ސަޓޯގެ މައްސަލަ އިސްތިއުނާފު ކުރެވޭ ވަރަށް ހެކި ނެތް ކަމަށް ޕީޖީ ވިދާޅުވި: އިމްރާން

ސަޓޯ --

ދީނީ އިލްމުވެރިޔާ، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގައި ބައިވެރިވި ކަމުގެ ތުހުމަތު ކުރެވޭ ހ. ހިކޯސްޓް އަލީ ޝާން (ސަޓޯ)ގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރަން އިތުރު ހެއްކެއް ލިބިފައި ނެތް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް މައުލޫމާތު ދެއްވާފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޑރ. އަފްރާޝީމްގެ މަރާ ގުޅިގެން ގެއްލުވާލެވިފައިވާ މީހުންނާއި މަރުތައް ބަލާ ކޮމިޝަނުން އެކުލަވާލި ތަހުގީގު ރިޕޯޓުން އެނގޭ ގޮތުގައި ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގައި އަމަލީ ގޮތުން ބައިވެރިވި ތިން މީހުންގެ ތެރޭގައި ސަޓޯ ހިމެނެ އެވެ.

އެ މައްސަލާގައި ހ. ލޮބީ ހުސައިން ހުމާމް އާއެކު ޝާންގެ މައްޗަށް ވެސް ދައުވާ ކުރި އެވެ. އަފްރާޝީމް އަވަހާރަކޮށްލުމުގައި ކުށް ސާބިތުވެ ހުމާމްގެ މައްޗަށް މަރުގެ ހުކުމް އިއްވައި، ކޯޓުގެ ހުރިހާ މަރުހަލާއަކުން ވަނީ އެ ހުކުމް ދަމަހައްޓައިފަ އެވެ.

އެހެން ނަމަވެސް، އެކަށީގެންވާ ހެކި ނެތިގެން ޝާން ވަނީ ސަލާމަތްވެފަ އެވެ. ދައުލަތުން އެ މައްސަލަ އިސްތިއުނާފު ކޮށްފައެއް ވެސް ނުވެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ މަރު ކޮމިޝަނުގެ ރިޕޯޓާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކުރުމުގެ އަމުރެއް، ނުވަތަ އެއްވެސް މީހެއްގެ މައްޗަށް ދައުވާ އުފުލަން ޖެހޭ ނަމަ، އެކަން ސާފުކޮށްދިނުމަށް މަރު ކޮމިޝަނާއި ޕީޖީ އަރިހުގައި އެމަނިކުފާނު ދެ ފަހަރެއްގެ މަތިން އެދިވަޑައިގެން ކަމަށެވެ.

އެހެން ނަމަވެސް އެ ރިޕޯޓުގެ މައްޗަށް ބިނާކޮށް، އެއްވެސް މީހަކަށް ހައްޔަރު އަމުރެއް ނެރޭކަށް، އަދި މީހެއްގެ މައްޗަށް ދައުވާއެއް ކުރާކަށް ވެސް ޖާގައެއް ނެތް ކަމަށް އެބޭފުޅުން ވިދާޅުވެފައިވާ ކަމަށެވެ.

"ޕްރޮސެކިއުޓާ ޖެނެރަލް ފާހަގަކުރެއްވި ހަމައެކަނި އަލީ ޝާން (ސަޓޯ)، އޭނާގެ މައްސަލަ އިސްތިއުނާފު ކުރަން ވެސް އިތުރު ހެއްކެއް ލިބިފައި ނުވާތީ އިސްތިއުނާފު ކުރަން ވެސް ޖާގައެއް ނެތް ކަމަށް،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ރިޕޯޓާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކުރަން ޖެހޭ ނަމަ ފުލުހުންގެ ފަރާތުން އެކަމަށް ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދިނުމަށް ތައްޔާރަށް ތިބި ކަމަށެވެ. އެހެން ނަމަވެސް މިއަދާ ހަމައަށް ވެސް ކޮމިޝަނުން އެފަދަ ކަމެއް ފާހަގަކޮށްދީފައި ނުވާ ކަމަށެވެ.

ކޮމިޝަނުގެ ރިޕޯޓު ނެރުނު ދުވަހު ސަޓޯ ވަނީ ސަސްޕެންޑްކޮށްފަ އެވެ. އަދި ޖެހިގެން އައި ދުވަހު އޭނާ ވަނީ ވަޒީފާ އިން ވަކިކޮށްފަ އެވެ.

ސަރުކާރު ހިންގާ މައި ޕާޓީގެ އިސް އެކްޓިވިސްޓް ސަޓޯ ޖީއެމްއައިޒެޑްއެލްގައި އަދާކުރަމުން ދިޔައީ އެ ކުންފުނީގެ ބެލުމުގެ ދަށުގައި ހިމެނޭ ކ. ތިލަފުށީ ޖެޓީ ސުޕަވައިޒަރުގެ މަގާމެވެ.

comment ކޮމެންޓް