އަހަރު ނިމުމާ އެކު ވިޔާ ފުޓުބޯޅަ ކުޅުން ހުއްޓާލަނީ

ސްޕެއިންގެ ލެޖެންޑް ޑޭވިޑް ވިޔާ --- ފޮޓޯ// ޑެޔަން ކަލިނިޗް

ސްޕެއިނުގެ ތަޖުރިބާކާރު ފޯވާޑް ޑޭވިޑް ވިޔާ މިއަހަރު ނިމުމާ އެކު ފުޓުބޯޅައިން ރިޓަޔާ ކުރުމަށް ނިންމާފައިވާ ކަމަށް އޭނާ ބުނެފި އެވެ.

ޖަޕާނުގެ ވިސެލް ކޯބް އަށް ކުޅޭ އުމުރުން 37 އަހަރުގެ ވިޔާ ވަނީ ސްޕެއިނުން 2008 ގެ ޔޫރޯ އާއި 2010 ގެ ވޯލްޑް ކަޕް ކާމިޔާބުކުރި އިރު ކުޅެފަ އެވެ. އޭނާ 97 މެޗުން 59 ގޯލް ޖަހާފައިވާ އިރު އޭނާ އަކީ ސްޕެއިން ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިއާ ވެސް މެ އެވެ. އޭނާ އަކީ މިފަހުގެ ތާރީހުގައި ދުނިޔޭގައި ވެސް އުފެދުނު އެންމެ މޮޅު އެއް ސްޓްރައިކަރު ކަމަށް ގިނަ ބަޔަކު ދެކެ އެވެ.

ސްޕެއިނުގެ ސްޕޯޓިންގް ގިޖޮންއިން ފުޓުބޯޅައިގެ ހަޔާތް ފެށި ވިޔާ އަކީ މިވަގުތު ދުނިޔޭގެ އެކްޓިވް ކުޅުންތެރިންގެ ތެރޭގައި އެންމެ ގިނަ ގޯލު ޖެހު ކުޅުންތެރިންގެ ލިސްޓުގެ ކުރީގައި ނަން އޮތް ކުޅުންތެރިއެކެވެ. އޭނާ ގިޖޮންގައި ދެއްކި މޮޅު ކުޅުމާ އެކު ދެން އޭނާ ބަދަލުވީ ރެއާލް ޒަރަގޯޒާ އަށެވެ. އެއަށް ފަހު ދެން ވެލެންސިޔާއަށް ބަދަލުވުމާ އެކު އޭނަގެ ނަން އުދަރެހުގައި ވިދަން ފެށި އެވެ.

ވެލެންސިޔާގައި ކުޅެ 100 ގޯލު ހަމަކުރުމުން ވިޔާއަށް ދެން ފުރުސަތު ލިބުނީ ދުނިޔޭގެ އެންމެ ބޮޑު އެއް ކުލަބުކަމަށްވާ ބާސެލޯނާއިންނެވެ. އެ ކުލަބާ އެކު ވެސް ވިޔާ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާ ބޮޑެތި ކާމިޔާބީތަކެއް ހޯދައިފަ އެވެ. އޭގެ ތެރޭގައި 2011 ވަނަ އަހަރު ޗެމްޕިއަންސް ލީގާއި ދެ ލީގު ތަށި ހިމެނެ އެވެ.

ބާސެލޯނާއަށް ފަހު ވިޔާ ދެން ކުޅުނީ އެތުލެޓިކޯ މެޑްރިޑަށެވެ. އެ ކުލަބާ އެކު ވެސް ލީގު ހޯދުމަށް ފަހު އޭނާ ދެން ބަދަލުވީ، އެމެރިކާގެ މޭޖާ ލީގުގެ ނިއުޔޯކް ސިޓީ އެފްސީ އަށެވެ. އެ ކުލަބާ އެކު މޮޅު ކުޅުމެއް ދެއްކުމަށް ފަހު މިހާރުގެ ކުލަބު ކަމަށްވާ ވިސެލް ކޯބްއަށް އައުމުގެ ކުރިން އޭނާ ވަނީ މެލްބޯން ސިޓީއާ އެކު ކުޑަ ދުވަސްކޮޅެއް ހޭދަ ކޮށްފަ އެވެ.

އުމުރުން ދުވަސްވެފައި ހުއްޓަސް ވިޔާ އަދިވެސް އަންނަނީ ޖަޕަނީސް ލީގުގައި އަލިގަދަ ތަރިއެއް ފަދައިން ވިދަމުންނެވެ. މިހާތަނަށް އޭނާ އެ ކުލަބަށް ކުޅެދިން 26 މެޗުގައި 18 ގޯލު ވަނީ ޖަހައިފަ އެވެ.

comment ކޮމެންޓް