ސަރުކާރު ކޯލިޝަނުން ވަކިވާން ޖެހޭ ފަދަ ނިންމުމެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނުނިންމާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް އަދާލަތު ޕާޓީގެ ލީޑަރު އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އަދާލަތު ޕާޓީން ހިފަހައްޓާ ހަމަތަކަކާ އުސޫލުތަކެއް ހުންނާނެ ކަމަށާއި އެއީ އަޅުގަނޑުމެންގެ ދީނާ ގައުމުގެ އެންމެ މަތީ މަސްލަހަތުތައް ހިމާޔަތް ކުރުން ކަމަށެވެ.
އެގޮތުގައި ރައީސް ސޯލިހު ސަރުކާރު ކުރިއަށް ގެންދަވާހާ ހިނދަކު އަދާލަތު ޕާޓީން ސަރުކާރުގައި ދެމިތިބޭނެ ކަމަށް އިމްރާން ވިދާޅުވިއެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސަރުކާރުގެ ތެރެއިން އަޅުގަނޑުމެން ވަކިވާން ޖެހޭ ވަރުގެ ޑިޒީޝަނެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނުނަންގަވާނެ،" އިމްރާން ވިދާޅުވިއެވެ.
އިމްރާން އިތުރަށް ވިދާޅުވީ މިހާތަނަށް އައިއިރު ކުދިކުދި ހިޔާލު ތަފާތުވުންތައް އުފެދުނު ނަމަވެސް، ކޯލިޝަންތެރޭ ނުތަނަވަސްކަން އުފެދޭ ފަދަ ނިންނުމެއް މިހާތަނަށް ރައީސް ނިންމަވާފައި ނުވާ ކަމަށެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބު އެމްޑީޕީން ކާމިޔާބުކުރީ، ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ، އަދި ރައީސް މައުމޫން އަބްދުލް ގައްޔޫމް ލީޑު ކުރައްވާ ރީފޯމް މޫވްމަންޓް (އެމްއާރްއެމް) އާއެކު ކޯލިޝަން ހަދައިގެންނެވެ.
މީގެކުރިން ރައީސް މައުމޫންގެ ވެރިކަން ވެސް ނިމުމަކަށް ގެނައީ ކޯލިޝަނަކުންނެވެ. އެއަށްފަހު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވެރިކަމަށް ގެނައީ ވެސް ކޯލިޝަނަކުންނެވެ.
އެހެން ނަމަވެސް ދެފަހަރުވެސް މާ ގިނަ ދުވަސްތަކެއް ނުވެ ކޯލިޝަން ވަނީ ރޫޅިފައެވެ. މި ސަރުކާރު ގެނައުމަށް ހެދި ކޯލިޝަން މިހާތަނަށް ދެމިއޮތް ނަމަވެސް، ހަތަރު ޕާޓީގެ ލީޑަރުންގެ ލަފާ ހޯދުމަށް ކޮންމެ މަހަކު އެއްފަހަރު ބާއްވާނެ ކަމަށް ރައީސް ވިދާޅުވި ބައްދަލުވުން އަދި ބޭއްވިފައި ވަނީ ދެ ފަހަރުއެވެ.
އެހެންކަމުން ބައެއް ފަރާތްތަކުން އަންނަނީ ކޯލިޝަން ސަރުކާރެއް ދެމިއޮންނާނެ ކަމާމެދު ޝައްކު އުފައްދަމުންނެވެ. ނަމަވެސް ސަރުކާރު އުފެދުމަށް އެކުލަވާލި ކޯލިޝަން ދެމި އޮންނާނެ ކަމަށް ރައީސް އަންނަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.