އެކަނިވެރި ކޮންމެ މަޔަކަށާއި ބަފަޔަކަށް 10،000 ރުފިޔާ ދެނީއެއް ނޫން

އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެލަވެންސް ރިވައިސް ކުރުމާއެކު އާންމުންގެ ތެރޭގައި ވާހަކަ ދެކެވިގެން ދިޔައީ އެކަމުގެ ހަގީގަތް އޮޅޭގޮތަށް ކަމަށް އެންސްޕާ އިން ބުނެފި އެވެ.

އެކަނިވެރި މައިންނަށާއި ބަފައިންނަށްދޭ އެލަވެންސް 10،000 ރުފިޔާއާ ހަމަޔަށް ބޮޑު ކުރެވޭ ގޮތަށް އެ ލަވަންސް ދޭ އުސޫލު އިސްލާހު ކުރަން އިއްޔެ ވަނީ ވަޒީރުންގެ މަޖިލީހުން ނިންމަވައިފަ އެވެ.

އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ނިންމާފައިވަނީ މަހެއްގެ މައްޗަށް އާއިލާއަކަށް އެންމެ ގިނަވެގެން ދެވޭ އަދަދު 10،000 ރުފިޔާއަށް އިތުރުކުރުމަށެވެ. މީގެ ކުރިން އެހީގެ މިންވަރު ކަނޑައަޅާފައި ވަނީ ކުދިންގެ މައްޗަށް ބިނާކޮށް، ކޮންމެ ކުއްޖަކަށް 1000 ރުފިޔާ ހިސާބު ކުރުމަށްފަހު މަހެއްގެ މައްޗަށް އާއިލާއަކަށް އެންމެ ގިނަވެގެން 3000 ރުފިޔާ ލިބޭގޮތަށެވެ.

މި ބަދަލާ ގުޅޭގޮތުން އެންސްޕާ އިން މިއަދު ނެރުނު ބަޔާނުގައި ބުނީ ކުރީގެ އުސޫލުގެ ދަށުން ތިންކުދިންނަށްވުރެ ގިނައިން ތިބި ނަމަވެސް އެކަނިވެރި މައިންނާއި ބަފައިންނަށްދޭ އިނާޔަތުގެ ގޮތުގައި ލިބޭނީ 3000 ރުފިޔާ ކަމަށާއި މިހާރު 10 ކުދިންނާއި ހަމައަށް ކޮންމެ ކުއްޖަލަށް 1000 ރުލިފާ ލިބޭނެ ކަމަށެވެ.

އެކަނި ދަރިން ބަލާ މައިންބަފައިންގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކުރިން ލިބެމުންދިޔައީ އެއް އެހީ ނަމަވެސް އާ ބަދަލާއެކު އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެހީ އާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށްދޭ އެލަވެންސް އެކީ ލިބޭނެ އެފަދަ މައިންބަފައިންއަށް ލިބޭނެ އެވެ.

އެންސްޕާއިން ބުނި ގޮތުގައި، ރައްޔިތުންގެ ހާލަތަށް ރިއާޔަތްކޮށް އެކަށީގެންވާ ގޮތެއްގެ މަތިން އެކަނި ދަރިން ބަލަހައްޓާ މައިންބަފައިން އިސްތިސްނާ ނުވާނެ ގޮތެއްގެ މަތިން އިންކަމް ތްރެޝްހޯލްޑެއް ކަނޑައެޅިގެންދާނެ އެވެ. ގޭބީސީގައި ދިރިއުޅޭ އެހެން މީހުންގެ އާމްދަނީގެ ސަބަބުން އެކަނި ދަރިން ބަލަހައްޓާ މައިންބަފައިންނަށް އިނާޔަތް ލިބުމުން އިސްތިސްނާ ނުވާނެ ކަމަށްވެސް އާ އުސޫލުގައި ވެއެވެ.

މިއަދު ރައީސް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި "ނުވަގަޑިި" ސެޝަންގައި ވެސް މި އުސޫލަށް ގެނައި ބަދަލާ ގުޅޭގޮތުން ވަނީ ވާހަކަ ދައްކައިފަ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނުވަގަޑި ޕްރޮގްރާމުގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒު މޫސާ

"މިސާލަކަށް އާއިލާއެއްގައި މި ތިބެނީ ހަ ކުދިން. އެހެންވީމާ މިހާރު އެކަނިވެރި މައިންބަފައިންގެ އެލަވެންސްގެ ގޮތުގައި މި ލިބެނީ ތިންހާސް. ކުއްޖެއްގެ ބޮލަކަށް އެއްހާސް ކަމަށް ބަލަންޏާ، ތިންކުދިންނަށް ލިބިފައި އަނެއް ތިންކުދިންނަށް މި އޮންނަނީ ނުލިބި. އެ އާއިލާއެއްގައި ހުރީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއް. އޭނައަށް 2000 ރުފިޔާ ލިބޭކަމަށް ވަންޏާ އެ އެކަނިވެރި މައިންބަފައިންނަށް ނުލިބޭ އެކަނިވެރި މައިންބަފައިންނަށް ލިބޭ އެލަވެންސް އެއް، އެހެންވީމާ އެއީ އިންސާފުވެރިގޮތެއް ނޫން،" މިއަދު ރައީސް އޮފީހުގައި ބޭއްވި ނުވަގަޑި ޕްރޮގްރާމުގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުދެއްވަމުން އެ އޮފީހުގެ އަންޑާ ސެކްރެޓަރީ އާއިޝަތު ނަޒްހަތު ވިދާޅުވި އެވެ.

"މި ގެނައި ބަދަލާއެކު ޑިސްއެބިލިޓީ ހުންނަ ކުއްޖާގެ އާއިލާއަށްވެސް އެކަނިވެރި މައިންބަފައިން ބަލަހައްޓަންޏާ އެދެ އެލަވެންސް ލިބޭނެ،"

ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އާމިނަތު ޝައުނާ މިއަދު ވިދާޅުވީ އެކަނިވެރި މައިންބަފައިންނަށް ދޭ އެލަވެންސް އަށް ބަދަލު ގެނައިގޮތަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލަވެންސް އަށް ބަދަލު ގެނައުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ. އެގޮތުން ޑިސްްއެބިލިޓީގެ ހުންނަ މިންވަރަކަށް ބެލުމަށް ފަހު، އެލަވެންސް ކަނޑައެޅުމާ ގުޅޭ މަސައްކަތްތައް ކުރެވެމުންދާކަން ޝައުނާ ފާހަގަ ކުރެއްވި އެވެ.

comment ކޮމެންޓް