އެތުލީޓުންނަށް ބާރު ދިނުމުގެ ގޮތުން އެތުލީޓްސް ކޮމިޝަނެއް އުފައްދަނީ

މިއަހަރު މޮރިޝަސްގައި ބޭއްވި އައިއޯއަޖީގައި ވާދަ ކުރި ދިވެހި އެތުލީޓުން --- ފޮޓޯ// އެމްއޯސީ

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ހިންގާ ގަވާއިދަށް ބޮޑެތި ބަދަލުތަކެއް ގެނެސް އެތުލީޓުންނަށް ބާރުތައް އިތުރުކުރުމުގެ ގޮތުން އެތުލީޓުންގެ ތެރެއިން ފަސް މެމްބަރުން ހިމެނޭ އެތުލީޓްސް ކޮމިޝަނެއް އުފެއްދުމަށް ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ފުރިހަމަ ތާއީދާއެކު ފާސްކޮށްފިއެވެ.

ހޮޓެލް ޖެންގައި އިއްޔެ ބޭއްވި އެމްއޯސީގެ އަހަރީ ކޮންގުރެސްގައި މިއަހަރު ލިބުނު ކާމިޔާބީތަކާއި ކުރިއަށް އޮތް އަހަރާއި މުބާރާތްތަކާއި މެދު ވަނީ މަޝްވަރާކޮށް އެ ކޮމިޓީގެ އަސާސީ ގަވާއިދަށް ބަދަލުތަކެއް ގެނައުމަށް ވެސް ބަހުސް ކުރެވިފަ އެވެ. އެމްއޯސީގެ އާ ގަވައިދު ފާސް ކުރުމަށް ކޮންގްރެސްއަށް ހުށަހެޅީ ގަވާއިދަށް އެންމެ ގިނަ އިސްލާހް ހުށަހެޅި ހޭންޑްބޯލް އެސޯސިއޭޝަނުންނެވެ.

މިއަހަރު މޮރިޝަސްގައި ބޭއްވި އައިއޯއަޖީގައި ވާދަ ކުރި ދިވެހި އެތުލީޓުން --- ފޮޓޯ// އެމްއޯސީ

ހޭންޑްބޯލްގެ ހުށަހެޅުމަށް ބޮޑީ ބިލްޑިންގް އެސޯސިއޭޝަނުން ތާއީދުކުރި އިރު ކޮންގްރެސްއަށް އައިސް ތިބި ހުރިހާ އެސޯސިއޭޝަނުން ވެސް ވަނީ އެކަން ފާސް ކުރުމަށް ތާއިދުކޮށްފައެވެ.

އިއްޔެ ފާސްކުރި އަސާސީ ގަވާއިދާއެކު އެތުލީޓުންނަށް ބޮޑެތި ބާރުތަކެއް ލިބިގެންދާނެ އެވެ. އެގޮތުން އެތުލީޓްސް ކޮމިޝަނެއް އުފެދިގެންދާއިރު ފަސް މެމްބަރުން އެ ކޮމިޝަނަށް އަންނާނީ އެތުލީޓުންގެ މެދުގައި ވޯޓު ލައިގެންނެވެ. އަދި އޭގެ ތެރެއިން ދެ މެމްބަރަކަށް އެމްއޯސީގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެ ވޯޓުވެސް ލެވޭނެކަމަށް އެ ކޮމިޓީން ވަނީ ބުނެފައެވެ.

އަހަރީ އާންމު ޖަލްސާއަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އެމްއޯސީގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މަރުޒޫގް (މަރޭ) ވިދާޅުވީ އެތުލީޓު ކޮމިޝަންއަކީ އައިއޯސީން ފާސްވެގެންދިޔަ ކަންތައްތަކުގެ ތެރެއިން ހިމަނާލަން ޖެހުނު މުހިންމު އެއް ކަންތައް ކަމަށެވެ. އަދި މި ގަވާއިދުގެ ދަށުން ރާއްޖޭގެ ނެޝަނަލް ޓީމުތަކުގެ އެތުލީޓުންގެ ތެރެއިން ވޯޓަކުން ހޮވޭ މެމްބަރުން ކޮމިޝަނަށް އައްޔަނުވެގެން ދިއުމާއެކު އެ މެމްބަރުންނަށް ޖެނެރަލް އެސެމްބްލީގައި ބައިވެރިވުމުގެ ހައްގު ލިބިގެންދާނެ ކަމަށެވެ.

އަދި އެހެންމެ އެތުލީޓުންނަށް އެގްޒެކްޓިވް ކޮމިޓީއަށް މީހުން އައްޔަނުކުރުމުގެ ބާރަކީ މީގެ ކުރިން ލިބިފައި ނުވާ ބާރުތަކެއް ކަމަށާއި އެކަމުގެ ސަބަބުން އެތުލީޓުން މީގެ ތެރޭގައި ޝާމިލުކުރެވޭނެ ކަމަށް މަރޭ ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން އިއްޔެ އެމްއޯސީގެ ހިންގާ ގަވާއިދަށް ގެނެވުނު ބަދަލުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އިތުރު އެހެން ބަދަލަކީ ސެކްރެޓަރީ ޖެނެރަލާއި ޓްރެޝަރާގެ މަގާމަކީވެސް ހިންގާ ކޮމިޓީން އައްޔަނުކުރާ މަގާމެއްގެ ގޮތުގައި ބަދަލު ކުރުމެވެ.

މަރުޒޫގް ވިދާޅުވީ އާ ގަވައިދު ތަންފީޒު ކުރަން ފަށާނީ އައިއޯއައިސީއަށް ފޮނުވައިގެން ރަޖިސްޓްރީ ކޮށް އަދި އޭގެ ފަހުގައި ސްޕޯޓްސް ކޮމިޝަނާގެ އޮފީހުގައި ރަޖިސްޓްރީ ކުރެވުމުން ކަމަށެވެ.

އެމްއޯސީގެ އަހަރީ އާންމު ޖަލްސާގައި އެ ކޮމިޓީގެ އަސާސީ ގަވާއިދަށް ބޮޑެތި ބަދަލުތަކެއް ގެނައިރު، މި ޖަލްސާގައިވަނީ އެމްއޯސީގެ ބަޖެޓުވެސް ފާސްކޮށްފައެވެ. އެގޮތުން އެމްއޯސީއަށް ލިބޭނެ އާމްދަނީއެއްގެ ގޮތުގައި ލަފާކޮށްފައިވަނީ 38،832،927.20ރ. (ތިރީސް އަށް މިލިއަން އަށްލައްކަ ތިރީސް ދެހާސް ނުވަސަތޭކަ ހަތާވީސް ރުފިޔާ ވިހި ލާރި)އެވެ. އަދި ޚަރަދުވާނެ ކަމަށް ލަފާކޮށްފައިވަނީ 46،775،182.20ރ. (ސާޅީސްހަ މިލިއަން ހަތްލައްކަ ހަތްދިހަ ފަސްހާސް އެއްސަތޭކަ އަށްޑިހަ އެއް ރުފިޔާ ވިހި ލާރި)އެވެ.

މިއަދުގެ ޖަލްސާގައި އެމްއޯސީގެ މެމްބަރު އެސޯސިއޭޝަންތަކުގެ ތެރެއިން، ސާފިން އެސޯސިއޭޝަން އޮފް މޯލްޑިވްސް ފިޔަވައި އެހެން ހުރިހާ އެސޯސިއޭޝަނަކުން ވަނީ ބައިވެރިވެފައެވެ. އެކަމަކު މި ޖަލްސާއަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އަށް ދައުވަތު ދީފައެއް ނުވެއެވެ.

އެމްއޯސީއިން ބުނީ ވީއޭއެމްއަށް ދައުވަތުނުދިނީ މި ޖަލްސާގައި ބައިވެރިވުމަށް އެ އެސޯސިއޭޝަނަށް ފޮނުވުމުން ވީއޭއެމްގެ ނަމުގައި ދެ ފަރާތަކުން މި ބައްދަލުވުމުގައި ބައިވެރިވާން އެދުމުން، އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ވީއޭއެމް ބައިވެރިނުކުރުމަށް އެންގުމުން ކަމަށެވެ.

comment ކޮމެންޓް