ރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރުމަށް އުފައްދާފައިވާ މޯލްޑިވްސް މާކެޓީން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ކުރިއަށް ގެންދާ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު އިންޑަސްޓްރީގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކަށް ދިނުމުގެ ގޮތުން، އެ ކުންފުނީގެ މެންބާޝިޕް ފީ ކުޑަކުރަން ނިންމައިފި އެވެ.
އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު މިއަދު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި އިޝްތިހާރު ކުރުމަށް ކުރާ މަސައްކަތުގައި އިންޑަސްޓްރީގެ ފަރާތްތަކުން މުހިއްމު ރޯލެއް އަދާކުރާ ކަމަށެވެ.
"އެމްއެމްޕީއާރުސީ އިން ކުރާ ކަންތައްތަކުގައި ބައިވެރިވެވޭނީ މެންބަރުންނަށް. މެންބަޝިޕް ފީގެ ގޮތުގައި މިހާތަނަށް ނަގަމުން ދިޔައީ ވަރަށް ބޮޑު އަދަދެއް. މިހެން ވުމުން ޓޫރިސްޓު ރިސޯޓުތަކުގެވެސް 50 ޕަސެންޓަކީ އަޅުގަނޑުމެންގެ މެންބަރުންނެއް ނޫން،" ތޮއްޔިބު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ވަރަށް ދަތިތަައް ދިމާވޭ ހަރަކާތްތައް ކުރިއަށް ގެންދާއިރު، ބައެއް ފަރާތްތަކުން އެބަ ބުނޭ ކީއްވެހޭ ތިމަންނަމެންގެ ރަށަށް ފޭމް ޓްރިޕްގައި ނައީ. ކީއްވެހޭ ތިމަންނަމެންގެ ގެސްޓުހައުސް އަށް މިވެނި ބަޔަކު ނުފޮނުވީ. އަޅުގަނޑުމެންގެ އޮންނަ އުސޫލަކީ މެންބަރުންނަށް އަޅުގަނޑުމެންގެ ހަރަކާތްތަކަށް ފުރުސަތު ދެވެނީ،"
ތޮއްޔިބު ވިދާޅުވީ މެންބާޝިޕް ފީ ބޮޑުވުމުގެ ސަބަބުން ގިނަ ގެސްތުހައުސް އަދި ރިސޯޓުތަކަށްވެސް ދަތިވާތީ، އެމްއެމްޕީއާރުސީގެ ބޯޑުން މިހާރު ނިންމާފައިވަނީ މެންބާޝިޕް ފީ ކުޑަ ކުރުމަށް ކަމަށެވެ.
އެގޮތުން މީގެ ކުރިން ރިސޯޓު އަދި ހޮޓާތަކުން މެންބާޝިޕްފީގެ ގޮތުގައި އަހަރަކު ނަގަމުންދިޔަ 1500 ޑޮލަރުގެ ބަދަލުގައި މިހާރު ނަގަން ނިންމާފައިވަނީ 750 ޑޮލަރު ކަމަށާއި ގެސްޓުހައުސް އަދި ލިވަބޯޑުތަކުން ނަގަމުންދިޔަ 1000ގެ ބަދަލުގައި ދެން ނަގާނީ 250 ޑޮލަރު ކަމަށް ތޮއްޔިބު ވިދާޅުވި އެވެ.
މީގެ ކުރިން ކޮންމެ އެނދަކުން ނެގި 40 ޑޮލަރުގެ ފީ ނުނަގަން ނިންމާފައިވާ ކަމަށްވެސް ތޮއްޔިބު ވިދާޅުވި އެވެ.
ތޮއްޔިބު ވިދާޅުވީ ފީ ކުޑަކުރުމުން އެމްއެމްޕީއާރުސީ އަށް ލިބޭ ފައިދާ ކުޑަވާނެ ކަމަށާއި ނަމަވެސް އެކުންފުންޏަކީ ފަތުރުވެރިކަމުގެ ދާއިރާއަށް ހިދުމަތް ދޭން އުފައްދާފައިވާ ކުންފުންޏެއް ކަމުން މި ބަދަލުގެ ފައިދާ އިންޑަސްޓްރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ކުރާނެ ކަމަށެވެ.
"މެންބާޝިޕް ފީ ކުޑަކުރިނަމަވެސް ކުރިން ނަގާގޮތަށް ކޮންމެ ފެއާ ނުވަތަ ހަރަކާތުގައި ބައިވެރިވުމަށް ނަގާ ފީ ނެގޭނެ،" ތޮއްޔިބު ވިދާޅުވި އެވެ.