ޖިންސީ ހަމަހަމަކަމަށް ގޮވާލާ މީހުން ނައްތާލަން ޖެހޭ: މެމްބަރު ނަޝީދު

ލާދީނީ ފިކުރާއި، ހަރުކަށި ފިކުރުގެ މީހުންނާއި ޖިންސީ ހަމަހަމަކަމަށް ގޮވާލާ މީހުން ރާއްޖެއިން ނައްތާލަން ޖެހޭ ކަމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ޑިމޮކަރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގައި ދީނާ ހިލާފު ވާހަކަތަކެއް ހުރުމުން، މެމްބަރު ވަނީ އިސްލާމްދީނަށް ފުރައްސާރަކުރުމާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅުއްވައިފަ އެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވައި، ދެއްކެވި ވާހަކައިގައި ނަޝީދު ވަނީ ޖިންސީ ހަމަހަމަކަމަށް ގޮވާލާ މީހުންނަކީ ކަތުރުފަނިތަކެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ.

"އަޅުގަނޑު މިބުނަނީ ލާދީނީ މީހުން ނައްތާލާށޭ. އިސްލާމްދީނާ ދެކޮޅަށް ވާހަކަ ދައްކާ މީހުން، ރެއިންބޯ ކުލައިގެ މީހުން ނައްތާލާށޭ. ހަމަހަމަ ކަމަށް މި ގޮވާލާ، އަންހެނުންނާ ފިރިހެނުންގެ ހަމަހަމަކަމަށް، އަންހެނަކަށް އޮންނަ ކޮންމެ ހައްގަކާ، ފިރިހެނަކަށް އޮންނަ ކޮންމެ ހައްގަކާ ހަމަހަމަކަމަށް ގޮވާލާ މީހުން ނައްތާލަންވީ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ މި "ކަތުރުފަނިތައް" ގިނަވުމުގެ ކުރިން ނައްތާލަން ފަސޭހަވާނެ ކަމަށާއި، ނައްތާނުލެވިއްޖެނަމަ ގައުމު ހަލާކުވެގެން ހިނގައިދާނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ ލާދީނީ ފިކުރާ އެއްގޮތަށް، ހަރުކަށި ފިކުރުވެސް ނައްތާލަން ޖެހޭ ކަމަށާއި، ނޫންނަމަ ރާއްޖެ ކުރިއަށް ނުދާނެ ކަމަށެވެ. ހަމަ އެއާއެކު ދީނާ ދެކޮޅަށް މަސައްކަތް ކުރާ މީހުން ދިވެހި ރައްޔިތު ކަމުން ވަކި ކުރަން ވެސް މެމްބަރު ވަނީ ގޮވާލައިފަ އެވެ.

""ހަގީގަތުގައި ދީނާ ދެކޮޅަށް މަސައްކަތް ކުރާ މީހުން އެބަޖެހޭ ރާއްޖޭގެ އައިޑެންޓިޓީން ކަނޑާލަން ވެސް. ކީއްވެގެންތޯ އެކަންތައްތައް ނުކުރެވެންވީ. ގާނޫނުގައި އެބަ ބުނޭ އިސްލާމަކަށް ވާންޖެހޭނޭ ދިވެހި ރައްޔިތަކަށް ވަންޏާ. އެއް ޖިންސުން ގުޅުން ހިންގާ މީހާ ވެސް އެބަ އިނދޭ ދިވެހި ރައްޔިތެއް ކަމުގައި. ގައުމުން ބޭރުކުރަން ވީ ނޫންތޯ. މިނިވަންކަމާ އެކު އުޅެން އެމީހުން ބޭނުންތަނަކަށް ދާންވީ ނޫންތޯ. މި ފަސްގަނޑު ކޮންމެހެން ހަލާކު ކުރާނެ ކަމެއް ނެތެއް ނޫންތޯ،" ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގައި ހަރުކަށި ފިކުރު އިތުރުވަނީ ލާދީނީ ފިކުރުގެ މީހުންނަށް ފިޔަވަޅު ނޭޅޭތީކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އެންމެ ކުރިން ފެށިގެން އިސްލާމް ދީނާ ދެކޮޅަށް ވާހަކަ ދައްކާ މީހުންނާ ދޭތެރޭ އެކަށީގެންވާ ފިޔަވަޅު އެޅުނު ނަމަ މިއަދު މި ގައުމުގެ ކަންކަން މި ހިސާބަށް ނުދާނެ ކަމަށް މެމްބަރު ވިދާޅުވި އެވެ.

ނަޝީދު ވަނީ އެމްޑީއެންގެ ރިޕޯޓަކީ ރާއްޖެއިން އިސްލާމްދީން ނައްތާލުމަށް ކޮށްފައިވާ މަސައްކަތެއް ކަމަށެވެ. އެގޮތުން އެ ރިޕޯޓުގައި ދިވެހި ބައެއް އިލްމުވެރިންގެ ނަންތައް ހިމަނާފައި ވުމުން، އެ ފަރާތްތަކަށް ބޭރު ގައުމުތަކަށް ދަތުރު ކުރުމާއި، ބޭރުގެ ޔުނިވާސިޓީތަކުން ކިޔެވުމުގެ ފުރުސަތު ހާސިލްކުރުމަށް ވެސް ހުރަސް އެޅިފައިވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ ރިޕޯޓު ނެރުނީ ކޮން އަހަރެއްގައިކަން ބެލުމަކީ މުހިންމު ކަމެއް ނޫން ކަމަށާއި، ނަމަވެސް 2015 ވަނަ އަހަރު ނެރުނީ 25 ސަފްހާގެ ރިޕޯޓެއް ކަމަށާއި 2018 ވަނަ އަހަރު ރިޔާސީ އިންތިހާބަށް ފަހު ނެރުނު ރިޕޯޓަކީ 124 ސަފްހާގެ ރިޕޯޓެއް ކަމަށް މެމްބަރު ވިދާޅުވި އެވެ.

ދެ ރިޕޯޓުގެ ހާޑް ކޮޕީ މަޖިލީހަށް ދައްކަމުން މެމްބަރު ދެއްކެވި ވާހަކައިގައި ވިދާޅުވީ ދެ ރިޕޯޓުގައި ވަރަށް ބޮޑެތި ތަފާތުތައް ހުރި ކަމަށާއި 2015 ވަނަ އަހަރު ދިވެހިންނަށް ފެންނަހެން އާންމު ކުރި ރިޕޯޓުގައި ބައެއް ކަންކަން ނުހިމަނާ ކަމަށެވެ.

ނަމަވެސް އެމްޑީއެންގެ ތަފްސީލު ރިޕޯޓު ބޭރުގެ "ލާދީނީ" މިޝަނަރީތަކަށް ފޮނުވާފައިވާ ކަމަށެވެ.

މަޖިލީހުގެ ތަޅުމުގައި މިއަދު ކުރިއަށް ދިޔަ ބަހުސް ހޫނުވެ، ނަޝީދު ވަނީ މަޖިލީހުގެ ތަޅުން ދޫކުރައްވައި ނުކުމެވަޑައިގެންފަ އެވެ.

comment ކޮމެންޓް