ލޯނެއް ނުދައްކައިގެން ހުޅުމާލޭގެ 5 ބިމެއް ވިއްކާލަނީ

އެމްސީބީ ހިންގާ އިމާރާތް -- ފައިލް ފޮޓޯ

މޮރީޝަސް ކޮމާޝަލް ބޭންކުން (އެމްސީބީ) ނަގާފައިވާ ލޯނެއް ނުދައްކައިގެން ލޯނުގެ ރަހުނުގެ ގޮތުގައި ކަނޑައަޅާފައިވާ ފަސް ބިމެއް ވިއްކާލަން އިއުލާނު ކޮށްފި އެވެ.

އެމްސީބީ އިން ވިއްކާލަން އިއުލާނުކޮށްފައިވަނީ ހުޅުމާލޭގެ ފަސް ބިމެކެވެ. އެއީ ލޮޓް ނަންބަރު 10255 އާއި 10256ގެ އިތުރުން ލޮޓް ނަންބަރު 10257، 10623އަދި 10630 އެވެ.

މި ފަސް ބިމަކީ މުހައްމަދު ބާގިރު، ވ.ރާހި އަދި ޒީނިޔާ މުހައްމަދު ޒާހިރު، ހަނދުވަރީގެ/ކ.ކާށިދޫ ޔަގީންކަން ދީގެން އެޓޯލް ޕެރަޑައިސް ޕްރައިވެޓް ލިމިޓެޑްގެ އެދުމަށް ކޮމާޝަލް ބޭންކުން ނަގާފައިވާ ލޯނުގެ ރަހުނުގެ ގޮތުގައި ކަނޑައަޅާފައިވާ ފަސް ބިމެވެ.

އެޓޯލް ޕެރަޑައިސް ޕްރައިވެޓް ލިމިޓެޑުން އެމްސީބީ އިން 2012 ވަނަ އަހަރު 3.6 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް އަދި 2013 ވަނަ އަހަރު 600،000 ޑޮލަރުގެ ފެސިލިޓީ އެއްބަސްވުމެއްގެ ދަށުން 150،000 ޑޮލަރު ވަނީ ދޫކޮށްފަ އެވެ. ބޭންކާއެކު ވެފައިވާ އެއްބަސްުމާއެއްގޮތަށް މި ފައިސާ ބޭންކަށް ދައްކާފައިނުވާތީ، އެމްސީބީ އިން ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ.

މި މައްސަލާގައި ސިވިލްކޯޓުން 2016 ވަނަ އަހަރު ކުރި ހުކުމްގައި ވަނީ އެމްސީބީ އިން އެޓޯލް ޕެރަޑައިސް އަށް ދޫކޮށްފައިވާ ލޯނު އެއްބަސްވުމުގެ ދަށުން ލޯނުގެ ފައިސާ ދައްކަމުން ގޮސްފައި ނުވާތީ 30 ޖޫން 2015ގެ ނިޔަލަށް އެ ލޯނަށް ދައްކަންޖެހޭ 4.32 މިލިއަން ޑޮލަރު ޑިސެމްބަރު 14، 2016 އިން ފެސިގެން ތިން މަސް ތެރޭ ދައްކަން ހުކުމް ކުރާ ކަމަށެވެ.

އެ މުއްދަތުގެ ތެރޭގައި އެ ފައިސާ ނުދައްކާނަމަ އެ ލޯނު މުއާމަލާތުގައި ރަހުނުކޮށްފައިވާ ހުޅުމާލޭގެ ބިންތައް ވިއްކާލުމުގެ ހައްގު އެމްސީބީއަށް ލިބިގެންވާކަމަށްވެސް ސިވިލްކޯޓުން ކުރި ހުކުމްގައިވެ އެވެ.

އޭގެ ފަހުން 2017 ވަނަ އަހަރުގެ އޮކްޓޯބަރު 19 ވަނަ ދުވަހު ސިވިލްކޯޓުން އެ މައްސަލާގައި ކުރި ހުކުމްގައި ބުނެފައިވަނީ ޑިސެމްބަރު 14، 2016 ވަނަ ދުވަހު އެ ކޯޓުން ކުރި ހުކުމާ އެއްގޮތަށް އެޓޯލް ޕެރަޑައިސް އިން އެމްސީބީ އިން ނެގި ލޯނަށް ފައިސާ ދައްކަމުން ނުދާ ކަމަށާއި، އެހެންކަމުން އެ ލޯނުގެ ރަހުނުގެ ގޮތުގައި ކަނޑައަޅާފައިވާ ފަސް ބިން ވިއްކާލުމުގެ ހައްގު އެމްސީބީ އަށް ލިބިގެންވާ ކަމަށެވެ.

އެ ފަސްބިން ވިއްކާލައިގެން ބާކީ ދައްކަންޖެހޭ ފައިސާއެއް އޮތްނަމަ އެޓޯލް ޕެރަޑައިސް އަދި މުހައްމަދު ބާގިރާއި ޒީނިޔާ މުހައްމަދު އެ ފައިސާ އެމްސީބީ އަށް ދައްކަންޖެހޭނެ ކަމަށްވެސް އެ ހުކުމްގައި ވެއެވެ.

މި ފަސް ބިން ވިއްކާލުމަށް އެމްސީބީ އިން ކުރި އިއުލާނުގައި ބުނެފައިވަނީ މި ފަސް ބިން ގަތުމަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާކަމަށެވެ. އަދި އެ ފަސް ބިން ހުރިތަން ބެލުމުގެ ފުރުސަތުވެސް ބިޑު ހުށަހަޅާ ފަރާތްތަކަށް އޮންނާނެ ކަމަށް އިއުލާނުގައިވެ އެވެ.

މި ބިންތައް ގަތުމަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓު ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ. ކޮންމެ ބިމަކަށްވެސް ބިޑު ހުށަހަޅަންޖެހޭނީ ވަކިވަކިން ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.

comment ކޮމެންޓް