ޓީމު ނަގަނީ އުމުރަކަށް ބެލުމެއް ނެތި، އެ އިރެއްގެ އެންމެ މޮޅު ކުޅުންތެރިން: ސެގާޓް

ގައުމީ ޓީމުގެ ކޯޗު ޕީޓަރ ސެގަރޓްއާއި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގު --- ސަން ފައިލް ފޮޓޯ/ ފަޔާޒް މޫސާ

ގައުމީ ފުޓުބޯޅަ ޓީމަށް ކުޅުންތެރިން ނަގަނީ ވަކި އުމުރަކަށް ބެލުމެއް ނެތި ކަމަށާއި ޓީމަށް ނަގަނީ އެ އިރެއްގައި އެންމެ މޮޅު ކުޅުންތެރިން ކަމަށް ކޯޗު ޕީޓަރ ސެގާޓް ބުނެފި އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ މަހު މާލޭގައި ފިލިޕީންސް އަދި ގުއާމާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ސްކޮޑު މެލޭޝިއާގެ ޓްރެއިނިން ކޭމްޕަކަށް ފުރުމުގެ ކުރިން ރޭ މީޑިއާގެ ސުވާލުތަކަށް ޖަވާބުދެމުން ސެގާޓް ބުނީ ގައުމީ ޓީމަށް ނަގަނީ ޒުވާން ކުޅުންތެރިން އަދި ދުވަސްވީ ކުޅުންތެރިންނަށް ބެލުމެއ ނެތި ކަމަށެވެ. ޓީމަށް އެރުން ހައްގުވާ ކޮންމެ ކުޅުންތެރިއަކަށް ވެސް އެ ފުރުސަތު އޮތް ކަން އޭނާ ވަނީ ފާހަގަކޮށްފަ އެވެ.

"ކޮންމެ ކުޅުންތެރިޔަކަށް ވެސް ގައުމީ ޓީމުގެ ޖާގަ ހައްގު ނަމަ އެ ފުރުސަތު އޮންނާނެ. ކޮންމެ ކުޅުންތެރިޔަކު ވެސް ވޯލްޑް ކަޕު ކޮލިިފައިންގައި ކުޅެން ބޭނުންވާނެ. އެއީ އެއް ނޫން ޕޮއިންޓަކީ. އަހަރެން މަގާމަށް އަންނަމުން ވެސް ބުނިން ބަދަލުތަކެއް ގެންނާނަމޭ. އެކަން އަހަރެން ކުރީ." ސެގާޓް ބުންޏެވެ.

އޭނާ ބުނީ، ގުއާމް މެޗުގައި ކުޅުނު ދިވެހި ޓީމަކީ ތާރީހުގައި ވެސް ރާއްޖޭގެ ސީނިއާ ޓީމުގައި ކުޅުނު އެންމެ ޒުވާން ޓީމު ކަމަށެވެ. އެހެން ނަމަވެސް ހުރިހާ މެޗެއްގައި އެގޮތަށް ޓީމު ނުބޭއްވޭނެ ކަމަށެވެ.

"ޓީމު ޖެހޭނެ ހަމަހަމަ ވާން. ޒުވާން ކުޅުންތެރިންނާއި ތަޖުރިބާކާރު ކުޅުންތެރިން ވެސް ޓީމުގައި ތިބެން ޖެހޭ. ބައެއް ތަޖުރިބާކާރު ކުޅުންތެރިން ފުރުސަތު ލިބުނީމަ ބައެއް ފަހަރު ގޯސްކޮށް ކަންތައް ކުރޭ. އެކަމަށް މާފަށް އެދުމުން އަލުން ގައުމީ ޓީމުން ޖާގަ ދީފަ އެތިބީ،" ގުއާމާ ދެކޮޅަށް ގައުމުން ބޭރުގައި ކުޅުނު މެޗުގެ ޕްރެކްޓިހަށް ހާޒިރު ނުވުމުން އޭރު ޓީމުން ވަކިކުރި އީގަލްސްގެ ދެ ފޯވާޑުން ކަމަށްވާ އަހުމަދު ރިޒުވާން (ރިޒޭ) އާއި އަލީ ފާސިރު (ސެންޓޭ) އަށް އިޝާރަތް ކުރަމުން ކޯޗު ބުންޏެވެ.

މީގެ އިތުރުން ބައެއް ޒުވާން ކުޅުންތެރިންނަށް ވެސް ދިމާވެފައި އޮތް ހާލަތާ މެދު ކަންބޮޑުވުން ކޯޗު ވަނީ ފާޅު ކޮށްފަ އެވެ. އެގޮތުން ވިކްޓަރީ ސްޕޯޓްސް ކުލަބުން ރިލީޒް ނުލިބުމުގެ ސަބަބުން ގައުމީ ޓީމާ އެކު ޓްރެއިނިންގެ ކޭމްޕަށް ދިއުމުގެ ފުރުސަތު ނުލިބުނު އަހުމަދު ނާހިލް އިބްރާހިމްގެ ވާހަކައަށް އަލި އަޅުވާލަމުން ކޯޗު ބުނީ އޭނާ ޓީމަށް ނަގަން ބޭނުންވާ ކުޅުންތެރިން ނުލިބުމުން ހިތާމަކުރާ ކަމަށެވެ.

ގައުމީ ޓީމަކީ މުޅި ގައުމުގެ މަސްލަހަތު ހިމެނޭ ކަމަކަށް ވާތީ ޓީމު ނަގާނީ މުޅި ގައުމަށް ވެސް ފައިދާ ވާނެ ގޮތަކަށް ބެލުމަށްފަހު ކަމަށް ކޯޗު ބުންޏެވެ.

ދޮށީ އުމުރުގެ ކުޅުންތެރިންނަށް ގައުމީ ޓީމުން ފުރުސަތު ދިނުމާ މެދު ތަފާތު ވިސްނުމެއް މީގެ ކުރިން ގެނގުޅެ އެކި ފަހަރު އެކި ގޮތަށް ވާހަކަ ދައްކާފައިވާ ސެގާޓް ރޭ ބުނީ ޓީމު އެކުލަވާލަނީ އުމުރަށް ބަލައިގެން ނޫން ކަމަށެވެ. އަދި އަލީ އަޝްފާގު (ދަގަނޑޭ) އަށް ޓީމުން ފުރުސަތު ދިނީ އޭނާ މާފަށް އެދުމުން ކަމަށާއި އޭނާ ޓީމަށް އެރުމަށް ކުރި މަސައްކަތް ބަލައިގަންނަ ކަމަށެވެ.

"އަޝްފާގަކީ މުޅިން ތަފާތު ވާހަކައެއް. އެވާހަކަ އަސްލު ދެއްކުމުގެ ބޭނުމެއް ވެސް ދެން ނެތް. އަހަރެން ނުބަލަން އޭނަ މުސްކުޅިތޯ ނުވަތަ ޒުވާންތޯ އެއް. އެއް އަހަރާއި ބައި ވަންދެން އަހަރެންގެ ފަރާތުން އޭނަ އަށް ލިބުނު އަދަބަށް ފަހު ގައުމީ ޓީމުން އޭނަ އަށް ޖާގަ ހައްގު. އެއީ ވަރަށް ދިގު މުއްދަތެއް. އޭނާ އެންމެންނަށް ވެސް ސާބިތު ކޮށްދީފި ގައުމީ ޓީމަށް އޭނަގެ މުހިއްމުކަން."

ގައުމީ ޓީމުން މެލޭޝިޔާގައި އަންނަ މަހު ނުވަ ވަނަ ދުވަހާއި ހަމައަށް ކޭމްޕް ކުރުމަަށް ވަނީ ނިންމާފަ އެވެ. އެއަށްފަހު ގައުމީ ޓީމުން ގަލޮޅު ދަނޑުގައި ފިލިޕީންސްއާ ދެކޮޅަށް ނުކުންނާނީ އެ މަހުގެ 14 ވަނަ ދުވަހު އެވެ. އަދި އޭގެ ފަހުން 19 ވަނަ ދުވަހު ރާއްޖެ ކުޅޭނީ ގުއާމްއާ އެވެ.

comment ކޮމެންޓް