ކޮލަމްބޯ (ނޮވެމްބަރު 20): ސްރީލަންކާގެ ބޮޑުވަޒީރު ކަމުން ރަނިލް ވިކްރަމަސިންހަ އިސްތިއުފާ ދެއްވައިފި އެވެ.
ދެހާސްފަނަރަ ވަނަ އަހަރު ބޮޑުވަޒީރުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ރަނިލް އިސްތިއުފާ ދެއްވީ، މިދިޔަ ހޮނިހިރު ދުވަހު އެގައުމުގައި ބޭއްވި ރިޔާސީ އިންތިހާބު އިދިކޮޅު ޕޮޑުޖަނަ ޕާޓީގެ ކެންޑިޑޭޓު ގޯޓާބަޔަ ރާޖަޕަކްސަ ކާމިޔާބު ކުރެއްވި ފަހުންނެވެ.
ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މިއަދު އިސްތިއުފާ ދެއްވިކަން ބޮޑުވަޒީރުގެ އޮފީހުގެ އޮފިޝަލުން ކަށަވަރުކޮށްދެއްވާފައިވާ އިރު، އިސްތިއުފާގެ ސިޓީ މިއަދުގެ ވަގުތެއްގައި ރައީސް ގޯޓާބަޔަ ރާޖަޕަކްސައަށް ހަވާލުކުރައްވާނެކަމަށް ރިޕޯޓުތައް ބުނެއެވެ.
ރަނިލް އިސްތިއުފާ ދެއްވީ އެގައުމުގެ ރައީސް ގޯޓާބަޔައަށާއި އެމަނިކުފާނުގެ ޕާޓީއަށް ސަރުކާރު އުފެއްދެވުމުގެ ފުރުސަތު ދެއްވުމަށްޓަކައެވެ. އަިދ ރިޔާސީ އިންތިހާބުން ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ)ގެ ކެންޑިޑޭޓު ސަޖިތު ޕްރޭމަދާސަ ބަލިވުމާއެކު ޔޫއެންޕީއާއި އެޕާޓީއާ ގުޅިފައިވާ ކޯލިޝަނަށް ނިސްބަތްވާ ކެބިނެޓުގެ ބައެއް މެމްބަރުން ވަނީ އިސްތިއުފާވެސް ދެއްވާފައެވެ.
ލަންކާގައި ބޮޑުވަޒީރުގެ ދައުރު ނިމޭނީ ޕާލިމެންޓާއެކުގަ އެވެ. އަދި ޕާލިމެންޓުު އުވާލެވޭނީ ފަސް އަހަރުގެ ދައުރުގެ ތެރެއިން ހަތަރު އަހަރާއި ހަ މަސްވާ ފަހުން ނުވަތަ ޕާލިމެންޓު އުވާލުމަށް ތިންބައިކުޅަ ދެބައި މެމްބަރުން ރުހުން ދިނުމުންނެވެ. އެހެންކަމުން ލަންކާގައި މިހާރު އޮތް ޕާލިމެންޓު އެންމެ އަވަހަށްވެސް އުވާލެވޭނީ އަންނަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.
ލަންކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ އިދިކޮޅު ޕޮޑުޖަނަ ޕާޓީގެ ކެންޑިޑޭޓު ގޯޓާބަޔަ ރާޖަޕަކްސަ އެވެ. އެގޮތުން ގޯޓާބަޔަ 52.25 ޕަސެންޓު ވޯޓު ކާމިޔާބު ކުރެއްވި އިރު ޕްރޭމަދާސައަށް ލިބުނީ 41.99 ޕަސެންޓު ވޯޓެވެ.
ރަނިލްގެ ޔޫއެންޕީ އަދި އެ ޕާޓީއާ ގުޅިފައިވާ ކޯލިޝަނަށް މަޖިލީހުގެ މެޖޯރިޓީ އަދިވެސް އޮތް ނަމަވެސް ރަނިލް އިސްތިއުފާ ދެއްވީ ހޮނިހިރު ދުވަހުގެ އިންތިހާބުގައި އެގައުމުގެ ރައްޔިތުން ނިންމި ނިންމުމަށް އިހުތިރާމުކޮށް، އިންތިހާބުވި ރައީސް ރާޖަޕަކްސަ ބޭނުންފުޅުވާ ގޮތަށް ސަރުކާރެއް އުފެއްދުމުގެ ފުރުސަތު ދިނުމަށެވެ.
ބޮޑުވަޒީރުކަމަށް ރައީސް ގޯޓާބަޔަ އައްޔަނުކުރައްވާނެ ކަމަށް ބެލެވެނީ ބޭބޭފުޅު އަދި 2005 އިން 2015 އަށް ރައީސްކަން ކުރެއްވި މަހިންދަ ރާޖަޕަކްސައެވެ. މަހިންދަގެ ވެރިކަމުގައި ގޯޓާބަޔަ ހުންނެވީ ޑިފެންސް ސެކްރެޓަރީކަން ކުރައްވައިފައެވެ.