ސިރިސޭނާގެ ވަދާއީ ތަގުރީރު: ވެރިކަމުގައި ހުރެ ޑިމޮކްރަސީ ޔަގީންކޮށްދެވުނު!

ސްރީލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ---

ވެރިކަމުގައި ހޭދަކުރެއްވި ފަސް އަހަރުގެ ތެރޭގައި ސްރީލަންކާގައި ޑިމޮކްރަސީ ޔަގީންކޮށްދެވުނުކަމަށް ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާ ވިދާޅުވެއްޖެއެވެ.

ސްރީލަންކާގައި މިއަދު ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބުގެ ވޯޓުލުން ނިމުމާއެކު ވަދާއީ ތަގުރީރު ދެއްވަމުން އެގައުމުގެ ރައީސްކަމުން ވަކިވެވަޑައިގަންނަވާ މައިތުރިޕާލަ ސިރިސޭނާ ވިދާޅުވީ މީގެ ކުރިން އެގައުމު ދެކެފައި ނުވާފަދަ ޑިމޮކްރަސީއެއް އޭނާގެ ރިޔާސަތުގައި ގާއިމުކުރެވުނު ކަމަށެވެ.

"އަހަރެންގެ ދައުރުގައި ޑިމޮކްރަސީ ގާއިމުކުރެވުނު. މީގެ ކުރިން މިގައުމު ދެކެފައި ނުވާފަދަ ޑިމޮކްރަސީއަކާއި ނޫސްވެރިކަމުގެ މިނިވަންކަން ދެވުނު،"

ރައީސް ސިރިސޭނާ ވިދާޅުވީ އެކަމުގެ ސަބަބުން ސޯޝަލް މީޑިއާގައި އެމަނިކުފާނަށް އެތައް ފާޑުކިޔުމެއް އަމާޒުވި ކަމަށާއި، ނަމަވެސް އެމަނިކުފާނު ހުންނެވީ ހުށިޔާރުކަންމަތީ ކަމަށެވެ.

ދެހާސް ފަނަރަވަނަ އަހަރުގެ ޑިސެމްބަރު މަހު ސިރިސޭނާ ވެރިކަމަށް ވަޑައިގަތީ އޭރުގެ ރައީސް މަހިންދަ ރާޖަޕަކްސައާ ވާދަކުރައްވި އާންމު ކެންޑިޑޭޓެއްގެ ހައިސިއްޔަތުންނެވެ. ސިރިސޭނާ ވެރިކަމަށް ވަޑައިގަތީ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ)ގެ ސަޕޯޓާއެކުއެވެ. އަދި ވެރިކަމަށް ވަޑައިގެން އެކުލަވާލީ ވެރިކަންކުރާ ޔޫއެންޕީއާއި ސިރިސޭނާ ނިސްބަތްވެވަޑައިގަންނަވާ އިދިކޮޅު ޕާޓީ ކަމުގައިވާ ސްރީލަންކާ ފްރީޑަމް ޕާޓީވެސް އެކުލެވޭ ގޮތަށް އެއްބައިވަންތަކަމުގެ ސަރުކާރެކެވެ.

ސިރިސޭނާގެ ވަދާއީ ތަގުރީރުގައި ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގެ ކޯލިޝަން ތެރޭގައި ދެބަސްވުމާއި ކޯޅުންތަކެއް އުޅުނު ކަމަށާއި އެއީ އެންމެންނަށްވެސް އެނގޭކަމެއް ކަމަށެވެ. އަދި އަމިއްލަ ސަރުކާރުގައިވެސް ފެންމަތިވި ސީރިއަސް މައްސަލަތައް ތަހުގީގުކުރުމަށްޓަކައި ކޮމިޝަންތައް ހެއްދެވިކަންވެސް ފާހަގަކުރެއްވިއެވެ.

މި ފަހަރުގެ އިންތިހާބުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރެއްވުމަށް ނިންމެވި ސިރިސޭނާ ވިދާޅުވީ 1947 ގައި ސްރީލަންކާއަށް މިނިވަންކަން ލިބުނީއްސުރެ އެގައުމުގެ ވެރިއަކަށް މިހާތަނަށް ހާސިލުކުރެވިފައި ނުވާ ކަމެއް ހާސިލުކުރައްވާފައިވާ ކަމަށެވެ.

"ދައުލަތުން ތަދައްޚުލުވި އެއްވެސް ކަމެއްގެ ތެރެއިން މީހެއްގެ ފުރާނަ ގެއްލުވާލާފައެއް ނުވާނެ. މީހެއްގެ ހަށިގަނޑަށް ނުވަތަ މުދަލަށް ގެއްލުން ދެވިފައެއް ނުވާނެ. އަދި ސިޔާސީ ގޮތުން ބަދަލުހިފުމުގެ އެއްވެސް އަމަލެއް ހިންގާފައެއް ނުވާނެ،" ސިރިސޭނާ ވިދާޅުވިއެވެ.

https://sun.mv/126298

ބޮޑު އަގުލަބިއްޔަތަކުން 2015 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ސިރިސޭނާއަށް، އެމަނިކުފާނުގެ ސަރުކާރުގެ އެންމެ ފަހު ދުވަސްކޮޅު ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ. އޭގެ ތެރޭގައި 2018 ވަނަ އަހަރުގެ ތެރޭގައި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ކުއްލި ގޮތަކަށް މަގާމުން ވަކިކުރައްވައި، އިދިކޮޅު ލީޑަރު މަހިންދަ ރާޖަޕަކްސަ ބޮޑުވަޒީރުކަމަށް އައްޔަނުކުރެއްވި ކުރެއްވުމާއި އެއާ ވިދިގެން ހިނގައިދިޔަ ކަންކަން ފާހަގަވެއެވެ. އެންމެ ފަހުން އެގައުމުގެ ސުޕްރީމްކޯޓުން ވަނީ، ސިރިސޭނާ އެކަން ކުރެއްވީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅާފައެވެ.

މީގެ އިތުރުން މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި އެގައުމުގައި ހިނގި ޓެރަރިސްޓް ހަމަލާތަކުގެ މައުލޫމާތު ކުރިއާލައި ލިބިފައި އޮއްވާ އެކަން ހުއްޓުވުމަށް ސަރުކާރަށް ނުކުޅެދުމާއި، އެ މައްސަލައިގައި ސަރުކާރުން އަމަލުކުރި ގޮތަށްވެސް ގިނަ ބައެއްގެ ނުރުހުން އަމާޒުވިއެވެ.

https://sun.mv/127071

އަދި މީގެ 14 އަހަރު ކުރިން ސްރީލަންކާގައި ސްވީޑެންގެ އަންހެނަކު މަރާލިކަން ސާބިތުވެ، މަރަން ހުކުމްކޮށްފައިވާ މީހަކަށް ސިރިސޭނާ މާފު ދެއްވުމުން ދުނިޔޭގެ އެކި ކަންކޮޅުތަކުން އެމަނިކުފާނަށް ފާޑުކިޔުމާއި ނުރުހުމުގެ ބަސްތައް އަމާޒުވެގެން ދިޔައެވެ.

މިއަދު ބޭއްވި އިންތިހާބުގައި ދެވަނަ ދައުރަކަށް ސިރިސޭނާ ވާދަކުރައްވާފައި ނުވާއިރު، މިއީ އެގައުމުގައި ރައީސްކަމުގައި ހުންނެވި ބޭފުޅަކު ދެވަނަ ދައުރަކަށް ކުރިމަތިނުލައްވާ ފުރަތަމަ ފަހަރެވެ. އަދި ސިރިސޭނާ ވަކި ކެންޑިޑޭޓަކަށް ތާއީދު ނުކުރެއްވުމަށް ނިންމެވި އިރު، އެމަނިކުފާނުގެ ސްރީލަންކާ ފްރީޑަމް ޕާޓީން ތާއީދުކުރީ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގް ޕޮޑުޖަނަ ޕާޓީގެ ކެންޑިޑޭޓު ގޯޓާބަޔަ ރާޖަޕަކްސައަށެވެ.

ގޯޓާބަޔަގެ އިތުރުން ދެން އިންތިހާބުގައި ވާދަކުރެއްވި ވަރުގަދަ ކެންޑިޑޭޓުންނަކީ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ޔޫއެންޕީގެ ކެންޑިޑޭޓު ސަޖިތު ޕްރޭމަދާސައާއި، ކޮމިއުނިސްޓް (މާކްސިސްޓް-ލެނިނިސްޓް) ފިކުރުގެ ޖަނަތާ ވިމުކްތި ޕެރަމުނަ (ޖޭވީޕީ)ގެ ކެންޑިޑޭޓު އަނޫރަ ކުމާރަ ޑިސާނާޔަކައެވެ.

ސިރިސޭނާގެ ވަދާއީ ތަގުރީރުގައި ވިދާޅުވީ އެގައުމުގެ ވެރިކަމަށް އަލަށް އަރާވަޑައިގަންނަވާ ރައީސަށް ކުރިމަތިވެލައްވާނެ އެންމެ ބޮޑު ގޮންޖެހުމަކީ ކޮރަޕްޓު މީހުން ނުހިމެނޭ ކެބިނެޓެއް އެކުލަވާލުން ކަމަށެވެ.

މިއަދުގެ އިންތިހާބުގެ ވޯޓުލުން މިއަދު ރާއްޖެ ގަޑިން 4:30 ގައި ނިންމާލާފައިވާއިރު، ވޯޓުލުމުގެ ހައްގު ލިބިފައިވާ 15.9 މިލިއަން މީހުންގެ ތެރެއިން 80 ޕަސަންޓު މީހުން ވޯޓުލުމުގެ ހައްގު ބޭނުންކޮށްފައިވާކަމަށް ލަންކާގެ އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.

comment ކޮމެންޓް