ފިލްމީތަރި މަލްއާއި އިތުރު 11 މީހަކު ބަނގުރަލާއެކު ހައްޔަރުކޮށްފި

ފިލްމީ ތަރި މަލް ---

މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ އިއްވާފައިވާ ފިލްމީތަރި މަލީހާ ވަހީދު (މަލް) އާއި 11 ފިރިހެނުން، ބަނގުރާ ބޭނުންކުރަނިކޮށް ހުޅުމާލޭގެ ގެސްޓްހައުސްއަކުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހުޅުމާލެ ގެސްޓްހައުސްއެއްގައި ބަނގުރާ ބޭނުންކޮށް، ޕާޓީކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހުޅުމާލެ ޕޮލިސްއާއި އެސްއޯ ގުޅިގެން މިރޭ 08:04 ހާއިރު ހިންގި އޮޕަރޭޝަނެއްގައި 12 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އެމީހުންގެ ތެރޭގައި ހިމެނެނީ 11 ފިރިހެނުންނާއި 1 އަންހެނެއް ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.

ފުލުހުންގެ ބަޔާނުގައި ހައްޔަރުކުރި މީހުންގެ ނަން ބަޔާންކޮށްފައި ނުވި ނަމަވެސް، މަންޒަރު ދުށް ފަރާތްތަކުން ކަށަވަރުކޮށްދޭ ގޮތުގައި ފިލްމީ ތަރި މަލްވެސް އޭގެ ތެރޭގައި ހިމެނެއެވެ.

https://sun.mv/127491

މި އަހަރުގެ އޮގަސްޓް މަހުގެ 27 ވަނަ ދުވަހު މާލެއިން އދ. މާމިގިއްޔަށް ދިޔަތަނުން މަލްއާއި އިތުރު އަންހެނަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި އިރު، އޭނާގެ މައްޗަށް އިއްޔެ ވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އުފުލައި، ކްރިމިނަލް ކޯޓުގައި ޝަރީއަތްވެސް ފަށާފައެވެ.

މަސްތުވާތަކެއްޗާއި ބެހޭ ގާނޫނު ބުނާ ގޮތުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުވެއްޖެނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. އަދި 100،000ރ. އާއި 10،000،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ކެނެބިސް ބޭނުންކުރުމުގެ ދައުވާ ސާބިތުވެއްޖެނަމަ ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއްވެސް އަންނާނެއެވެ.

comment ކޮމެންޓް