިލްމުވެރިންގެ މެދުގައި ހިތްހަމަނުޖެހުން އޮތް ކަމެއްގެ ގޮތުގައި ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

މައްސަލައިގައި ފުލުހުން ކުރިއަށް ގެންދިޔަ ތަހުގީގުގައި ބުނެފައި ވަނީ ޑރ. އަފްރާޝީމް އަވަހާރަކޮށްލީ ސިޔާސީ މަގުސަދެއްގައި ކަމަށެވެ. ނަމަވެސް މަރު ކޮމިޝަނުގެ ރިޕޯޓުގައި ބުނެފައި ވަނީ ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގައި ސިޔާސީ އެއްވެސް މީހެއްގެ އަތެއް ވާކަމުގެ ހެއްކެއް ނެތް ކަމަށެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގައި އަމަލީގޮތުން ބައިވެރިވި މީހުންގެ ގޮތުގައި ރިޕޯޓުގައި ބުނެފައި ވަނީ ހ. ލޮބީ ހުސައިން ހުމާމް އަހްމަދާއި، ހ. ހިކޯސްޓް، އަލީ ޝާން (ސަޓޯ) އަދި އޭރު 18 އަހަރު ނުފުރޭ ކުޑަ ކުއްޖެކެވެ.

މައްސަލައިގައި ހުމާމުގެ މައްޗަށް ދައުލަތުން ކުރި ގަސްދުގައި މީހަކު މެރުމުގެ ދައުވާ ސާބިތުވެ، އޭނާގެ މައްޗަށް އިއްވި މަރުގެ ހުކުމް ކޯޓުގެ ހުރިހާ މަރުހަލާއަކުން ވެސް ވަނީ ދަމަހައްޓައިފައެވެ. މި މައްސަލައިގައި ސަޓޯގެ މައްޗަށް ވެސް ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލިއެވެ. ނަމަވެސް ހެކި ނެތުމުން އޭނާގެ މައްޗަށް ދައުވާ ސާބިތެއް ނުވެއެވެ. އަދި މައްސަލަ އިސްތިއުނާފު ވެސް ކޮށްފައެއް ނުވެއެވެ.

އެކަމާ ގުޅިގެން އިމްރާން މިއަދު ވިދާޅުވީ، އެ މައްސަލަ އިސްތިއުނާފު ކުރަން މަރު ކޮމިޝަނުން އެކުލަވާލި ރިޕޯޓަށް ފަހުވެސް ޕީޖީ އައިޝަތު ބިޝާމް ވިދާޅުވެފައި ވަނީ، މައްސަލައިގައި ދައުވާ އުފުލަން އޭނާއާ ދެކޮޅަށް އިތުރު ހެއްކެއް ލިބިފައި ނުވާ ކަމަށެވެ.

comment ކޮމެންޓް