މަސްބޭނުމަށް ދ. ކުޑަހުވަދޫއިން ފަތުރުވެރިން ގޮވައިގެން ދިޔަ ޑިންގީއެއް ރާޅަކާއެކު ބަންޑުން ޖަހާލައި، އޭގައި އިން ފަތުރުވެރިއަކު މަރުވެއްޖެއެވެ.
އެމްއެންޑީއެފްއިން ބުނި ގޮތުގައި ކުޑަހުވަދޫ ކަނޑުއޮޅިއާ ދިމާލުން ޑިންގީއެއް ބަންޑުން ޖަހައިލިކަމުގެ މައުލޫމާތު ލިބުނީ ހަވީރު 4:20 ހާއިރުއެވެ.
ބަންޑުން ޖަހާލި ޑިންގީގައި ތިބީ ޖުމްލަ ހަ މީހުންނެވެ--އެއީ ދެ ދިވެހީންނާއި ސްވީޑަންއަށް ނިސްބަތްވާ ހަތަރު މީހުންނެވެ.
ދ. ކުޑަހުވަދޫ ކައުންސިލުގެ ރައީސް އަހްމަދު ޝާމް "ސަން"އަށް ވިދާޅުވީ މި ހާދިސާގައި މަރުވީ ސްވީޑަންގެ ފަތުރުވެރިއެއް ކަމަށާއި އޭނާ ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ޝާމް ވިދާޅުވިއެވެ
އެ ހަތަރު ފަތުރުވެރިންނަކީވެސް ވެސް ކުޑަހުވަދޫގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ބައެކެވެ. ކައުންސިލުގެ ރައީސް ވިދާޅުވީ ހަތަރު މީހުންވެސް ތިބީ އެރަށުގެ ގެސްޓްހައުސެއްގައި ކަމަށެވެ.
ފުލުހުން ބުނީ މި ހާދިސާ ހިނގީ މަސް ބޭނުމަށް ގޮސް އުޅެނިކޮށް ޑިންގީ ފަރަކާ މާ ބޮޑަށް ކައިރިކޮށްލެވުނު ވަގުތެއްގައި ޖެހި ރާޅަކާއެކު ޑިންގީ ބަންޑުން ޖަހާލުމުން ކަމަށެވެ.
"މިއަދަކީ ދ. އަތޮޅަށް މޫސުން ރަނގަޅު އަދި ކަނޑު މަޑު ދުވަހެއްކަން ފާހަގަކުރެވޭ. ނަމަވެސް ހާދިސާ ހިނގާފައިވަނީ ފަރުމައްޗާ ތަންކޮޅޭއް ގާތް ކުރެވުމުގެ ސަބަބުންކަން މިހާތަނަށް ބެލި ބެލުމުން ފާހަގަކުރެވޭ،" ފުލުހުން ބުންޏެވެ.
އެމްއެންޑީއެފްއިން ބުނީ އެމީހުން ކޯސްޓްގާޑް ސްކޮޑްރޮންއިން އެ ސަރަހައްދަށް ދިޔަ އިރު ކަނޑުވި މީހުން ސަލާމަތްކޮށްގެން އަނބުރާ ކުޑަހުވަދޫއަށް ގެންގޮސްފައިވާ ކަމަށާއި އެމީހުން ސަލާމަތްކުރީ ކުޑަހުވަދޫއިން ޖެޓްސްކީގައި ދިޔަ ބަޔަކު ކަމަށެވެ. އަދި އެމީހުންނަށް އެރަށު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށް އެމްއެންޑީއެފުން ބުނެއެވެ.