އުއްތަމަ ފަނޑިޔާރާއި، ފަނޑިޔާރު އާދަމް މަގާމުން ވަކިކޮށްފި

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ. ދެ ފަނދިޔާރުން ވަކިކުރަން މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައި -- ފައިލް ފޮޓޯ

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ފެންނަ ކަމަށް މަޖިލީހުން ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތެރެއިން 69 މެމްބަރުންގެ ވޯޓާއެކު އެވެ. ވަކިކުރަން ނުފެންނަ ކަމަށް ނުވަ މެމްބަރުން ވަނީ ވޯޓި ދެއްވާފަ އެވެ. ވަކިކޮޅަކަށް ވޯޓު ނުދޭ އެއް މެމްބަރަކު އިއްނެވި އެވެ.

އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ 60 ދުވަހަށް ސަސްޕެންޑުކޮށް، ފަނޑިޔާރުކަމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމާފައި ވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ.

އަދި ޖެހިގެން އައި ދުވަހު އެ މައްސަލަ ރައްޔިތުން މަޖިލީހަށް ހުށަހަޅައި، ދިރާސާކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.

އުއްތަމަ ފަނޑިޔާރު ޑރ. ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު ވަކިކުރުމާ ގުޅޭ ގޮތުން ޖޭއެސްސީން މަޖިލީހަށް ފޮނުވި މައްސަލަ ދިރާސާކޮށް ނިންމުމަށްފަހު ޖުޑިޝަރީ ކޮމިޓީއިން ނިންމާފައިވަނީ އެ ދެ ފަނޑިޔާރުން ވަކިކުރަން މަޖިލީހަށް ހުށަހެޅުމަށް ޖޭއެސްސީއިން ނިންމާފައި ވަނީ އިޖުރާއަތްތައް ފުރިހަމަ ކުރުމަށް ފަހު ފަހު ކަމަށް ވާތީ، ދެ ފަނޑިޔާރުން ވެސް މަގާމުން ވަކިކުރަން ފެންނަ ކަމަށެވެ.

މަޖިލީހުގައި ކޮމިޓީ ރިޕޯޓަށް ބަހުސް ކުރައްވަމުން ޖުޑީޝަރީ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ ޖޭއެސްސީގެ ނިންމުމަށް ކޮމިޓީން ތާއީދުކޮށްފައި ވަނީ ދެ ފަނޑިޔާރުންގެ ކިބައިގައި ހުންނަން ޖެހޭ ސުލޫކީ ކަންކަން ހުރި ކަމަށް ނުފެންނާތީ ކަމަށެވެ.

ދެ ފަނޑިޔާރުންނާ ގުޅޭގޮތުން ޖޭއެސްސީން ވަނީ 15 ނުގުތާއެއް ފާހަގަކޮށް، ސުލޫކީ މައްސަލައިގެ ގޮތުގައި ބަލައިފައެވެ. އެ މައްސަލަތަކަކީ:

  1. ރައްޔިތުންގެ މަޖިލީހާއި ޖޭއެސްސީ އަށް ލިބިފައިވާ ބާރުތަކެއް ސުޕްރީމް ކޯޓުން ހަނިކޮށް، ރައްޔިތުންގެ މަޖިލީހާއި ޖޭއެސްސީގެ މަސައްކަތަށް ހުރަސްއެޅި މައްސަލަ

  2. އަދުލު އިންސާފު ގާއިމް ކުރުމުގެ އިދާރީ ކަންކަން ހިންގާ ބެލެހެއްޓުމުގެ ގޮތުން ގާނޫނުތަކުގައި ކަނޑައަޅާފައިވާ ނިޒާމު، ސުޕްރީމް ކޯޓުން ބަދަލުކޮށް އަދުލު އިންސާފު ގާއިމުކުރުމުގެ އިދާރީ ކަންކަން ބެލެހެއްޓުމަށް ސުޕްރީމް ކޯޓުން އަމިއްލައަށް ހަވާލުވި މައްސަލަ

  3. ގާނޫނުން ޖުޑީޝަލް ކައުންސިލްގެ ނަމުގައި ކައުންސިލެއް އުފައްދަވާފައިވަނިކޮށް އެ ކައުންސިލް އުވާލައި އެ ކައުންސިލާ މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އަމިއްލައަށް ހަވާލުވެ، ފަހުން ޖުޑިޝަލް ކައުންސިލްގެ ނަމުގައި އެހެން ކައުންސިލެއް އުފެއްދި މައްސަލަ

  4. ވަކީލުންގެ ކަންކަން ރެގިއުލޭޓްކޮށް ބެލެހެއްޓުމާއި ސުޕްރީމް ކޯޓުން އަމިއްލައަށް ހަވާލުވި މައްސަލަ

  5. އިސްތިއުނާފް ކުރުމުގެ މުއްދަތުގެ ގޮތުގައި ގާނޫނުތަކުން ކަނޑައަޅާފައިވާ މުއްދަތުތަކަށް ސުޕްރީމް ކޯޓުން ބަދަލު ގެނައި މައްސަލަ

  6. ދަށު ކޯޓުތަކުގެ ގާޒީން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ގަވާއިދެއް ހަދާ ގާނޫނުގެ ދަށުން ޖޭއެސްސީއަށް ލިބިފައިވާ ބާރު ނެގި މައްސަލަ

  7. މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމްގެ މައްޗަށް ދައުވާކޮށް ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަ ސާބިތު ނުވާކަމަށް ނިންމި ނިންމުމަށް ހައި ކޯޓުން ތާއީދު ކުރުމުން، އެ މައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމުގެ މުއްދަތު ހަމަވިތާ ހަތް މަސް ދުވަސް ފަހުން ދައުލަތުން ކުރި އިލްތިމާސް ސުޕްރީމް ކޯޓުން ބަލައިގަނެ ނާޒިމްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅި މައްސަލަ

  8. ރާއްޖޭގެ އެއްވެސް ކޯޓެއްގައި ޝަރީއަތް ކުރުމުގެ އެއްވެސް ހައިސިއްޔަތެއް ސިވިލް ކޯޓުގެ ގާޒީ މަރްޔަމް ވަހީދަށް ލިބިގެން ނުވާ ކަމަށް ނިންމި މައްސަލަ

  9. އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި އެ ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަހުމަދު ފަޔާޒްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވާކަމަށް ނިންމައި މަގާމުން ވަކިކުރި މައްސަލަ

  10. ސުޕްރީމް ކޯޓުން އަމިއްލަ އަށް އިސްނަގައިގެން އެޗްއާރުސީއެމްގެ މައްޗަށް މައްސަލައެއް ހިންގައި އެ ކޮމިޝަންގެ ގާނޫނީ ބާރު ގެއްލޭ ގޮތަށް ކޮމިޝަނުން އަމަލު ކުރަން ޖެހޭ ގައިޑްލައިނެއް ކަނޑައެޅި މައްސަލަ

  11. ސިވިލް ސާވިސް ކޮމިޝަންގެ ކުރީގެ ރައީސް މުހައްމަދު ފަހުމީ ހަސަން މަގާމުން ވަކިކުރުމަށް ރައްޔިތުން މަޖިލީހުން ނިންމި ނިންމުން ބާތިލް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި މައްސަލަ

  12. ފަނޑިޔާރުންގެ ފެންވަރު ވަޒަން ކުރުމުގެ މަސައްކަތް ނުކުރުމަށް ސުޕްރީމް ކޯޓުން ޖޭއެސްސީއަށް އަންގައި އެ ކޮމިޝަންގެ ގާނޫނީ ޒިންމާ އަދާކުރުމަށް ހުރަސް އެޅި މައްސަލަ

  13. އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ދުސްތޫރީ އަދި ގާނޫނީ ވާޖިބު އަދާނުކުރެވޭ ގޮތަށް އަދި އެ މެމްބަރުންގެ މެމްބަރުކަމުގެ ހައިސިއްޔަތު ގެއްލިދާ ގޮތަށް އަމަލުކުރި މައްސަލަ

  14. ދެހާސް އަށާރަ ވަނަ އަހަރުގެ ފެބްރުއަރީ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމުގެ ބައިތައް ފަހުން ބަދަލުކުރި މައްސަލަ

  15. ސުޕްރީމް ކޯޓުގެ ސާކިއުލާތަކާއި އާންމު ސިޓީތައް މެދުވެރިކޮށް އެހެން ކޯޓުތަކުގެ އިދާރީ ހިންގުމާ ފަނޑިޔާރުން އަމަލުކުރަން ޖެހޭ އުސޫލުތަކާއި ރައްޔިތުން ތަބާވުން ލާޒިމް "ގާނޫނު" ހަދާ މައްސަލަ

ޖޭއެސްސީއިން ބުނެފައިވަނީ އުއްތަމަ ފަނޑިޔާރު އަދި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ ސުލޫކީ މައްސަލަތަކެއް އެ ކޮމިޝަނުން ތަހުގީގު ކުރި އިރު ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމު ކުރާ ސުލޫކީ ސިފަތައް ނެތިގެންދާ ފަދަ އަމަލުތައް އެ ފަނޑިޔާރުން ކޮށްފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ޖޭއެސްސީއިން ހިންގި އެއްވެސް ތަހުގީގަކަށް ދެ ފަނޑިޔާރުން ވެސް އެއްބާރުލުން ދީފައެއް ނުވެއެވެ. އެބޭފުޅުން ވިދާޅުވަނީ ޖޭއެސްސީ ގާނޫނީ އިމުން ބޭރުވެފައިވާ ކަމަށާއި ޖޭއެސްސީގެ ނިންމުންތައް ބަލައިނުގަންނަ ކަމަށެވެ.

އެގޮތުން އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ތަހުގީގުކޮށް ފުރަތަމަ ނަސޭހަތް ދިނުމުން އުއްތަމަ ފަނޑިޔާރު ވަނީ ނަސޭހަތް ގަބޫލު ނުކޮށްފަ އެވެ. އަދި މައްސަލައިގެ ތަހުގީގު ރިޕޯޓު ޖޭއެސްސީއިން ފޮނުވުމުން އުއްތަމަ ފަނޑިޔާރު ވަނީ ތަހުގީގު ރިޕޯޓާ ހަވާލު ނުވެ އަނބުރާ ފޮނުވާލާފަ އެވެ.

އޭގެ ފަހުން ޖޭއެސްސީއިން ބަލަން ފެށި ސުލޫކީ މައްސަލައާ ގުޅިގެން ތަހުގީގަށް ހާޒިރުވާން ފޮނުވި ނޯޓިހާވެސް އުއްތަމަ ފަނޑިޔާރު ހަވާލެއް ނުވެ އެވެ.

ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ ސުލޫކީ މައްސަލައާ ގުޅިގެން ތަހުގީގަށް ހާޒިރުވާން ނޯޓިސް ފޮނުވުމުން ތަހުގީގަށް ހާޒިރުވާން އުޒުރުވެރި ވަޑައިގަންނަވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ. ފަނޑިޔާރު އާދަމް މުހައްމަދު ވިދާޅުވީ ޖޭއެސްސީގެ ތަހުގީގަށް ހާޒިރުވާން ފޮނުވީ ބާތިލް އަމުރެއް ކަމަށެވެ.

comment ކޮމެންޓް